ބަޣާވާތަކުން ރައީސް މުހައްމަދު އަމީންގެ ވެރިކަން އިންގިލާބުކޮށްލައި ދޫނިދޫގައި ހައްުޔަރު ކޮށްފައި ހުންނެވި އިރު އަމިއްލަފުޅު އަތްޕުޅުން އުމުރުފުޅުން 17 އަހަރުގެ ޒުވާން ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނަށް ލިޔުއްވެވި ސިޓީއަކީ ވަރަށް އަސަރު ގަދަ ސިޓީއެކެވެ. އަދި އެއީ އެމަނިކުފާނުގެ ފަރާތްޕުޅުން އެކަމަނާއަށް ލިޔުއްވި އެންމެ ފަހުގެ ސިޓީ ވެސް މެއެވެ. މި ތާރީހީ ސިޓީ ދަރިކަނބަލުން އަމީނާއަށް ލިބި ވަޑައިގަތީ ބައްޕާފުޅު އަމީން، އަވަހާރަ ވެސް ވިތާ 30 އަހަރު ފަހުން 1983 ވަނަ އަހަރު އެވެ.
މުޅި ސިޓީފުޅަކީ ދަރިކަނބަލުން އަމީނާއަށް ވަރަށް އަގު ހުރި ނަސޭހަތްތަކެއް ދެއްވާފައިވާ ލޯތްބާއި އަސަރާއި ކަރުނުން ފުރިފައިވާ ތާރީހީ ސިޓީފުޅެކެވެ. މި ހާއްސަ ސިޓީފުޅަކީ މިއަދު އުމުރުފުޅުން 85 އަހަރުގައި އަހަވާރަވި އަމީނާއަށް ފޮނުއްވެވި ސިޓީފުޅެއް ނަމަވެސް މިއީ ކޮންމެ ދިވެއްސަކަށް އިބްރަތަކަށް ފުދޭ ފަދަ ސިޓީއަކަށް ވާތީ ހަނދާން އާކޮށްލުމުގެ ގޮތުން މި ސިޓީގައި ހިމެނޭ ވާހަކަތައް އަލުން ތާޒާ ކޮށްލަނީ އެވެ.
ރައީސް، މި ސިޓީ ލިޔުއްވާން ފައްޓަވާފައި ވަނީ 1953 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ސިޓީގެ ވަކި ހިސާބެއްގައި "މިހާރު ރަބީއުލް އައްވަލު މަހުގެ 15 ވަނަ ވިލޭރޭ އަތުއްވެއްޖެ" ކަމަށް އޮންނާތީ ސިޓީފުޅު ލިޔުއްވެވީ އެކި ދުވަސް މަތީންކަން އެނގެ އެވެ. ސިޓީގައި ބުނާ ސަފަރު މަހުގެ 15 ވިލޭރޭ ދިމާވާނީ ނޮވެމްބަރު 22، 1953 ވަނަ ދުވަހަށެވެ. ސިޓީ ފައްޓަވާފައި ވަަނީ އެ އަހަރުގެ އޮކްޓޫބަރާ ދިމާވާނެ ސަފަރު މަހު އެވެ. ނިންމާފައި އެ ވަނީ ނޮވްމެބަރު މަސް ނިމޭން ދަނިކޮށެވެ. ސިޓީ، 30 އަހަރު ފަހުން އަމީނާގެ އަތްޕުޅަށް ލިބި ވަޑައިގަތް ކަމަށް އަމީނާ ސިޓީފުޅުގެ ތިރީ އަމިއްލަފުޅު އަތްޕުޅުން ލިޔުއްވާފައި ނޯޓުގައި އޮންނަ ތާރީހަކީ 1983 ވަނަ އަހަރެވެ. އަދި ލިބި ވަޑައިގަތީ ނައިބު ރައީސް އަދި ބައްޕާފުުޅުގެ ވެރިކަން އިންގިލާބުކޮށްލެއްވި އަމީނާގެ ބޮޑުބޭބެ، ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީގެ ކޮޓަރިކޮޅުގައި އޮއްވާ މާޖެހިގޭ މުހައްމަދުދީ އަނބިކަނބަލުން ޝަހީދާއަށް ފެނި ވަޑައިގެން އޭނާ ދެއްވީމާ ކަމަށް ލިޔުއްވާފައި ވެއެވެ. ފަހުން އެކަމަނާ ވިދާޅުވި ގޮތުގައި ބައްޕާފުޅު ދޫނިދޫގައި ހުންނެވި އިރު ފޮނުއްވެވި ވަރަށް ގިނަ ސިޓީ، ބޮޑު ބޭބޭފުޅު އިބްރާހިމް މުހައްމަދު ދީދީ ރައްދުކޮށް ނުދެއްވާ ފޮރުއްވާފައި ހުއްޓެވެ.
