އޭޕްރިލް 7، 1943 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އާދަޔާ ހިލާފު ބަދަލުތަކެއް އަންނަން ފެށީ އޭރު ރަސްކަމުގައި ހުންނެވި ރަދުން އައްސުލްތާން ހަސަން ނޫރައްދީން އާއި ބޮޑު ވަޒީރު އަލްއަމީރު މުހައްމަދު ފަރީދު ދީދީ ދެ ބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވުމުންނެވެ. ތަހުތު ހުހަށް ހުންނަތާ ގިނަ ދުވަސްވާން ފެށުމާއެކު ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ވެސް ފެށި އެވެ. ރައްޔިތުންގެ
މަޖިލީހުގައި ވެސް އެ ބަހުސްތައް ހިނގި އެވެ.
ވެރިކަން ހިންގުމުގެ ނިޒާމް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އޭރު ދިވެހި އެދުނީ އެންމެ އިސް ފަރާތަކަށް މުހައްމަދު އަމީން ދީދީ ހޮވާށެވެ. ނަމަވެސް ރަސްކަލެއްގެ މަގާމް ފުރުއްވާކަށް އެމަނިކުފާނު ބޭނުންފުޅެއް ނުވެ އެވެ. އެހެންވެ އެކަމާ ގުޅޭ ބަހުސްތަކަކަށް ފަހު ރާއްޖޭގެ ވެރިކަން އޮންނަންވީ ގޮތެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގައި އަށް މެންބަރުންގެ މައްޗައް އެކުލެވޭ ކޮމިޓީއަކަށް އެ މަސައްކަތް ހަވާލު ކުރި އެވެ. އެ ކޮމިޓީގެ ނިންމުމަކަށްވީ ރާއްޖޭގައި ޖުމްހޫރިއްޔަތެއް
އެއް ގާއިމް ކުރުމެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ގާއިމްވީ 1 ޖެނުއަރީ 1953 ގަ އެވެ. ފުރަތަމަ ރައިސުލްޖުމްހޫރިއްޔާއަކީ އަމީން އެވެ. ނަމަވެސް އޭގެ ހަތް މަހާއި ދުވަސްކޮޅެއް ފަހުން އަމީންގެ ސަރުކާރާ ދެކޮޅަށް އިންގިލާބެއް ގެނެސް އެމަނިކުފާނު މަގާމުން ދުރުކުރި އެވެ. އަނެއްކާވެސް ރާއްޖެ ފަހަތަށް ފިޔަވަޅެއް އަޅާ، ވެރިކަން ހިންގުމުގެ ނިޒާމް ރަސްކަމަކަށް ބަދަލުވެގެން ދިޔަ އެވެ. އޭރު ރަސްކަން ކުރެއްވީ މުހައްމަދު ފަރީދެވެ.
އޭގެ 14 އަހަރު ފަހުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރި އެވެ. އެއީ ނޮވެމްބަރު 11، 1968 ގައެވެ. ދެވަނަ ފަހަރަށް ގާއިމް ކުރެވުނު ޖުމްހޫރިއްޔާގެ ފުރަތަމަ ރައިސްއަކީ އިބްރާހިމް ނާސިރެވެ. އެމަނިކުފާނަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ވަޑައިގަތީ 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މައުމޫން އަބްދުލް ގައްޔޫމް
އެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ޒަމާން ފެށުން ހިސާބުން 45 އަހަރު ވަންދެއް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތް ހުރިހާ ބޭފުޅުން ހުވާ ކުރެއްވީ ނޮވެމްބަރު 11 ވަނަ ދުވަހުގަ އެވެ. އެކަން ބަދަލުވީ 2013 ވަނަ އަހަރު ސިޔާސީ މަސްހަރަށް އައި ހަލަބޮލި ކަމުގެ ތެރޭގަ އެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ރިޔާސީ އިންތިހާބު ފަސް ކުރުމާ ގުޅިގެން ހުވާ ކުރާ ތާރީހު ވެސް ބަދަލުވި އެވެ. ރައީސް ވަހީދުގެ ސަރުކާރު ނިމި ރައިސުލްޖޫމްހޫރިއްޔާ ކަމަށް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުވާ ކުރެއްވީ އެ އަހަރު ނޮވެމްބަރު 17 ގަ އެވެ.
