ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކެވެ. އެއީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ، ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ހިނގާ ވެރިކަމެވެ. ދިވެހި ރަސްކަމުގެ ދިގު މާޒީއަށް ފަހު ރާއްޖޭގައި މިހާރު ޕްރެކްޓިސް ކުރަނީ ޖުމްހޫރީ ވެރިކަމެވެ. ދެވަނަ ޖުމްހޫރިއްޔަތަށް އަދު 52 އަހަރު ފުރި 53 ވަނަ އަހަރު ފެށުނީއެވެ.
މީލާދީން 1153 ގައި ރާއްޖެ އިސްލާމްވުމަށްފަހު ތާރީހުން އެނގެން އޮތް ބައިން ފެންނަ ގޮތުން 80 އަށްވުރެ ގިނަ ރަސްކަލުން ރާއްޖޭގެ ރަސްކަން ކުރެއްވި އެވެ. ރާއްޖެއަކީ ޖުމްހޫރީ ވެރިކަމަށް ހަގު ގައުމެކެވެ. އެކަމަކު ދެވަނަ ބޮޑު ހަނގުރާމަ ނިމި ދުނިޔޭގައި އުފެދުނު ވެރިކަމުގެ ނިޒާމުތަކަށް ބަލާއިރު ރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް މި ވަރުގެ އުމުރެއް ލިބުމަކީ އުފަލެކެވެ.
ރައްޔިތުންގެ ވެރިކަން ޕާލަމެންޓަރީ ޑިމޮކްރަސީގެ ގޮތުގަ އާއި އެގްޒެކެޓިވް ޕްރެޒިޑެންސީގެ ގޮތުގައި ވެސް ހިންގަ އެވެ. އެކަމަކު މުހިންމީ ނަމެއް ނޫނެވެ. މުހިންމީ ވެރިކަމެއްގައި ރައްޔިތުންގެ ބައިވެރިވުމާއި އަދުލުއިންސާފު ފުރިހަމަވުމާއި ހަމަހަމަ ގޮތެއްގައި އެންމެންނަށް ހިދުމަތްތައް ފޯރުކޮށްދެވޭ ވެރިކަމުގެ ނިޒާމެއް އޮތުމެވެ.
ޖުމްހޫރީ ނިޒާމް ނަމަވެސް އެކި ގައުމުތަކުން ފިޓް ކުރާ ނިޒާމުތައް އެއް ގައުމާއި އަނެއް ގައުމާ ތަފާތު ހުރެ އެވެ އެ ގައުމެއްގެ ސަގާފަތާއި އާދަކާދައާއި ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކާއި އެ ގައުމެއްގެ ތަރައްގީ އާއި ކުރިއެރުމާއި އަދި އަދުގެ ދުނިޔޭގައި އެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ގޮތްތަކުގެ މަތިން އެ ގައުމެއްގެ ވެރިކަމުގެ ނިޒާމު ބައްޓަން ކުރަން ޖެހޭތީ އެވެ.
ރާއްޖޭގެ ވެރިކަމުގެ ތާރީހުގެ ތެރެއިން ޖުމްހޫރީ ވެރިކަމަށް ނަޒަރު ހިންގާ އިރު ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެދުނު ޖުމްހޫރިއްޔާ ހަތް މަހާއި 21 ދުވަހުގެ ތެރޭގައި އުވާލައިފައި ވުމުން، އެއް ގޮތަކުން ދޭހަވަނީ، އޭރު ރާއްޖެއަށް ޖުމްހޫރީ ވެރިކަމުގެ ނިޒާމު އެކަށީގެން ނުވުމެވެ.
އޭރު އެ ވެރިކަމުގެ ނިޒާމަކީ ކޮބައި ކަމާއި އެ ވެރިކަމުން ރައްޔިތުންނަށް ހުރި ފައިދާ އާއި މަންފާ ރައްޔިތުންނަށް ނޭނގުނެވެ. އަދި ފުރަތަމަ ޖުމްހޫރިއްޔާ އުވިގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ރައީސަށް އެމަނިކުފާނުގެ ނާއިބު ރައީސް އިހްލާސްތެރިވެ ވަޑައިނުގަތުން ވެސް ހިމެނެ އެވެ. ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ ޖެނުއަރީ 1، 1953 ގައެވެ. މި ޖުމްހޫރިއްޔާ އިންގިލާބު ކޮށްލީ އޮގަސްޓް 21، 1953 ގަ އެވެ.
ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، މުހައްމަދު އަމީނު ރާއްޖެއަށް ވަރަށް ގިނަ ހިދުމަތް ކޮށްދެއްވި އެވެ. ގައުމުވަންތަކަން އާލާ ކުރައްވައި ގައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަން ކުރެއްވުމުގައި އެހެން އެއްވެސް ރައީސަކަށް ނުކުރެއްވޭނެ ބުރަ އުނދަގޫ މަސައްކަތް ރާއްޖެ އާއި ދުނިޔެއަށްވެސް ދަތި އުނދަގޫ ދުވަސްވަރެއްގައި ރައީސް އަމީން ކޮށްދެއްވި އެވެ.