ސުރުހީއެއްގެ ގޮތުގައި "ބައްޕަގެ ނުހަނު ލޯބިވާ ދަރިފުޅަށް" ޖައްސަވާފައިވާ ސިޓީ ފައްޓަވާފައި ވަނީ "ދޫނިދޫ" މިހެން ޖައްސެއްވުމަށްފަހު ހިޖުރައިން 1373، ސަފަރު މަހުގަ އެވެ. ދެން ލިޔުއްވަ އެވެ.
"ބައްޕަގެ ނުހުނަހު ލޯބިވާ އަމީނާއަށް ގިނައިން ސަލާމް ބުނުމަށްފަހު ލޯތްބާއި ކަރުނައާއެކު ބުނަމެވެ.... އަދަކީ އިއްޔެ އާއި ވަރަށް ތަފާތު ދުވަހެކެވެ. އަދި މާދަމާއަކީ، މިއަދާއި، ވަރަށް ވެސް ތަފާތު ދުވަހަކަށް ވުމީ، އެކަށީގެންވާ ކަމެކެވެ. އެއީ އިލާހީ ހަމައެވެ. ގުދުރަތީ ގާނޫނެވެ. ދުނިޔެއަކީ، އެއް ދުވަހު، ހިނިތުންވަމުން، އަނެއް ދުވަހު ތުންފިއްތަމުން ދާ ތަނެކެވެ. އިންސާނީ ހަޔާތަކީ އެއް ގޮތުން، އަނެއް ގޮތަށް ބަދަލުވަމުންދާ އެއްޗެކެވެ. ބުއްދިވެރިޔަކީ، ވިސްނުންތެރިޔަކީ، 'އެދޭ މި ގޮތާއި ދިމާ ނުވެދާ ނަތީޖާއެއް ލޮލަށް ފެނުނަސް' ހިނިތުންވާން އެނގޭ މީހާއެވެ."
އަދި އޭގެ ފަހަށް ކޮންމެ ހާލެއްގައި ވުމަށް ވެސް ދަރިކަނބަލުންނަށް ނަސޭހެތެރި ވަޑައިގެންފައި ވެއެވެ. އެގޮތުން ދިރިއުޅުމުގައި އަމީނާ ކުރިމަތި ލައްވާން ޖެހިވަޑައިގެންފާނެ ހުރިހާ ހާލަތަށް ކެތްތެރިވެ ވަޑައިގެން ތައްޔާރުވާން އެދިވަޑައިގެންފައި ވެއެވެ. އަދި ވިދާޅުވަނީ ބުއްދިވެރިޔާއަކީ "ކޮންމެ މުސީބާތެއްގައި، މާތް ރަސްކަލާންގެ މިންވަރުފުޅަށް، ކިޔަންމަންތެރި ކަމާއެކު ބޯލަނބާން ދަސްވެފައިވާ މީހާ އެވެ. ހަމަޖެހިފައިވާ، ހިތަކައިގެން ކެތް ކުރެވޭ މީހާ އެވެ. ބަހުސެއް ނެތެވެ. އަރަހުށި، މާތް ރަސްކަލާނގެ ވޮޑިގެން ވަނީ ކެތްތެރީންނާއެކުގަ އެވެ."
