ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު، ވިރާސީ ރަސްކަމަކުން، ޖުމްހޫރިއްޔަތަކަށް ބަދަލު ކުރައްވަން، އޭރުގެ ބޮޑު ވަޒީރު، އިބްރާހިމް ނާސިރު ފާމުދޭރި ކިލެގެފާނު ބޭނުންފުޅުވެގެން، އެކަން ރައްޔިތުގެ މަޖިލީހަށް ހުށަހެޅުއްވި އެވެ. ނޮވެމްބަރު، 15، 1967 ގައި ދިވެހިރާއްޖެ ޖުމުހޫރިއްޔަތަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖީލީހަށް ހުށަހަޅައި ފާސްވެގެން ދިޔަ އެވެ. އެބަދަލަށް ވޯޓް ދެއްވީ މަޖިލީހުގެ 44 މެންބަރުގެ ތެރެއިން 40 މެންބަރުންނެވެ. އެއަށްފަހު 19 މާޗް 1968 ގައި ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމުހޫރިއްޔަތަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ 93.34 ޕަސަންޓް މީހުންގެ ތާއީދު ލިބިގެން ދިޔަ އެވެ. އަދި އެއަހަރުގެ ނޮވެމްބަރު މަހު، 11 ވަނަ ދުވަހު އޭރު ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ނާސިރު ރައީސް ކަމުގެ ހުވާ ކުރެއްވި އެވެ. އެއީ މިހާރު މިފާހަގަ ކުރާ ދެވަނަ ޖުމްހޫރިއްޔާ ފެށުނު ދުވަހެވެ. މިއަދު މިއުޅެނީ ދިވެހި ޖުމުހޫރިއްޔަތަށް 50 އަހަރު ފުރިގެންނެވެ. މިއީ، ޖުމުހޫރިއްޔަތުގެ ރަންޔޫބީލް އަހަރެވެ.
އެހެންނަމަވެސް، ރަންއަކުރަކުން، ރަން ޔޫބީލުގެ ވާހަކަތަކެއް ނުލިޔެވުނެވެ. މިދިޔަ ހުކުރު ދުވަހު އަޅުގަނޑުމެން ފާހަގަ ކުރީ، ދިވެހިރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. ގައުމީ ދުވަސް ފާހަގަ ކުރަންފެށިތާ 75 އަހަރު ފުރިގެންނެވެ. އަލިމަސްޔޫބީލުގެ އެއަހަރުވެސް ނިމިގެންދިޔައީ އެވެ. އަޑެއްބަޑެއް ހިލަމެއްވެސް ނެތެވެ. އިއްތިފާގުން އޭގެ އެއްދުވަސް ފަހުން އަޅުގަނޑުމެންނާ ބައްދަލު މިކުރީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތުގެ ރަން ޔޫބީލާ އެވެ. މީގެ ތިން އަހަރުކުރިން، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރެވުނެވެ. ނަމަވެސް ޖުމުހޫރިއްޔަތުގެ 50 އަހަރަށް އިރުއަރައިގެން އައިރުވެސް އެ މުނާސަބަތުގެ ވާހަކަތަކުން ގަލަމުގެ ދެއްޔެއް ނުހިނގި އެވެ.
ޖުމުހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބުތު ކުލަގަދަކޮށް ފާހަގަ ކުރަން ސަރުކާރުން ރޭވި އެވެ. އެކަމަށްޓަކައި ލޯގާއެއް ފަރުމާ ކުރި އެވެ. ޝިއާރެ ކަނޑައެޅި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ފަވާލެވުނެވެ. ޖުމުހޫރިއްޔަތު ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެގޮތަށްކަށް ނުހިނގި އެވެ. އެކަމާ ގުޅިގެން ބައެއް ބޭފުޅުންގެ ފާޑު ވިދާލުވުން ސަރުކާރަށް އޮއްސާލި އެވެ.
"މިއަހަރު ކުރީކޮޅުގައި ސަރުކާރުން އިއުލާން ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭތީ މިއަހަރު އެކަން ފާހަގަ ކުރެއްވުމަށް ގަސްތު ކުރާ ވާހަކަ، އަދި ލޯގޯއެއްވެސް ހެއްދެވި، (ފާހަގަ ނުކުރެއްވީ) ކީއްވެގެން ކަމެއް ނޭންގެ، ވެދާނެ ފަހަރެއްގައި ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުއްވި ހުކުމާ ގުޅިގެން އައި ހާލަތު ޒަރޫރީގެ އޮއިވަރުގެ ޖެހިގެން އެކަމާ ނޫޅެއްވެވުނީހެން ހީވަނީ." ރިޔާސީ އިންތިހާބުގެ ކުރިން، ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އިދިކޮޅު ޕާޓީތަކުން ކާނިވަލުގައި ބޭއްވި ޖަލަސާގައި ވާހަކަ ދައްކަވަމުން ކުރީގެ މިނިސްޓަރު އައްބާސް އިބްރާހިމް ވިދާޅުވެފައި ވެއެވެ.
