ޖުމްހޫރީ ދުވަސް

"ގައުމު ކުރިއަރަނީ ނިޒާމަކުން ނޫން، ވެރިކަން ކުރާ ގޮތުން"

Nov 11, 2021
4

ރާއްޖެއަށް، ދިވެހިންނަށް ޖުމްހޫރީ ވެރިކަން ތައާރަފު ކޮށްދެއްވީ، ރާއްޖޭގެ ފުރަތަމަ ރައީސް، ރައީސް މުހައްމަދު އަމީނެވެ. ދިވެހިންނަށް އެ ނިޒާމްގެ އާ ކަމާއި އެ ދުވަސްވަރު ރާއްޖެ ކުރިމަތިލާން ޖެހުނު ތުރާލާއި ދަތި ދުވަސްތަކާ ހުރެ އެ ނިޒާމް ފެއިލްވެ ރާއްޖެ އަނެއްކާ ވެސް ސޮއްސައިލީ ފަހަތަށެވެ. ފުރަތަމަ ޖުމްހޫރިއްޔާއާއެކު ރިޔާސީ ނިޒާމެއް ވުޖޫދުވީ ޖަނަވަރީ 1، 1953 ގަ އެވެ. ވެރިކަމުގެ އެ ނިޒާމަށް މަރުހަބާ ދެންނެވުމަށް ރައީސް މުހައްމަދު އަމީން ވަނީ އެ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރެއް ކުރައްވާފަ އެވެ. ޖަނަވަރީ 1، 1953 ވަނަ ދުވަހު އާ ގާނޫނު އަސާސީ އެއްވެސް މަޖިލީހުން ފާސްކުރި އެވެ. ދެ މުނަސާބާ އެއް އީދަކަށް ހައްދަވާ ރައީސް މުހައްމަދު އަމީން ދެއްވި ތަގުރީރަކީ އިބްރަތާއި ފިލާވަޅު ހިމެނޭ މިހާރަށް ވެސް ހެޔޮވަރު ތަގުރީރެކެވެ.

އެ މަނިކުފާނު އެ ހާއްސަ ތަގުރީރި ފައްޓަވާފައި ވަނީ މިހެނެވެ: "އަޅުގަނޑުގެ އެކުވެރިން އަދި އަޚުންނާއި އުޚުތުން! އެންމެ ކަލުންނާއި ކަނބަލުންގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއިއްވެވި ހިތޯބުގައި، އަޅުގަނޑާމެދު ބެހެއްޓެވި ގާތްކަމާއި، ވިދާޅުވި ހެޔޮބަސްތައް އަޑުއެހުމަށް، ދަތިވެފައިވާ ހާލުގައިމެ، އުފަލުގެ ޝުޢޫރުތަކުން ހިތް އުތުރި އަރައިފި އެވެ."

"އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ތިޔަ އެންމެ ބޭފުޅުންނާއެކު ބައިވެރިވެ، އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑަށް ލެއްވި ރަޙުމަތްފުޅަށް، ﷲ ސުބްހާނަހޫ ވަތައާލާގެ މަތިވެރި ހަޒުރަތަށް ހަމްދުކޮށް، ސަނާ ދެންނެވުމެވެ. ހަމްދާއި ޝުކުރުހުރީ އެންމެހައި ނިޢުމަތްތަކުގެވެރި ﷲ ގެ މަތިވެރި ހަޒުރަތަށެވެ،