"ލޮބުވެތި އަމީނާ އެވެ! މާތް ރަސްކަލާންގެއީ، އިންސާފު ވަންތަ ރަސްކަލާންގެ އެވެ. އެކަލާންގެ އުހެއްދެވި އަޅުންގެ މައްޗަށް ރަހުމްވަންތަ، ރަސްކަލާންގެ އެވެ." ސިޓީގައި އެހެން ލިޔުއްވާފައިވާ އިބާރާތަކުގައި މީހަކަށް ދިމާވެދާނެ ދައްޗާއި ތުރާތަކުން އިބުރަތް ހާސިލު ކުރުމަށް އަމީނާއަށް ނަސޭހަތްތެރިވެ ވަޑައިގެންފައި ވެއެވެ.
"އިންސާނަކާއި، ދިމާވާ ކޮންމެ ދަތި ކަމެއްގައި، ކުރިމަތިލާން ޖެހޭ ކޮންމެ، މުސީބާތެއްގައި، އެކުލައްވަވާފައި، އަގު ހުރި ދަރުސްތަކެކެވެ. އެހީތެރި، އިންޒާރުތަކެކެވެ. ބޭނުންތެރި، ތަޖުރިބާ ތަކެކެވެ. ތިމާގެ ކުށްތައް ދިމާއަށް އަންގައި ދެއްވުމެވެ. ތިމާ، ތިމާއަށް ދަސްކޮށް ދެއްވުމެވެ. ދުނިޔޭގެ ހަގީގަތްތައް ތިމާގެ ކުރިމަތީގައި ހާމަކޮށް ދެއްވުމެވެ. ތިމާގެ ތެދުވެރި ރަހުމަތްތެރިންނާއި، ހަސަދަވެރި ދުޝްމިނުން، އޮޅުމެއް ނެތް ގޮތުގައި، ވިސްނައި ދެއްވުމެވެ. ތިމާގެ ހައްގުތައް، ހަނދުމަ ކޮށް ދެއްވުމެވެ. އިންސާނުންނަކީ، ބާރެއް، އާރެއް ނެތް ބައެއްކަން، ހިތަށް ވައްދައި ދެއްވުމެވެ."
ހަޔާތުގެ ދެން އޮތް ބައިގައި ކުރިޔަށް ވަޑައިގަތުމަށް ދަރިކަނބަލުންނަށް އެހީތެރިވެ ދެއްވުމުގެ ގޮތުން ރައީސް އަމީން ނަސޭހަތްތެރިވެ ވަޑައިގެން ވިދާޅުވެފައިވާ ގޮތުގައި "ދިމާވާ މުސީބާތްތަކުން، ތިމާއަށް ދުނިޔެ އާއި، ތިމާ ރައްޓެހިންނާއި ރަހުމަތްތެރިން، ހެޔޮ އެދޭ މީހުންނާއި، ބޭވަފާތެރިން ދަސްވަމުންދާ ކަމުގައި ވަނީނަމަ، ޖެހޭ މުސީބާތަކީ ގެއްލިދާ އެއްޗެއް ނޫންކަން ކަށަވަރެވެ. ނަމަވެސް އެފަދަ އިބުރަަތަކީ، ދުނިޔޭގެ މަދު ބަޔަކަށް ހާސިލް ކުރާން އެނގޭ އެއްޗެކެވެ. ގިނަ މީހުންނަށް ވާގޮތަކީ އެފަދަ ހާލެއް ޖެހުމުން 'ދުނިޔެ ދެކެ ރުޅި އާދެވެނީ އެވެ' ހިތާއި، ސިކުނޑިއަށް ވެރިވަމުންދާ، އޮންނަނީ އެންމެ ހިޔާލެކެވެ. ކޮންމެވެސް ބަޔަކަށް، ބަދަލު ދިނުމުގެ ހިޔާލެވެ."