އެ ދުވަހުން ފެށިގެން ހުވާ ކުރެއްވުމުގެ ބޮޑު ހަފްލާ މިވަނީ ޖުމްހޫރީ ދުވަސް ތެރެއިން ނެއްޓިގެން ގޮސްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާފައިވާ ރަސްމީ ލިޔުމަކުން ބާރު ލިބި މި އަހަރު އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިއްތިފާގުވީ އާ ރައީސް ހުވާ ކުރެއްވުން މި ފަހަރު ވެސް ނޮވެމްބަރު 17
ގައި ބާއްވާށެވެ.
ޒަމާނުއްސުރެ ފާހަގަ ކުރަމުން އަންނަ ޖުމްހޫރީ ދުވަހު ހިނގާ އެންމެ ބޮޑު ކަމަކީ ގައުުމަށް އާ ރައީސްއަކު ހުވާ ކުރެއްވުމެވެ. މީގެ ކުރިން ޖުމްހޫރީ ދުވަހޭ ބުނުމުން ހީވެފައި އޮންނަނީ ވެސް އެއީ ރައީސުން ހުވާ ކުރައްވާ ދުވަހުގެ ގޮތުގަ އެވެ. އެއީ އެ ދުވަސް ދިވެހިންނަށް މަރުހަބާ ކިޔައީ ވެރިކަމުގެ އާ ދައުރަކާ އެކުގައި ކަމަށްވާތީ އެވެ. ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ތެރޭގައި ރައްޔިތުން އިންތިހާބު ކުރި އާ ރައީސްއަށް ކުލަގަދަ މަރުހަބާ އާއި ތަހުނިޔާ ކިޔުމަކީ އެ ދުވަހުގެ ހާއްސަކަމެވެ.
މިއަދު، ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަ ކުރާއިރު އެ ދުވަސް ރަމްޒުކޮށްދޭ އެންމެ ބޮޑު އެއް އަދި އެންމެ ހާއްސަ ހަފްލާ ނެތުމުގެ ފަނޑުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވެ އެވެ. ސާޅީސްފަސް އަހަރުގެ ދިގު ތާރީހުގައި އަމަލު ކުރަމުން އައި އުސޫލު ބަދަލުވުމާއެކު ގިނަ ރައްޔިތުންތަކެއްގެ މާޔޫސްކަން އެބަ އޮތެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން "އަވަސް"އަށް ވިދާޅުވި ގޮތުގައި އެމަނިކުފާނު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ ރައީސް ނާސިރުގެ ދައުރުގަ އެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމަށް ނާސިރު ހުވާ ކުރެއްވީ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 12:00 ޖަހާއިރު ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ. އަދި ނާސިރު ދެވަނަ ފަހަރަށް ހުވާ ކުރެއްވި އިރު ވެސް އަދި އޭގެ ފަހުން ރައީސް މައުމޫން ވެސް ހުވާ ކުރެއްވީ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 12:00 ގައި ސީދާ ގަޑިއަށް ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ.
ނޮވެމްބަރު 11 ފެށޭނީ އާ ރައީސްއަކާއެކުގަ އެވެ. ނަމަވެސް ފަހުން އުސޫލަށް ބަދަލު ގެނެސް ރައްޔިތުން މަޖިލީހުގެ އެ ޖަލްސާ ދުވަހުގެ މެދު ތެރޭ ބާއްވާ ގޮތަށް ނިންމި ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ.
