އޭއެފްސީ

މަސައްކަތް ނުފެށެނީސް ސުވާފް އިނދަޖެހި ވެއްޓުނީ ކީއްވެ؟

ހުޅަނގާއި ދެކުނު އޭޝިއާގެ 14 ގައުމު ގޮވައިގެން ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި، އޭޝިއާގެ ދެކުނާއި ހުޅަނގުގެ ފުޓްބޯޅަ ޖަމްއިއްޔާ، ސުވާފުގެ މަސައްކަތް ފަށައިގަތުމުން، އޭގައި ބައިވެރިވި ގަތުމުތަކުން ފެނުނީ ތަފާތު ރޫހެކެވެ.

ކޮންމެ ގައުމަކުންވެސް، އެ ގައުމެއްގެ ފުޓްބޯޅަ ކުރިއެރުވުމަށް ލިބޭ ބޮޑު ފުރުސަތަކަށް އެކަންވާނެ ކަމަށް ބުންޏެވެ. ސުވާފު ރަސްމީކޮށް ލޯންޗުކުރަން ބޭއްވި ހަރަކާތާއި ގުޅިގެން ދެއްކި ވީޑިއޯގައި، ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވިދާޅުވީ، ސުވާފުގެ މެދުވެރިކޮށް ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރަން ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. ސުވާފުގެ ނައިބު ރައީސް ކަމަށް ރާއްޖޭގެ އޮލިމްޕކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އިންތިހާބުވެވަޑައިގެންނެވި އެވެ.

ދެކުނު އޭޝިއާ ސަރަހައްދަށްވުރެ ވަރުގަދަ ޒޯންއެއްގައި، ވާދަ ކުރަން ކެތްމަދުވެފައި އޮތް ސަރަހައްދުގެ ބާރު އިންޑިއާވެސް ދިޔައީ، ސައުދީން ހުޅުވާލި ދޮރުން އިންޑިއާގެ ފުޓްބޯޅައަށް ބޮޑު ފުރުސަތަކަށް ވާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް، ސުވާފު އިނދަޖެހި ބަލިކަށި ވެގެން ހިނގައްޖެ އެވެ. ގައުމު ތަކުގެ ހިޔާލު ކަފިކަފިވެ، ދެކުނުން ބައިވެރިވި ގައުމުތަކުން ސުވާފުން ވަކިވުމަށް ވާހަކަތައް ފެށި އެވެ. އަދި އެކަން ނިންމުމުގެ ކުރިން ކޮންމެ ގައުމެއްގެ ފުޓުބޯޅަ އިދާރާގެ އެކްސްކޯގައި މަޝްވަރާތައް ކުރުމަށް ކަނޑައެޅުނެވެ.

ސައުދީ އަރަބިއްޔާއިން އިސްވެ، ސުވާފު އުފެއްދި އެންމެ ބޮޑު ސަބަބަކީ ގަތަރާއި އިރާން އެކަހެރިކޮށް، ސައުދީގެ ނުފޫޒު ސަރަހައްދުގައި އިތުރު ކުރުމެވެ. ގަތަރަކީ ކުޅިވަރުގައި ހާއްސަކޮށް ފުޓްބޯޅައިގައި އޭޝިއާގެ މުހިންމު ބާރަކަށް ވަނީ ވެފަ އެވެ. މިދިޔަ އަހަރު ގަތަރުން ވަނީ ފުޓްބޯޅަ ކުރިއެރުވުމަށް ރާއްޖެވެސް ހިމެނޭ ގޮތަށް މި ސަރަހައްދުގެ ގައުމު ތަކާއެކު އެއްބަސްވުންތަކެއް ގާއިމު ކޮށްފަ އެވެ. ސައުދީން ބޭނުންވީ، ހުޅަނގާއި ދެކުނުގައި އޮތް ގަތަރުގެ ނުފޫޒަށްވުރެ ވަރުގަދަ ބާރެއް އުފެއްދުމެވެ.