އެމަނިކުފާނު ހިދުމަތްތައް ސިޔާސީ އިޖްތިމާއީ ހުރިހާ ދާއިރާތަކެއްގައި ކުލަގަދަ ގޮތެއްގައި ރަން އަކުރުން ދިވެހިން ފާހަގަކުރަންޖެހެ އެވެ. ފުރަތަމަ ޖުމްހޫރިއްޔާ 1953 ގައި އުވާލެވުމަށްފަހު 1954 ގައި ރާއްޖޭގައި ރަސްކަމެއް ގާއިމު ކުރެވުނެވެ. މި ރަސްކަންވީ ރާއްޖޭގެ އެންމެ ފަހުގެ ރަސްކަމަށެވެ.
ތަހުތުގައި އިންނެވީ ދިގުމު އްދަތެއް ވަންދެން ރާއްޖޭގައި ބޮޑުވަޒީރު ކަންކުރެއްވި މުހައްމަދު ފަރީދެވެ. ރަސްކަމުގައި ނަންފުޅަކީ ޖަލާލަތުލްމަލިކު މުހައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންނެވެ. އެ ރަސްގެފާނު 14 އަހަރު ވަންދެން ރަސްކަން ކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭ ސަރުކާރު ހިންގާފައި ވަނީ ދެ ބޮޑުވަޒީރެކެވެ.
ރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރަކީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަން ދެމިއޮތީ ތިން އަހަރު ވަންދެނެވެ. ޑިސެމްބަރު 11، 1957 ގައި މަޖުބޫރު ކުރައްވައިގެެން ބޮޑުވަޒީރު ކަމުން ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުމުން ޑިސެމްބަރު 12، 1957 އިން ފެށިގެން، ނޮވެމްބަރު 11، 1968 ނިމެންދެން ބޮޑުވަޒީރު ކަމުގައި ހުންނެވީ އިބްރާހިމް ނާސިރެވެ.
ނާސިރު 11 އަހަރު ބޮޑުވަޒީރުކަން ކުރެއްވި އެވެ. ނާސިރުގެ ބޮޑުވަޒީރުކަމުގައި ސަރުކާރުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އެމަނިކުފާނު ހުންނަވައިގެން އޮގަސްޓް 1، 1962 ގައި ވޯރާ ވިޔަފާރިވެރިންގެ ކިބައިން ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރައްވައި 105 އަހަރަށް ފަހު އިގްތިސާދީ ފުރިހަމަ މިނިވަންކަން ހޯދައި ދިނެވެ. އަދި 78 އަހަރުވަންދެން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު 26 ޖުލައި 1965 ގައި ސިޔާސީ މިނިވަންކަން ހޯދައި ދެއްވި އެވެ.
ސިޔާސީ މިނިވަންކަން ލިބުމާއެކު އޮގަސްޓް 21، 1965 ގައި އދ. ގެ މެންބަރަކަށް ރާއްޖެވެ އޮކްޓޯބަރު 12، 1965 ގައި ބައިނަލްއަގުވާމީ ދަނޑުގައި ރާއްޖޭގެ ގައުމީ ދިދަ ވިހުރުވައިލި އެވެ.
މިނޫނަސް ސިޔާސީ، އިޖްތިމާއީ، އިގްތިސާދީ އަދި ބައިނަލްއަގުވާމީ ދާއިރާގައި ރާއްޖެއަށް ކުރިއެރުންތަކެއް ލިބިފައިވުމާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމާމެދު އަނެއްކާ ވެސް ވިސްނާން ފެނުނެވެ. ނަތީޖާއަކަށްވީ ރާއްޖޭގައި އަނެއްކާ ވެސް ޖުމްހޫރީ ވެރިކަމެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުގެ އިސް ވެރިން ފެށުމެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވުމަށްފަހު ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް ނެގި އެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ، ނުވަތަ ޖުމްހޫރިއްޔާއެއްތޯ ބެލުމަށްރަ އްޔިތުންގެ އާންމު ސިއްރު ވޯޓު ނެގީ މާޗް 15، 1968 ގައެވެ. ވޯޓު ދިޔައީ ޖުމްހޫރިއްޔާއެއް އޮތުމަށެވެ. ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތުމަށެވެ.