ސިޓީގައި ރައީސް އަމީން ވިދާޅުވެ އެވެ: "އާއެކެވެ. ދުނިޔެއަކީ ވަރަށް ގިނަ ފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާއި ކާމިޔާބުގެ ސިޑީން މީހަކު އަރަމުންދާއިރު، ދުނިޔެ އޮންނަނީ އެމީހެއްގެ މައްޗަށް ހިނިތުންވެފަ އެވެ. ނަސީބުގެ ތުން ފިއްތާލުމުން، ދުނިޔެ ތުންފިއްތާން ފަށަނީ، ވަރަށް ވެސް އަވަހަށެވެ. އިންސާފެކޭ ކިޔާ އެއްޗެއް ހަނދާން ހުންނަނީ، ދުނެއިން ވަރަށް ވެސް މަދު ބައެކެވެ." -- ސިޓީގެ މި އިބާރާތްތައް ލިޔުއްވާފައިވާ ދިމާ އަރިމަތީގައި އިނގިރޭސި ބަހުން ވެސް އިބާރާތެއް ލިޔުއްވާފައި ވެއެވެ. އެ އިބާރާތުގައި ދުނިޔެ އަކީ އެއްވެސް ތަނެއް ނޫން ކަމަށް ލިޔުއްވާ އެކަން ހަނދާނުގައި ބަހައްޓާން އަމީނާ ގާތުގައި އެދިވަޑައިގެންފައި ވެއެވެ. އޭގެ ފަހަތުން ކޮންމެ ގޮަތަކަށް ބެލި ކަމުގައި ވިޔަސް ބަދު ނަސީބާ ކުރިމަތިލާން ޖެހުމަކީ، ތިމާއަށް ލިބޭ، އަގު ނުކުރެވޭ ފަދަ ފައިދާ އެއް ކަމަށް ވެސް ލިޔުއްވާފައި ވެއެވެ. އަދި ދީނީ ގޮތުން ނަސޭހަތްތެރިވެ ވަޑައިގެން މިހެން ލިޔުއްވަ އެވެ.
"ހިކުމަތްތެރިންގެ ބަސްފުޅުތަކުގެ، އިތްޒަތްތެރި، ސާހިބާ ކަމުގައިވާ، އަހަރެމެންގެ ކައު އިތުރު މުހައްމަދު ނަބީކަލޭގެފާނު ހަދީސްފުޅު ކުރައްވާފައި ވަނީ 'ބަދު ނަސީބެއްގެ ތެރެއަށް ނުވެއްޓޭ މީހާއީ، ހިތްވަރު ގަދަ ފުރިހަމަ މީހަކަށް ނުވެއެވެ. ތަޖުރިބާ ނުލިބޭ މީހަކު ހަކީމަކު، ކަމުގައި ނުވެއެވެ' މިފަދައިންނެވެ.
ރައީސްގެ ސިޓީފުޅުގައި ވިދާޅުވަނީ އެއީ ހަގީގަތެވެ. އަދި އެއީ ހަގީގަތް ކަމުގައި ވިޔަސް، "ބަދުނަސީބަކާ ކުރިމަތިލާން ޖެހުމުން، ގިނަ މީހުންނަށް ދުނިޔެ ފެންނާން ފަށަނީ، ހިތި ހަބަރުގަނޑެއް" ފަދައިންނެވެ.