ހާލަތާއި ދުވަހަށް އިޝާރާތް ކުރައްވާ ރައީސް ސިފަ ކުރެއްވި ގޮތަކީ "ޝައްކެއް ނެތް ގޮތުގައި މިއަދަކީ ދިވެހިތާރީހުގެ އެންމެ މުހިންމު ސަފުހާތަކުން، ކުލަގަދަ ސަފުހާއެއް ހުޅުވިގެން ދާ ދުވަހެވެ. އެ ދުވަހެއްގެ ތާރީހު ރަން އަކުރަކުން އަޅުގަނޑުމެންގެ ތާރީހުގެ ސަފުހާތަކުގައި ލިޔެވިގެންދާނެ ދުވަހެކެވެ. އަޅުގަނޑުގެ އެކުވެރިން އަދި އަހުންނާއި އުހުތުން! އަޅުގަނޑުމެންގެ ލޮބުވެތި ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމަށްޓަކައި، ތިޔަ އެންމެ ބޭފުޅުން އިއްތިފާގުވެ، ނިންމަވާފައިވާ ނިންމެވުން، އަޅުގަނޑުގެ ހަނދާނުން ކައްސާލައިގެންނެއް ނުދާނެ އެވެ. ހަމައެހެންމެ، އަޅުގަނޑުމެންގެ އިއްޔެއާމެދު ވިސްނާލާއިރު، އަޅުގަނޑުމެން ފަހުރުވެރިވި، ރަސްކަމުގެ ތަހުތުގެމަތިން ވެސް، ހަނދާން ނައްތައެއް ނުލެވޭނެ އެވެ،"

ރައީސް އަމީންގެ ތަގުރީރުގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަސްކަމުގެ ތަހުތަކީ، މުހަންމަދު ތަކުރުފާނާއި ހަސަން އިއްޒުއްދީން އަދި އިބްރާހީމް އިސްކަންދަރު ފަދަ ރަސްރަސްކަލުން، ރެދަލި ކުރައްވާފައިވާ، ރަސްކަމުގެ ތަހުތެކެވެ. އަދި އެއީ ދިވެހިންގެ ކާބަފައިންގެ ގޮތުގައި ހިމެނިވަޑައިގެންނެވި ރަސްރަސްކަލުންނާއި ރަނިކަނބަލުންނާއި ބަތޮލުންނާއި ބަތޮލާއިން، ވެޑުވުނު މަތިވެރި ތަހުތެވެ. އެ ތަހުތަކީ ރާއްޖޭގެ ފަސްގަނޑަށްޓަކައި، ގުރުބާންވެ ވަޑައިގެންނެވި މަޝްހޫރު އަދި ހަގީގީ ދަރިން، އެ ތަހުތުގެ މަތިވެރިކަމާއި މާތްކަން ދެމެހެއްޓެވުމުން ، މަޝްހޫރުވެފައިވާ އަގުހުރި ތަހުތެވެ.

"ދިވެހި ތަހުތުގައި ރެދަލި ކުރެއްވި ބޭބޭފުޅުންގެ ނަންފުޅުތަކުގެ ތެރެއިން، އަޅުގަނޑުގެ ލޮބުވެތި ކާފާފުޅު، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅާއި، އަޅުގަނޑުގެ ލޮބުވެތި ބައްޕަ، އަލްއަމީރު އަހުމަދު ދޮށިމޭނާ ކިލެގެފާނު، އަދި އަޅުގަނޑުގެ ބޮޑުބޭބޭފުޅު، އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅު، އަދަބު އިޙުތިރާމާއި ހާއްސަ ފަޚުރުވެރިކަމަކާއެކު، ކުލަގަދަގޮތެއްގައި ފާހަގަ ކޮށްލަމެވެ" ތަގުރީރުގެ ތެރެއަށް ވަދެ ވަޑައިގަންނަވަމުން ރައީސް އަމީން ވިދާޅުވެފައި ވެއެވެ.

ޤައުމެއް ކުރިއަރައިދިއުން އޮތީ، އެ ގައުމެއް ހިންގުމުގައި ބޭނުން ކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯ އެވެ! އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ. ރައީސް މުހައްމަދު އަމީން
މުހައްމަދު އަމީން | ރައީސް

ރައީސް އަމީން ތަގުރީރު ފައްޓަވައި މައުލޫގެ ތެެރޭގައި ރަނގަޅަށް ހަމަޖެހި ވަޑައިގަންނަވަނީ ރާއްޖެއަށް އޮތް މިނިވަންކަމާއި އަމަންއަމާންކަމާއި ފާގަތިކަން ގެނެސްދެއްވި ވެރިންގެ ޒިކުރާ އާ ކުރައްވައި ކުރުނީހެއް އެރުއްވުމާއެކު އެ ބޭފުޅުންގެ ފުރާނަފުޅަށް "ރަޙުމަތުގެ ވާރޭ" ވެއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް ދުއާ ކުރައްވަމުންނެވެ. އެ ވާހަކަތައް ގެނެސް ދެއްވާފައި ވަނީ މި އިބާރާތްތަކުންނެވެ:

"ދިވެހި ރާއްޖެއަށް މިއަދު ލިބިފައިމިވާ މިނިވަންކަމާއި އަމަން އަމާންކަމާއި ފާގަތިކަން ގެނެސްދެއްވި ހައި އަބްތޯލުންގެ ޒިކުރާ އާކޮށް ، އެ އެންމެ ބޭފުޅުންނަށް އަޅުގަނޑު އަދަބު އިހުތިރާމުން ކުރުނީސް ކުރަމެވެ. މާތް ﷲ އެމަތިވެރި އެންމެހައި އަބުތޯލުންގެ ފުރާނަފުޅަށް ރަހުމަތުގެ ވާރޭ ވެއްސަވައި މިދެންނެވި އެންމެހައި އަބްތޯލުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އެ މަތިވެރި އަބްތޯލުން، މި ގައުމުގައި ފުރިހަމަ ކުރެއްވި، މަތިވެރި މަގާމަށް، ތިޔައެންމެ ބޭފުޅުންގެ ހެޔޮފުޅު ކަމާއި، މި ނިންމެވުމުގެ މަތިން، ތިޔަ ތިއްބެވީ އަޅުގަނޑު، އިސްކުރައްވައިގެނެވެ"

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ރާއްޖޭގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވަނީ އެއްވެސް ޖެހިލުމެއް ނެތި އުންމީދާއެކު އެވެ. މާތް ﷲ ވަކީލު ކުރައްވައިގެނެވެ. އަދި ނަފުސަށް އޮތް އިތުބާރާއެކު އެވެ.

"... މަސްއޫލިއްޔަތު އުފުއްލޭފަދަ ފުރިހަމަ ތަޖުރިބާއާއި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ލޯތްބާއި އިތުބާރު، އަބަދުގެ އަބަދަށް، އަޅުގަނޑަށް ލިބިގެންވާތީ އެވެ. އަޅުގަނޑަށް ހެޔޮ ވިސްނުން ދެއްވައި މަގުދެއްކެވުން އެދި، ﷲ ގެ ހަޒުރަތަށް ދުޢާ ދަންނަވަމެވެ. ޙުއްބުލްވަތަންގެ ރޫޙުން، ފަހި ކުރިމަގެއް ލިބިގަތުމަށް ހިތްވަރު ލިބިގަންނަމެވެ. އަދި މި ގައުމުގެ އެންމެހައި ދަރިން، އަޅުގަނޑުގެ އަހުންނާއި އުހުތުންގެ ފަރާތްޕުޅުން އިހުލާސްތެރި ކަމާއެކު، އަޅުގަނޑަށް، ފުރިހަމަ އެއްބާރުލެއްވުން ދެއްވުން އެދި އިލްތިމާސް ކުރަމެވެ."

ތަގުރީރުގައި ރައީސްގެ އެންމެ މުހިންމު މެސެޖް

"އަޅުގަނޑުމެންގެ މަސްއޫލިއްޔަތާއި ވާޖިބުގެ މަތިން ހަނދާން ނައްތާ ނުލަމާތޯ އެވެ؟ ގައުމެއް ކުރިއަރައިދިއުން އޮތީ، އެ ގައުމެއް ހިންގުމުގައި ބޭނުން ކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯ އެވެ! އަދި ކިއެއްތަ، ގައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެ ވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ. އަދި ރައްޔިތުންގެ ފަރާތްޕުޅުން، އެވެރިކަމަކަށް ލިބޭ އެއްބާރު ލެއްވުމާއި، އެއްބައެއްވަންތަ ކަމުގެ މައްޗަށެވެ. ޝައްކެއް ނެތްގޮތުގައި، ރަނގަޅު ވެރިކަމަކީ، ޢަދުލު އިންސާފުގެ މަގުގައި، ރަނގަޅު ގޮތުގައި ހިންގޭ ވެރިކަމެކެވެ." ރައީސް އަމީން ވިދާޅުވެފައި ވެއެވެ.