އެއާއެކު ގާނޫނުއަސާސީ އަލުން އެކުލަވާލާ ފާސް ކުރުމަށް ފަހު ރާއްޖޭގައި އަނެއްކާ ވެސް ޖުމްހޫރީ ވެރިކަމެއް އުފެދުނެވެ. ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ނޮވެމްބަރު 11، 1968 އެވެ. ފުރަތަމަ ޖުމްހޫރިއްޔާއާ ހިލާފަށް ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ރާއްޖެއަށް މިނިވަންކަން ލިބިފައި އޮތުމާއެކު ޖުމްހޫރީ ވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. ނަތީޖާއަކަށްވީ މި ޖުމްހޫރިއްޔާގެ ދުވެލި ހުއްޓުމެއް ނެތި ކުރިޔަށް ދިއުމެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ އާންމު ސިއްރު ވޯޓުން ހޮވިވަޑައިގަތީ އެހާތަނާ ހަމައަށް 11 އަހަރު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އިބްރާހިމް ނާސިރެވެ. ނޮވެމްބަރު ،11 1968 އިން ނޮވެމްބަރު ،11 1978 އަށް ފުރިހަ 10 އަހަރު ވަންދެން ނާސިރު ރައީސް ކަމުގައި ހުންނެވި އެވެ. އެ މުއްދަތުގައި ގިނަ ބަދަލުތަކެއް ރާއްޖެއަށް ގެންނަވައި އަގުހުރި ޚިދުމަތްތަކެއްކުރެއްވި އެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ މައުމޫންއަބްދުލްގައްޔޫމެވެ. އެއީ އުންމީދީ ބޮޑު ބަދަލެއްގެ ފެށުމެވެ. ހުރިހާ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ހާއްސަކޮށް ތައުލީމީ ގޮތުން ދިވެހިންނަށް އައި ބަދަލު ފާހަގަކޮށްލެވެއެވެ. ތަރައްގީއާ ކުރިއެރުމުގައިވެސް އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެ ވަރަށް އުހަށް އުފުލާލެއްވިއެވެ. އެމަނިކުފާނު ރާއްޖެއަށް ގެނައި ތަރައްގީގައި 30 އަހަރު ވުމަށްފަހު ނޮވެމްބަރު 11، 2008 ގައި ރައީސް ކަމަށް ވަޑައިގެންނެވީ މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދުގެ ވެރި ކަމުގައި ވެސް ރާއްޖެއަށް ބޮޑެދި ބަދަލު ގެނެސް ދެއްވި އެވެ. ތަރައްގީގެ އާ ހިސާބަކަށް ގެންގޮސް ދެއްވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ގުޅުންހުރި މުހިންމު ކަންކަން ހިމެނެއެވެ. ނަމަވެސް ކަންދިމާ ކުރި ގޮތުން އެމަނިކުފާނުގެ ވެރި ކަމުގެ ދައުރު ހަމަނުވަނީސް ފެބުރުއަރީ 7، 2012 ގައި މަގާމުން އިސްތިއުފާ ދެއްވީ އެވެ.
ފެބުރުއަރީ 7، 2012 ގައި ރައީސް ކަމަށް ވަޑައިގެންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ނޮވެމްބަރު 17، 2013 އަށެވެ. އެއީ ކުރު މުއްދަތެއް ނަމަވެސް އެމަނިިކުފާނުވެސް ވަނީ ގައުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ހާއްސަކޮށް އޭރު އޮތް ސިޔާސީ ހަމަނުޖެހުން އިތުރަށް ބޮޑުވިޔަ ނުދީ ކޮންޓްރޯލް ކުރެއްވުން ފާހަގަ ކުރަން ޖެހެއެވެ. އަދި ގޮންޖެހުންތަކާއެކުވެސް ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރެއްވޭތޯ މަސައްކަތް ކުރެއްވިއެވެ.
އެ ތާރީހުން ފެށިގެން ރައީސް ކަމަށް މަގާމަށް ވަޑައިގެންނެވީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެެވެ. އެއީ ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސެވެ. އައު ގާނޫނު އަސާސީއަށް އަަމަލުކުރަން ފެށި ފަހުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސެވެ. އެމެނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ތަރައްގީ އަށް ވަނީ ބޮޑެތި ބަދަލުތައް ގެންނަވާފައެެވެ. ރާއްޖޭގައި މިހާތަނަށް ހިންގިފައިނުވާފަދަ ބޮޑެތި މަޝްރޫއުތައް ހިންގެވިއެވެ.
މާލެ، ހުޅުލެ ގުޅާލި ބްރިޖާއި ހުޅުލެ އާއި ހުޅުމާލެ ގުޅާލި ހައިވޭ އަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އަދި އެއާޕޯޓްގެ ތަރައްގީގެ ބިޔަ މަޝްރޫއާއި ދިވެހިންގެ ހޮސްޕިޓަލް ދަރުމަވަންތައިގެ 25 ބުރީގެ އިމާރާތް ފާހަގަކޮށްލެވެއެވެ.
ޖުމްހޫރިއްޔަތުގެ ހަތްވަނަ ރައީސް އަދި ދެވަަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސްގެ ގޮތުގައި 2018 ގެ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގެންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރޭނީ މީގެ ހަ ދުވަސް ފަހުން ނޮވެންބަރު 17 ގައެވެ.