"ދުނިޔޭގައި ވާނަމަ ވާހައި، ގަސްގަހާޖެހި ފެންނަނީ، ހިކި މިލައި، އަނަރޫފަވަމުން ދަނިކޮށްނެވެ. މާމެލާމެލިތައް ފެންނަނީ، ވަނދުވެ ވަޅޯވެގެން، ގަސް ދޮށަށް ވެރެނިކޮށްނެވެ. ދުނިޔެ އޮންނަނީ، އުހަލާއި، އަރާމުން، ނަލަކަމާއި، ރީތި ކަމުން މަހުރޫމް ވެފައެވެ." މި އިބާރާތްތައް ގެންނަވާފައި ދަރިކަނބަލުން އަމީނާއާ ސުވާލު ކުރައްވަނީ އެހެން ވާކަމުގެ ސިއްރަކީ ކޮބައި ހެއްޔޭ އެވެ؟
އަދި ޖަވާބުގެ ގޮތުގައި ލިޔުއްވާފައި ވެއެވެ. "ކަލާނގެ ނިއުމަތްތައް ހަނދުމަ ނެތިވެ ދާކަމެވެ. ދުނިޔޭގެ މީރު ކަމާއި އަރާމަށް އެކަނި ހިތް ދޫކޮށްލައިގެން ތިބެވޭ ކަމެވެ. އާނއެކެވެ. ޝައްކަކަށް ވަސްވާހަކަށް، ތަނެއް ނެތެވެ. ހުރިހާ ވެސް ނުބައެއްގެ މުލަކީ ދުނިޔެއަށް ލޯބި ކުރުމެވެ"
ދެން ލިޔުއްވާފައި އިބާރަތްތަކުން އެމަނިކުފާނު އޮންނެވީ ދޫނިދޫގެ އަތިރިމަތީގައިވާ ރުކެއްގެ ހިޔަލުގައި މާލެ ފެންނަ ގޮތަކަށް ރަނގަޅަށް އެނގެ އެވެ. އެ ރުއްދޮށު އޮންނަވައިގެން ލިޔުއްވާފައި ވަނީ މިހެނެވެ. އަދި މި އިބާރާތްތަކާއި މި ސިފަ ކުރެއްވުންތަކަކީ ލިޔުންތެރި ކަމާއި އަދަބިއްޔާތުގެ އެފަދަ ދެވަނައެއް ނެތް އެންމެ މަތީ ފެންވަރެވެ.
"މިތާ، މި ރުކުގެ ދަށުގައި، އޮށޯވެލައިގެން އޮންނަ އިރު، ބަލައިލި ކޮންމެ ދިމާއަކުން، ބައްޕައަށް ފެންނަނީ، ކަލާނގެ ކުޅަދުންވަންތަވެރިކަމުގެ ހެކިތަކެވެ. ގުދުރަތީ ރީތިކަމާއި، ފުރިހަމަ ކަމުގެ މިސާލުތަކެވެ. ހިތް ދަތިވުމަކީ، ފިކުރު ބޮޑުވުމަކީ، ސާބިތުކަން ގެއްލި ދިއުމަކީ އަމުދުން ހުރެގެން ވާނޭ ކަންކަމެއް ނޫން ކަހަލަ އެވެ .... އިހަށް ދުވަހު އުޅުނު ރަށުން، އަދު ވަނީ ފައިކައްސާލާފައި ކަމުގައި ވިޔަސް، އިހަށް ދުވަހު އެކު އުޅުނު ގާތްތިމާގެ މީހުންނާއި، ހެޔޮ އެދޭ ރަހުމަތްތެރިންނަށް މިއަދު ވަނީ އަލްވަދާއު ކިޔާން ޖެހިފައި ކަމުގައި ވިޔަސް ... ކަލާންގެ ރަހުމަތުގެ ތަނަވަސް ކަމުން ބޭރުވެގެން ނުދެއެވެ. ނުވެސް ދާނޭ މެއެވެ. އެ އޮއް ފެންނަ މާސިންގާ ކަނޑުގެ ރާޅުތައް ގޮނޑުދޮށަށް އައިސް ބިންދަމުން އެ ބުނަނީ ވެސް އެއްޗެކޭ އެވެ. އެހަރަ ރުކުގެ ފަންތައް، ވައިގެ ރާގަށް ހަރަކާތްތެރިވަމުން ވެސް އެ ހާސިލް ކޮށް ދެނީ ވެސް އިބްރަތެކެވެ. އެހެރަ ފެންނަ ގަހުން ވެއްޓޭ މާތައް އެ ދަސްކޮށް ދެނީ ވެސް ފިލާވަޅެކެވެ. ފޫހިވާންވީ ސަބަބެއް ނެތެވެ. ދެރަވާންވީ ބޭނުމެއް ނެތެވެ. ... ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ، ގުދުރަތުގެ ރަފީގެއް ހިނިތުންވެފައިވާ ތަނެވެ. ނަމަވެސް އިންސާނުން ވާނީ، އިންސާނުންނަށެވެ. އިންސާނީ، އުނިކަން ވާނީ، އިންސާނީ އުނި ކަމަށެވެ. އެހެން ކަމުން..."