ރައީސް އަމީން ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، އެ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމާއި އުންމީދު ކުރިޔަށް ނެރެން ޖެހޭނެ އެވެ. އެ މަތިވެރި މަގުސަދު ހާސިލު ކުރަން އަތުކުރި އޮޅާލައި ފަސްނުޖެހި ކުރިޔަށް ދާން ޖެހޭނެ އެވެ. އެއީ ދިވެހިން ބޭނުންވާ ފަދަ، ރައްކާތެރި މިނިވަންކަމެކެވެ. އެއީ ބަލިތަކުން ދުރުހެލިވެގެންވާ ދުޅަހެޔޮކަންމަތީ ދިވެހިނަނަށް ތިބެވޭނެ ފަދަ މިނިވަންކަމެކެވެ.

"އެންމެހައި ބަލާ އަފާތާއި، ނުރައްކަލުން ސަލާމަތްވެ، ރައްކާތެރިކަން ލިބިފައިވާފަދަ މިނިވަންކަމެކެވެ." ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށްވުރެ ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ، ކިޔަމަންތެރި ރައްޔިތެއް ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ފެނިގެނެއް ނުދާނެ އެވެ. އެހެން ދަންނަވާން އެ މަނިކފާނު ފަސްޖެހި ވަޑއިވެސް ނުގަންނަވާނެ އެވެ.

ދެން ވިދާޅަވަމުން ގެންދެވީ މިހެނެވެ:

" ... މިފަދަ މުޖުތަމައަކަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔަކަން އެއީ އުފާކުރުން ހައްގު ކަމެކެވެ. ﷲ ސުބުހާނަހޫ ވަތައާލާގެ ވާގިފުޅާއި، މިންވަރުފުޅާއެކު އަޅުގަނޑަށް ގާބިލުކަން ލިބިގެންވީ އެންމެ މަތީ ތަރަޖަޔަކަށް، ވީ އެންމެ ރަނގަޅަކަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުންމަތީ ދެމިހުރުމަށް، މާތް ﷲ ގަންދީ ހުވާ ކުރަމެވެ.

ނިޒާމް ބަދަލުވުމާއި ރައީސަކު ގައުމަށް ލިބުމާއެކު ރައީސް އަމީނަށް ނިސްބަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު ރައްޔިތުން އެ މަނިކުފާނުގެ ޝަހްސިއްޔަތަށް ނިސްބަތް ކުރި ހެޔޮ ބަސްތައް ޝުއޫރުތަކާއި ތަހުނިޔާ އާއި، މަރުހަބާ ފާހަގަ ކުރައްވާ ރައީސް ވިދާޅުވި ގޮތުގައި "ދިވެހި ގައުމަށް، ކޮންމެވެސް ހިދުމަތެއް އަދާ ކޮށްދިނުމުގެ ފަހުރު، އަޅުގަނޑަށް ލިބިފައިވާ ކަމުގައި، އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ. މިގޮތުން، އަޅުގަނޑަށް ހޯދިފައިވާ ކާމިޔާބީގެ ސިއްރުތައް އަޅުގަނޑުގެ ހިތުން ފޮހެއެއެއް ނުލެވޭނެއެވެ. ކާމިޔާބީގެ ހަރުފަތްތަކުން ބަޔަކަށް އަޅުގަނޑަށް ވާސަިލުވެވިފައި ވަނީ، ތިޔައެންމެ ބޭފުޅުންގެ ލޯތްބާއި މުޅި އާބާދީ އެކުގައި އަޅުގަނޑުގެ ފަރާތަށް ލެނބިވަޑައިގެން، ބޯލެންބެވުމާ، އަދި އަޅުގަނޑަށް އަބަދުވެސް ދެއްވަމުންގެންދަވާ، ދެގޮތެއްނުވާ، އެހީތެރިކަމާއި އެއްބާރުލެއްވުމުގެ ސަބަބުންނެވެ. ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި، ހިތުގެ އިހުލާސްތެރިކަމާއެކު، ޝުކުރު ދެއްނެވުމަށް މި ފުރުސަތުގެ ބޭނުން ކުރަމެވެ."