އައްބާސް ވިދާޅުވީ، އޭގެފަހުން ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަ ކުރާ ވާހަކަ ނިމެމުންމިދާ ސަރުކާރުން ނުދައްކާ ކަމަށާއި، ސަރުކާރުން ދެއްކެވީ އިންތިހާބުގެ ވާހަކަ އާއި ބްރިޖުގެ ވާހަކަ ކަމަށެވެ.
އައްބާސް އެވިދާޅުވި ވާހަކަފުޅުގައި ހަގީގަތް އެކުލެވެ އެވެ. ބޭރުގެ ލޯން އެހީއާއެކު އިމާރާތް ކުރި ބުރިޖުގެ ވާހަކަ ސަރުކާރުން މާގަދައަށް ދެއްކި އެވެ. ބްރިޖު ހުޅުވުމަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވި އެވެ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރަށް އެކަމުގެ މުނާސަބަތުތައް އެކިދުވަސްތަކުގައި ފާހަގަ ކުރި އެވެ. ކޮންމެ އަތޮޅަކުން މީހަކު ގެނެސް އެ ހަފުލާގައި ތަމްސީލު ކުރި އެބެ. ހަގީގަތުގައި އެހާ ކުލަގަދަކޮށް ސަރުކާރުން ބުރިޖުގެ ވާހަކަ ދައްކައި، އެކަމާ ގުޅޭ މުނާސަބަތުތައް ކުލަގަދަކޮށް ގެންދެވީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޓޫލެއްގެ ގޮތުގައެވެ. އެކަމާ ހުރެ ހިޔަނި އެޅުނީ، ފަހްރުވެރި ގައުމީ ދުވަހަށާއި، ރަންޔޫބީލުގެ ޖޫމްހޫރިއްޔަތަށެވެ.
ކުރީގެ ހޯމް މިނިނިސްޓަރު އުމަރު ނަސިރުގެ، ވަޒީރުކަމުގައި ގައުމީ ކަންކަން ކުރިއެރުވުމަށް އޭނާއަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލެއްވި އެވެ. އެ ކޮމިޓީގައި އައްބާސް ވެސް ހިމެނިވަޑައިގެންނެވި އެވެ. އެކޮމިޓީން އޭރު އެކަށައެޅުއްވި ކަންތަކުގެ ތެރެއިން، މިނިވަން 50 ގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެން ދިޔަ އެވެ. ރޭ އަވަސްއާ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، މިނިވަން 50 ގެ ކުލަގަދަ މުނާސަބަތުތަކަށް ފަހު، ޖުމުހޫރީ 50 ވެސް ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކޮމިޓީގައި ވާހަކަ ދެކެވުނު ކަމަށެވެ.
"އެ ކޮމިޓީގައި އަޅުގަނޑުމެން ފާހަގަ ކުރިން، އޭގެ ދެ އަހަރު ފަހުން ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭނެޔޭ، ވީމާ އެކަން ކުލަގަދަކޮށް ފާހަގަ ކުރަން ވާނެޔޭ،" އައްބާސް ވިދާޅުވެ ދެއްވި އެވެ. "ނަމަވެސް އުމަރު ނަސީރު، ވަޒީރުކަމުން އިސްތިއުފާ ދެއްވި ހިސާބުން ހޯމް މިނިސްޓްރީގެ ދަށުގައި އޮތް ކޮމިޓީ އުވާލެއްވި ހިސާބުން އެކަމުގައި އަޅުގަނޑުގެ ދައުރުވެސް ނިމިގެންދިޔައީ."
ޖުމްހޫރިއްޔަތުގެ ރަން ޔޫބީލްގެ ހަރަކާތްތައް ނުގެންދަން ނިންމުގައި އެހެން ސަބަބުތަކެއްވެސް އެކުލެވިގެން ދިޔަ އެވެ. އެއީ ގައުމުގެ ސިޔާސީ މަސްރަހުގައި އުފެދުނު ކިލަނބުތަކެވެ. ފެބްރުއަރީ އެކެއްގައި ސުޕްރޫމް ކޯޓުން ކުރި ވަރުގަދަ ހުކުްތަކާއި، އެ ހުކުތައް ބޮލާލައި ޖެހުމުގެ ގޮތުން ސަރުކާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސްޕުރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ދިވެހިރާއްޖޭގެ އެންމެ އިސް ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމުން ގައުމުގެ ސިޔާސީ މަސްރަހުގައި ހަމަނުޖެހުންތަކުންނެވެ. އަ އަދި އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ނިޒާމު އޮއްބަހައްޓައި މަރުތަޅު އަޅުވައިގެން ގެންދިއުމަކީ، ގައުމިޔަތުގެ ކަމެއް ފާހަގަ ކުރަން ވަގުތުވާނެ ހާލަތެއް ހެއްޔެވެ.