ދެން ލިޔުއްވެވި އިބާާރާތްތަކުގައި އަމީނާ އާއި ބައްޕާފުޅާ ދެމެދުގައި އޮތް ގާތްކަން ސިފަކޮށް ދެއްވާން ރައީސް، ދަރިކަނބަލުން އަމީނާ އަށް ނިސްބަތް ކުރައްވާފައި ވަނީ އަޖައިބެއްކަހަލަ ހިތް ފަސޭހަ ރީތި އިބާރާތެވެ. އެ ސިފަ ކުރެއްވުމުގައި އޮނަނީ "ބައްޕަގެ އަމިއްލަ އަމީނާ" އެވެ.
"ބައްޕަގެ ހަނދާނާއި، ލޯބި، ކަނޑު ހުރަސްކޮށް ދަނީ، މާލެއަށެވެ. ބައްޕަގެ އަމިއްލަ އަމީނާގެ ކައިރިއަށެވެ. ބައްޕަގެ އެންމެ ގާތް ބޭފުޅުންކޮޅާއި ހަމައަށެވެ. ދުވަހަކު ދެގޮތެއް ނުވާނޭކަން ބައްޕައަށް ޔަގީންވާ މަދު، ވަރަށް މަދު، ރަހުމަތްތެރިން ކޮޅަކާއި ހަމައަށެވެ... ކުއްލިއަކަށް ހަނދާނާއި ލޯބި އެ މިސްރާބު ޖަހަނީ، ރާއްޖޭގެ ބައެއް ރަށްރަށާއި ދިމާއަށެވެ. އެ ރަށްރަށަށް ފޮނުވާލެވިފައިވާ ބައްޕަގެ ލޯބިވެރި އަހުންނާއި، ތެދުވެރި ރަހުމަތްތެރިންނާއި، ދިމާއަށެވެ. އަހަރެން ހިތް ހަމަޖެހެ އެވެ. އަހަރެންގެ އެންމެ ގާތް ބޭފުޅުން ކޮޅަށްޓަކައި، އަހަރެންގެ ލޮބުވެތި ދަރިފުޅަށްޓަކައި، އަހަރެންގެ ވަފާތެރި ރަހުމަތްތެރިންކޮޅަށްޓަކައި އަހަރެން ފަހުރުވެރި ވަނީ، ނިހާޔަތުގެ ދަރަޖައަށެވެ. ތެދުވެރިކަމާއި ވަފާތެރި ކަމުގެ ފުރިހަމަ ނަމޫނާތަކެކެވެ. ލޯބިވެރި ކަމާއި ހަރުދަނާ ކަމުގެ ބަހުސެއް ނެތް މިސާލުތަކެކެވެ.