މެލޭޝިއާގައި މިދިޔަ މަހު ފަހު ކޮޅު ބޭއްވި އޭއެފްސީގެ ކޮންގްރެސްގެ ކުރިން، ދެކުނު އޭޝިއާގެ ގައުމުތަކުން ސުވާފުން ވަކިވާން މަޝްވަރާ ކުރިކަން އިއުލާން ކުރުމުން، އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވާނެ އެއްބޭފުޅަކީ ސުވާފުގެ ރައީސް އާދިލް ބިން މުހައްމަދު އިއްޒަތު އެވެ. އޭނާ ވަނީ، އަންނަ އަހަރު ބާއްވާ އޭއެފްސީގެ އިންތިހާބުގައި އޭއެފްސީގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. ސުވާފު އުފެއްދި އަނެއް ސަބަބަކީ އެކަމަށް މަގު ކޮށުމެވެ. ފުޓްބޯޅަ ޕޮލިޓިކްސްގައި ސައުދީ އަރައްބިއްޔާގެ ނުފޫޒު އުފެއްދުމެވެ.

އޭއެފްސީގެ ކުރިއަށް އޮތް އިންތިހާބުގައި، މިހާރުގެ ރައީސް ބަހްރެއިންގެ ސަލްމާން ބިން އިބްރާހިމް އަލް ހަލަފީއާ ވާދަ ކުރައްވާނެ ކަަމަށް އޭނާވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ. ވަރުގަދަ ބާރާއި ނުފޫޒު ބޭނުން ކޮށްގެން އޭނާއާ ވާދަ ކުރައްވަން އިއްޒަތު ތައްޔާރު ވުމަކީ ސަލްމާނަށް ޕާސަނަލީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ، އޭއެފްސީގެ ތެރެއިން ސުވާފުގެ ބާރު ކަނޑުވާލަން ނުސީދާކޮށް އޭނާ މަސައްކަތް ކުރެއްވި އެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މެލޭޝިއާގައި އޮތް އޭއެފްސީ ކޮންގްރެސްގައި، ސުވާފު ބަލައިގަތުމާ މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައި އޮތް ކަމަށެވެ. ނަމަވެސް އޭގެ ކުރީ ދުވަހު ދެކުނު އޭޝިއާގެ ގައުމުތައް އެ ޖަމިއްޔާއިން ވަކިވާން އިއުލާން ކުރުމުން، އޭގެ ހައިއްސިއްޔަތު ގެއްލުނީ އެވެ.

އަނެއް ސަބަބަކީ، ސުވާފުގައި ބައިވެރިވާ ގައުމުތަކާ މެދު އޭއެފްސީން ދެކޭ ގޮތް ބަދަލުވުމެވެ. ޝައިހް ސަލްމާން ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ، ސުވާފުގައި ބައިވެރިވާ ގައުމުތަކާ މެދު އޭނާގެ ސަމާލުކަން ކުޑަ ވާނެ އެވެ. އެ ބިރުވެރިކަން އިންޑިއާ ފަދަ ފުޓްބޯޅާގައި ކުރިއަރަމުން ގައުމުތަކަށް ބޮޑުވި އެވެ. ޕާކިސްތާނުގެ ޓްރިބިއުން ނޫހުން ބުނެފައި ވަނީ، ސަލްމާން އަށް ކުރިމަތިވާ ޗެލެންޖުގައި، ބައިވެރިވާ ގައުމުތަކާ މެދު ނުސީދާ ފިޔަަވަޅުތަކެއް އަޅާނެ ކަމަށް ސަލްމާން އަންގަވާފައިވާ ކަމަށެވެ.

ސުވާފުން، ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ބައްދަލު ވުމުގައި، ކޮންމެ ގައުމަކަށް 500،000 ޑޮލަރު ދިނުމަށް ސައުދީން ހުށަހެޅި އެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ އިސްބޭފުޅުންނަށް އަގުބޮޑު ގަޑިވެސް ދިން ކަމުގެ ތުހުމަތު ސައުދީގެ މައްޗަށް އެބައޮތެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އިންޑިއާގެ އޮފިޝަލަކު ބުނީ، ސުވާފުގެ ބައްދަލުވުން ނިމުމުގެ ކުރިން ކޮންމެ މެންބަރު ގައުމަކަށް ލިޔުމެއް ދިން ކަމަށާއި އަދި އޭގައި ސޮއި ކުރުމަށް އަންގާފައިވާ ކަމަށެވެ.