ގައުމީ އަރުޝީފްގެ އިސްވެރިޔާ، މުހައްމަދު ޝާތިރުވެސް ގަބޫލު ކުރައްވާ ގޮތުގައި، ޖުމްހޫރިއްޔަތުގެ ރަން ޔޫބީލް ފަނޑުވެގެން ދިޔައީ އެހެންކަންކަމާ ގުޅިގެންނެވެ.
"އެންމެންނަށްވެސް އެނގޭނެ މިއަހަރު މިދިޔަ ގޮތް، ހާއްސަކޮށް ނޫސްވެރިންނަށް އެކަންކަން ރަނގަޅަށް އެނގޭނެ، އަޅުގަނޑަށް ގަބޫލު ކުރެވެނީ މި އަހަރު އެގޮތަށް ދިޔައީމަހެން މިގޮތަށް ވެގެން ދިޔައީ،" އަވަސް އާ ވާހަކަ ދައްކަމުން ޝާތިރު ވިދާޅުވި އެވެ. "ނަމަވެސް އެކަމަށް އެކުލަވާލެއްވި ކޮމިޓީން ބަޖެޓް ހަދައި ގައުމީ އަޜްޝީފަށް ނުވަތަ ދިވެހި ބަހުގެ އެކެޑެމީއަށް ނުވަތަ އެހެންވެސް ގައުމީ މުއައްސަސާތަކަށް ކަންތައްތަކެއް ހަވާލު ކުރެއްވިނަމަ އެކަންކަން އެ މުއައްސަސާތަކުން ފާހަގަ ކުރާނެ."
ޝާތިރު ވިދާޅުވީ، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް، ޖުމްހޫރިއްޔަތުގެ ރަންޔޫބީލުގެ މުބާސަބަތު ކުލަގަދަކޮށް ފާހަގަ ކުރެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ޖުމްހޫރިއްޔަތާ ގުޅޭ ފޮޓޯ މައުރަޒެއް ގައުމީ އަރުޝީފުގެ ފަރާތުން ބާއްވަން ގަސްތު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމިއްޔަތު ދިރުވާ އަލާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުގައި ކޮމިޓީއެއް އޮވެ އެވެ. އެކޮމިޓީގައި ހިމެނިވަޑއިގަންނަވާ ބޭފުޅަކު ވިދާޅުވީ، އެކޮމީޓީގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ދައުރު ބަދަލުވުމުގެ މަރުހަލާގައި އުޅޭތީހެން އެގޮތަށް އަޅުގަނޑުމެންނަށް އެންގީ، މިހާރު އެ ކޮމީޓިގެ ބައްދަލުވުންތައް ހުއްތާލިތަންވެސް އެއްމަސް ވެއްޖެ."
ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ރައްިޔިތުންގެ މަޖިލީހުން ހަރަކާތްތަކެއް ހިންގަވާނެ ކަމަށް، މަޖިޅިހުގެ ނައިބުރައީސް ރިޚޯ މޫސާ މަނުކު ވަަނީ ވިދާޅުވެފަ އެވެ. އިންތިހާބަށް ފަހު ސަރުކާރުގެ އެންމެ އިސްވެރިވެސް އުޅުއްވީ އެހެން ކަމެއްގަ އެވެ. ޖޫމުހޫރިއްޔަތާ ގައުމިއްޔަތު ވާހަކަ އެއްފަރާތް ކުރައްވައި ރައީސް ޔާމީންވެސް ހަރަކާތްތެރިވެ ވަޑައިގަތީ ރިޔާސީ އިންތިހާބު "ސައްހަ ނޫން" ކަމަށް ވަކާލަތު ކުރެއްވުމުގަ އެވެ. އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ބޭފުޅުންވެސް އެ މަސައްކަތުގައި އުޅުވާތަން ފެނިގެން ދިޔަ އެވެ.
ކުރިން ވަޒީރުކަން ކުރެއްވި އަދި މިހާރުވެސް ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާމަން ކަން ކުރައްވަމުން ގެންދަވާ، އަބްދު ރަޝީދު ހުސައިން ވިދާޅުވީ، ޖުމްހޫރިއްޔަތުގެ ރަންޔޫބީލްު ފަދަ ގައުމީ ބޮޑު ހަރަކާތަކަށް ފުރުސަތު ގެއްލިގެން ދިއުމުން ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޅި ގައުމު އޮތީ ސިޔާސީ ގޮތުން ބައިބައިވެފައި އެއްބަޔަކު އަނެއް ބަޔަކަށް ދެކޮޅުވެރިކަން އުފެދިފައިވާ މަންޒަރު ފެނިގެން މިދަނީ، މިއީ އަޅުގަނޑު ވަރަށް ހިމާމަ ކުރާކަމެއް،" ކަންބޮޑުވުންތަކާއެކު އަބްދު ރަޝީދު ވިދާޅުވި އެވެ. "ބައިބައިވުންތަކާ ހެދި ގައުމީ ކަންކަން ކުރިއަށް ގެންދާނެ ފުރުސަތުތަކެއް ނުލިބޭ."