"1968 ވަނަ އަހަރު އަޅުގަނޑުމެން އުޅެނީ ސްކޫލުގައި، އެއީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ހުވާ ކުރެއްވުން، އަޅުގަނޑު ހަނދާން ހުރޭ ވަރަށް ރީއްޗަށް އެ ދުވަސް، އޭރު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 12:00 ޖަހާއިރު، އަޅުގަނޑު ހަނދާންވާ ގޮތުން މަޖިލީހުގައި އޭރު ތިއްބަވާނީ 40 ހަކަށް މެންބަރުން، ދެން ރައީސް ވަޑައިގެން ހުވާ ކުރައްވާނެ، ނާސިރު ދެ ފަހަރަށް ހުވާ ކުރެއްވި އިރު ވެސް ތަގުރީރެއް ނުކުރައްވާ،" ކަމާލުއްދީން ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ ތެރެއިން އާ ދައުރަކަށް ރައީސްއަކު ހުވާ ކުރެއްވުމުގެ ހަފްލާ ނެއްޓިގެން ދިޔައީ ދިޔައީ ގައުމަށް އައި ބޮޑެތި ސިޔާސީ ހަމަނުޖެހުންތަކާ ހެދި ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ. ޖުމްހޫރީ 50 ފާހަގަ ކުރާއިރު އެއްބައިވަންތަ ބަަޔަކަށް ވާން ޖެހޭ ކަމަށާއި އެފަދަ ގައުމީ ދުވަސްތަކުގެ އުފާ ފަަނޑުވަމުން އަންނަނީ ވެސް އެއްބައިވަންތަ ކަން ކުޑަވަމުންދާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނޮވެމްބަރު 11 ގައި ރައީސްއަކު ހުވާ ކުރެއްވުމަކީ ދިގު ތާރީހުގައި ވެސް އަމަލުކޮށްފައިވާ ގޮތް ކަމަށް ވާއިރު އެގޮތުގައި އެކަން ދެމި އޮތުމަކީ ތާރީހަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ. އަދި އެކަން އަދިވެސް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ގިނަ ރައްޔިތުންތަކެއް ވެސް އެދޭ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މީގެ ކުރިން އޮތް ގޮތަށް ނޮވެމްބަރު 10 އަކީ ރިޔާސީ ދައުރު ނިމޭ ދުވަހަށްވެފައި، ނޮވެމްބަރު 11 ގައި ހުވާ ކުރެވޭނެ ގޮތެއް ހަމަޖެހިއްޖެއާ އެއީ ވަރަށް ރަނގަޅު ކަމެއް، އަޅުގަނޑަކީ ގާނޫނީ ބޭފުޅެއް ނޫން އެކަމަކު މިހާރު ވެސް ގާނޫން އަސާސީ ގޮތުން ރައީސްއެއް ނުވަތަ ނައިބު ރައީސްއަކަށް މަަގާމް އަދާ ނުކުރެވޭނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަވާލުވެވަޑައިގެންފައި އެމަނިކުފާނު އާ ރައީސްއަކު ހޯދުމަށް އިންތިހާބެއް ކުރުމަށް ފަހު ވެސް ހަވާލުވެވަޑައިގަންނަވާ ރައީސްއަށް ލިބިވަޑައިގަންނަވަނީ ނޮވެމްބަރު 10 އަކާ ހަމަޔަށް، އެހެންވެ އަލުން އެގޮތަށް ރުޖޫއަވުމަކީ ރަނގަޅު ގޮތެއް ކުރިޔަށް އޮތް ތަނުގައި ވެސް،" ކަމާލުއްދީން ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހު ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރަމުން އައި ތާރީހު ބަދަލު ވާން ޖެހުނު އެންމެ ބޮޑު ސަބަބަކަށް ރައްޔިތުން މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ގަބޫލު ކުރައްވާ ގޮތުގައި އެއީ 2013 ވަނަ އަހަރު ސިޔާސީ އިސް ފަރާތްތަކުން ގާނޫނު އަސާސީއާ ހިލާފުވުމެވެ. "އަވަސް"އާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ގާނޫނު އަސާސީގައި ވެރިކަން ދަންމާލުމުގެ ބާރެއް އެއްވެސް މުއައްސަސާއަކަށް ލިބިދީފައި ނުވާ ކަމަށާއި އެކަން އެއްވެސް ކޯޓަކަށް ވެސް ނުކުރެވޭނެ ކަމަށެވެ.