"އަހަރެމެން އޭގައި ސޮއި ކުރިން، ނަމަވެސް ސޮއި ކުރީ ޝަރުތަތަކާ އެކު، އަދި އެކަމާ ބެހޭގޮތުން ފަހު ނިންމުން ނިންމާނީ އަހަރެމެންގެ ފެޑްރޭޝަންތަކުގެ އެގްޒެކެޓިވް ކޮމިޓީން ކަމަށް އަހަރެމެން ބުނިން."

ސައުދީން ހިންގާ އިންސާނިއްޔަތާ ހިލާފު ޖަރީމާ ތަކަކީވެސް ސުވާފު ކިލަނބުވާން ދިމާވި ސަބަބެކެވެ. ޔަމަނުގައި ކުށެއް ނެތް އެތައް ބަޔަކު ސައުދީގެ އަސްކަރިއްޔާއިން ވަނީ މަރާފަ އެވެ. ތުރުކީގެ އިސްތަންބޫލުގައި ހުރި ސައުދީގެ ކޮންސިއުލޭޓަށް ދިޔަ ސައުދީ ނޫސްވެރިއެއް ކަމަށްވާ، ޖަމާލް ހާޝުގްޖީގެ މަރާ ގުޅިގެން ސައުދީއަށް އެމެނެސްޓީ އިންޓަނޭޝަނަލްގެ ޕްރެޝަރު ވަނީ ކުރިމަތި ވެފަ އެވެ. އަންނަ ޖަނަވަރީ މަހު ސައުދީގައި ކުޅުމަށް ހަމަޖެހިފައިވާ އިޓާލިއަން ސުޕަ ކަޕުގައި އޭސީ މިލާން އާއި ޔުވެންޓަސް ކުޅޭ މެޗު ސައުދީގައި ނުކުޅުމަށް އެމެނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އެ ދެ ކުލަބުގެ ގާތުން އެދިފަ އެވެ. އޭސީ މިލާން އާއި ޔުވެންޓަސްއިން ސައުދީގައި މެޗު ނުކުޅެން ނިންމައިފިނަމަ އެއީ ސައުދީގެ މޫނުމަތި އިތުރަށް ހަޑިވެގެން ދިއުމެވެ.

ސައުދީގެ ނުފޫޒު އިތުރަށް ވަރުގަދަ ކުރުމަށް، ފީފާއާ ގުޅިގެން 25 ބިލިއަން ޑޮލަރުގެ އަގުހުރި ކުލަބު ވޯލްޑްކަޕު ބޭއްވުމަށް ސައުދީން ހުށަހެޅި އެވެ. ނަމަވެސް ފީފާގެ ހިޔާލު ބަދަލުވެއްޖެ އެވެ. ސައުދީން ހުށަހެޅި ޕްރަޕޯސަލްއާ ޔޫއެފްއާއިން ދެކޮޅު ހެދި އެވެ. ފީފާގެ ތެރޭގައި އެކަން ހިނގާގޮތެއް ނުވި އެވެ.

މި އަހަރުގެ މެއި މަހު އުފެއްދި ސުވާފުގެ ކުރިމަގު މިހާރު އޮތީ ބަނަކޮށެވެ. ގައުމުތަކުން ނިންމާފާނެ ނިންމުމެއް ނޭނގެ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެފައި ވަނީ ސުވާފުން ވަކި ވާނީ ދެކޮޅު ބެލުމަށް ފަހުގައި ކަމަށެވެ. ނަމަވެސް، އޯލް އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަންގެ ވެބްސައިޓްގައި ބުނެފައިވަނީ ސުވާފުން ވަކިވުމަށް ސާފުގައި ހިމެނޭ ހަތް ގައުމުން ނިންމާފައިވާ ކަމަށެވެ.