ދިގު ކޮށް ލިޔުއްވާފައިވާ ސިޓީގެ ޕްރެގްރާފްތަކުގެ ތެރެއިން އަށްވަނަ ވަނަ ބައި ފައްޓަވާފައި ވަނީ ކުރިންސުރެ އަމީނާއަށް އޮންނަ އިތުބާރާއި ޔަގީންކަން އިތުރަށް ބޮޑުވެފައިވާ ކަން ދޭހަކޮށް ދެއްވަމުންނެވެ. އަދި ވެރިކަން ބަޣާވާތް ކޮށްލުމާއި ހުންނަވާން ޖެހި ވަޑައިގެންފައިވާ ދަތި އުނދަގޫ ހާލުކޮޅުގެ ތެރޭގައި ޒުވާން ދަރިކަނބަކުންގެ ތެދުވެރި ކަމާއި އޯގާވެރި ކަމުގެ ސަބަބުން ބައްޕައަށް ސާބިތުކަން ލިބި ވަޑައިގެންފައިވާ ކަން ކަށަވަރުކޮށް ދެއްވަމުންނެވެ. އެގޮތުން ލިޔުއްވަ އެވެ:
"ލޯބިވެރި އަމީނާ އެވެ. ދަރިފުޅުގެ ވެސް ހަގީގީ އަގު ބައްޕައަށް މި އެނގުނީ މި ފަހަރު އެވެ. ބައްޕަގެ ހަރުދަނާ ދަރިއެކެވެ. ގައުމުގެ ތެދުވެރި ހާދިމާއެކެވެ. އަމީނާގެ އޯގާވެރި ބަސްތަކުންނާއި، އެހީތެރި ނަސޭހަތްތަކުން ބައްޕަޔަށް ލިބުނު ސާބިތު ކަމާއި، ހިތްހަމަ ޖެހުން ބޮޑުވެފައި ... ބައްޕަގެ ހިތަށް ދަތިވާންވީ ކޮން ކަމަކައިހެވެެ؟ ދެރަވާންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟"
ސީޓީ މެދުވެރިކޮށް ސިޔާސީ ގޮތުން އެމަނިކުފާނަށް ކަންތައް ދިމާވި ގޮތުގެ ބައެއް ހަގީގަތްތައް ވަރަށް ކުރުކޮށް އަމީނާއާ ހަމައަށް ފޮނުއްވާފައި ވެއެވެ. އެބައިގައި އެކުވެރި ގާތް މީހުންގެ ސިޔާސީ ބޭވަފާތެރި ކަމާއި ކެހިވެރިކަން ވަރަށް ރީއްޗަށް އެހައި މޮޅަށް ސިފަ ކޮށްދެއްވާފައި ވެއެވެ. އެކުގައި އަރިހު އުޅުއްވި ކެހިވެރި ސިޔާސީ ބޭފުޅުން އެ މަނިކުފާނު، އަމީނާއަށް ސިފަ ކޮށް ދެއްވާފައި ވަނީ "ލަވަހޮޅިތަކެއް" ގެ ގޮތުގަ އެވެ. އަދި ވިދާޅުވެފައި ވަނީ އެ މީހުންކީ "ރާއްޖޭގެ ތަރައްގީ އާއި ތަހުޒީބާއި އިލްމުގެ ލާމަސީލު ބަފަޔަކީ" އެމަނިކުފާނު ކަމަށް ބުނެ އުޅުނު މުނާފިގުންތަކެއް ކަމަށެވެ.
"އިއްޔެ ބައްޕަގެ ރަހުމަތްތެރިން ކަމަށް ހެދިގެން އުޅުނު މީހުންގެ ހުނުމުން ކުރާންވީ ކޮން އަސަރެއް ހެއްޔެވެ. އެމީހަކު ކުރި ކަމެއް އެމީހަކަށް ނޫން ހެއްޔެވެ؟ ... ބައެއް މީހުންގެ ހަދާންތައް ހިތަށް ގެނެވުމުން، އެ މީހުންގެ އިއްޔެ އަމަލާއި، މިއަދުގެ އަމަލު ހިތުތެރޭގައި އަޅާލެވުމުން، ބައްޕަ ގާތަށް އަންނަނީ ހިންޏެވެ. ލަވަ ހޮޅިތަކަކޭ އެމީހުންކޭ އެއްވެސް ތަފާތެއް ވޭ ހެއްޔެވެ؟ އިވެމުން ދަނީ އަޅައިދީފައިވާ އެއްޗެކެވެ. ގަލަމާއި، ދުލުގެ ބޭނުން ކުރަނީ، އެފަހަރަކު ތިބި ވެރިންގެ ބަޔަކު އުހައުވާނޭހާ ވާހައެކެވެ. އިއްޔެ ބައްޕައަކީ، ދިވެހިރާއްޖޭގެ ތަރައްގީ އާއި ތަހުޒީބުގެ އިލްމާއި، ހުނަރުގެ ލާމަސީލު ބަފައެވެ. މިއަދު ބައްޕައަކީ ... އެ މީހުންގެ އިބާރާތްތައް ބަޔާން ކުރެވޭ ވަރަށްވުރެ "މަތިވެރި" އެވެ. މުނާފިގު ކަމަކީ ދެދުނިޔެއިން މީހާ ނެތިކޮށްލާ ކަމެއް ކަމާއިމެދަކު ކުޑަވެސް ޝައްކެއް ނެތެވެ."