ނޮވެމްބަރު 10 ވަނަ ދުވަހު ރައީސް ވަހީދުގެ ސަރުކާރު ނިމުމަކަށް އަންނަ ހިސާބުން ވެރިކަން ރައްޔިތުންގެ މަޖިލީހާ ހަވާލު ކުރެވެން ޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ. އެ ދުވަހު އެހެން ހެދި ނަމަ މިއަދު ޖުމްހޫރީ ދުވަަހު ހުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދިވަޑައިގަތިން ކުރިން ވެސް އޮންނަ ގޮތަށް ނޮވެމްބަރު 11 ގައި ހުވާ ކުރެވޭ ގޮތަށް ހަމަޖައްސަން، ނަމަވެސް މަޖިލީހުގައި އެބައޮތް ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާފައިވާ، އޭގައިވާ ގޮތުން ރައީސް ޔާމީންގެ ވެރިކަން ފަށަނީ ނޮވެމްބަރު 17 ގައި، ގާނޫނު އަސާސީގައި ކަނޑައެޅިގެން އެބައޮވޭ ފަސް އަހަރު ދޭން ޖެހޭނެ ކަމަށް، އެހެންވެ އިތުރު ޗޮއިސްއެއް ދެން މިފަހަަރު ނެތް،" މޫސަ ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހު ހުވާ ކުރެވެން ދެވަނަ އޮޕްޝަނަކަށް އޮތީ ރައީސް ޔާމީން ނޮވެމްބަރު 10 ގައި އިސްތިއުފާ ދެއްވުމަށް އެއްބަސްވެވަޑައިގެން އެގޮތަށް ކުރިޔަށް ދިޔަ ނަމަ ކަމަށް މޫސަ ވިދާޅުވި އެވެ. ނަމަވެސް ކޮންމެ ސިޔާސީ މީހަކު ވެސް މަސައްކަތް ކުރަނީ އެ ބޭފުޅެއްގެ ބާރު ދަަމަހެއްޓުމަށް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އާ ގާނޫން އަސާސީއަށް އަމަލު ކުރަން ފަށާ، އިންތިގާލީ މަރުހަލާގެ ބާބުގައި ވެސް ބުނެފައި ވާނެ 11 ގެ ވާހަކަ، ގާނޫން އަސާސީން ބޮޑަށް ބާރު އަޅާފައި ވާނީ ވެސް ޖުމްހޫރީ ދުވަހު ހުވާ ކުރެއްވުމަށް، ނަަމަވެސް ގާނޫން އަސާސީއާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމެއް މިހާރު ނޯވެ، ބާރު ހުރި ފަރާތްތަކުން ހަދަނީ އެބަޔަކު ބޭނުންވާ ގޮތަކަށް،" މޫސަ ވިދާޅުވި އެވެ.
ނަމަވެސް ކުރިޔަށް އޮތް ތަނުގައި އެކަން އިބޫ އިސް ނަަންގަވައިގެން ރަނގަޅު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޫސަ ވިދާޅުވި އެވެ. ގާނޫނު ބަދަލުކޮށްގެން ނުވަތަ ވެރިންގެ މެދުގައި މަޝްވަރާކޮށްގެން ވިޔަސް ޖުމްހޫރީ ތާރީހަށްޓަކައި އެކަން ބަދަލު ކުރަން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.
ޖުމްހޫރިއްޔަތަށް 50 އަހަރު ފުރިގެން އަންނަ އިރު ނުހޯދުނު ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ޖުމްހޫރީ ދުވަހެއްގެ އެންމެ މުހިންމު ނަމްބަރު މި ވަނީ އަހަރުމެން އަތުން ބީވެފަ އެވެ. އާ ރައީސް ހުވާކުރެއްވުމުގެ ހަފްލާ ޖުމްހޫރީ ދުވަހުގެ އެޖެންޑާއިން ބޭރުވީ އެވެ. އެކަމަކު އެ ދުވަހުގެ އަސްލު ފެށެނީ ވެސް މި މުހިންމު ކުލަގަދަ ހަފްލާގެ ތެރެއިން އެވެ. އެ ދުވަހުގެ މުހިންމުކަން ބޮޑުވެފައި ވަނީ ވެސް މި ހަފްލާގެ ސަބަބުން އެވެ. ޖުމްހޫރީ ދުވަހުގައި ކުލަ ޖައްސައިދޭ އާ ރައީސް ހުވާކުރުމުގެ ހަފްލާ ދެން ޖުމްހޫރީ ދުވަހެއްގައި ބޭއްވިދާނެ ހެއްޔެވެ؟