ރައީސްގެ ތަގުރީރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހިތޯބުގައި ރައީސް އަމީންގެ ނައިބު ރައީސް، އިބްރާހީމް މުޙަންމަދުދީދީއަށް ޝަރަފާއި އިއްޒަތުގެ ހެޔޮ ބަސްފުޅުތައް ގެނެސްފައިވާތީ އެކަން ވެސް ތަގުރީރުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި ވިދާޅުވެފައި ވެއެވެ:

"ޝައްކެއްނެތްގޮތުގައި، ދިވެހި ތާރީހުގައި، އެންމެ ހަލަބޮލިކޮށް، އަޅުގަނޑުމެންގެ ސިޔާސީ މައިދާން އޮތް މިހާލަތުގައި، ރާއްޖޭގެ ފުރަތަމަ ނައިބު ރައީސްގެ ޙައިސިއްޔަތުން އެމަނިއްޕުޅުގެ ހިދުމަތް އަޅުގަނޑުމެންނަށް ލިބިގެންދާކަމީ، ޝުކުރުކުރުން ހައްގު މަތިވެރި ނަސީބެކެވެ. އެމަނިއްޕުޅަށްވުރެ މި މަގާމަށް ވަކިން ގާބިލު، އިހުލާސްތެރި ތެދުވެރި ހިދުމަތްތެރިޔަކު މި ފަސްގަނޑުން، ފެނުމަކީ ނާދިރު ކަމެކެވެ. މރ. އިބްރާހީމް މުހަންމަދުދީދީއަށް ވުރެ ވަކިން ތެދުވެރި، އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަޞްލަހަތަށް އިސްކަން ދެއްވާ، އިހުލާސްތެރިޔަކު، މި ފަސްގަނޑަށް އުފަންވެފައި ނުވާނެކަމުގައި ދަންނަވާލުމަކީ، ދޮގަކަށް ނުވާނެ އެވެ."

ރައީސްގެ ހާއްސަ އަދި ތާރީހީ ތަގުރީރު ނިންމަވައިލެއްވުމުގެ ބަސްތައް ގެނެސް ދެއްވީ ރައީސް ކަމުގެ މަގާމުގައި ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދި ވަޑައިގެން އެކަމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި އަމިއްލަ ނަފުސަށާއި މާތް ﷲ އަށް ވަކީލުކޮށް ދިވެހި ރާއްޖެ ގައުމީ ޚިދުމަތުގައި ކުރިޔަށް ދާން އެދި ވަޑައިގަންނަވަމުންނެވެ.

"... އަޅުގަނޑުމެންގެ އަމިއްލަ ނަފުސާމެދު ވިސްނާ ބީދައިން، އެހެން މީހުންނާމެދު ވެސް ވިސްނަމާތޯއެވެ؟ އަޅުގަނޑުމެންގެ ގައުމީ ޚިދުމަތާއި އަޅުގަނޑުމެންނާ ދެމެދަށް، އަމިއްލަ އެދުމާއި، އެއްވެސް ކަހަލަ ނޭއްގާނީ އަދި ނޭދެވޭ އަސަރުތަކެއް ވަނަ ނުދެމާތޯއެވެ؟ ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ، އަދި ތިޔައެންމެ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު އަޅުގަނޑުގެ ލިޔާގަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މައްޗަކަށް, ގައުމުގެ އެންމެހާ ކަންތައްތައް, އާ އުސްމިންތަކަކަށް، ވާސިލް ކޮށްދިނުމުގެ މަތިވެރި އަޒުމާއި ހިތްވަރުގައި އަޅުގަނޑު ކުރިޔަށް ދާނަމެވެ. ދިވެހިރައްޔިތުންނަށްޓަކައި، ޤުރުބާންވެ، ނެތި ދިއުމަށްވުރެ ވަކިންބޮޑު މަގުސަދެއް، އަޅުގަނޑުގެ ނެތެވެ. ކުރިޔަށް ދިވެހި ޤައުމު."