އަމީނާގެ ހިދުމަތުގެ ރޮނގުމަތީން
- އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި
- 20 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވި
- ގައުމީ ހިދުމަތް ފެއްޓެވީ 23 ޖުލައި 1955ގައި
- މަދްރަސަތުލް ސަނިއްޔާގެ ނާޒިރުގެ ނާއިބުކަން ކުރެއްވެވި
- ހެލްތު މިނިސްޓްރީގެ ސެކްރެޓެރީ ކަން ކުރެއްވި
- ވަޒީރުލްއައުޒަމްގެ އޮފީހުގެ ސެކްރެޓެރީކަން ކުރެއްވި
- ބޮޑު ވަޒީރުގެ ސެކްރެޓެރީކަން ކުރެއްވި
- ރައީސް އޮފީހުގެ ޑިރެކްޓަ އޮފް ސޯޝަލް އެފެއާޒް
- ހޯމް މިނިސްޓްރީ ޑިރެކްޓާ އޮފް ސޯޝަލް އެފެއާޒް
- ހެލްތު މިނިސްޓްރީގެ ވެލްފާ ޑިރެކްޓަރުކަން ކުރެއްވި
- ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން
- ޖިންސުއްލަތީފުންގެ ރޫހުގެ އެޑިޓަރުކަން ކުރެއްވި
ރައީސް އަމީންގެ ސިޓީފުޅުން ނިމޭން ދޭ މި ހިސާބަކީ ވަރަށް އަސަރުގަދަ އިބާރާތްތަކެއް ގެންނަވާފައިވާ ހިސާބެކެވެ، އެގޮތުން އަމީނާގެ އަލަތު ކައިވެނީގެ ވަގުތު އަތުއްވެއްޖެ ކަމާއި އެ ހާއްސަ ވަގުތުކޮޅު ބައްޕަ އެހެން ފަސްގަނޑެއްގައި ހުންނަވާން ޖެހިވަޑައިގެންފައިވާ ކަމަށް ހިތާމަ ކުރައްވާފައި ވެއެވެ.
"ލޮބުވެތި ދަރިފުޅާ އެވެ! ސިޓީ ނުނިމިގެން އުޅެނިކޮށް އައިސް އެ ޖެހުނީ ބަރަކާތްތެރި ރަބީއުލްއައްވަލު މަހުގެ 15 ވިލޭރެ އެވެ. ދަރިފުޅުގެ ކައިވެނި ވުމަށް ކަނޑައަޅާފައިވާ ރެއެވެ. ... އާހް! ... ހުރި އެންމެ ދަރިއެއްގެ ކައިވެނި ވާން މިޖެހުނީ، ބައްޕަ އާއި، ދެ ފަސްގަނޑުގަ އެވެ. ކުރާނޭ ކަމެއް ނެތެވެ. މާތް ރަސްކަލާނގެ މިންވަރުފުޅެވެ ހަމްދާއި ޝުކުރު ހުރީ އެކަލާނގެ ކިބަފުޅަށެވެ."
"އަމީނާ އެވެ! ވިސްނާ ފިކުރު ކުރާށެވެ. އަހާ، ހަނދާން ކުރާށެވެ. ދުނިޔެ އާއި، އާހިރަތުގެ، އެހެން ކޮންމެ ކަމެކޭ އެއްފައިން، ކައިވެންޏެއްގެ، ކާމިޔާބީގެ ސިއްރަކީ ތެދުވެރި ކަމާއި، ވަފާތެރި ކަމެވެ. މުރާލި ކަމާއި، ހިތްމަތްތެރި ކަމެވެ. ލޯބިވެރިކަމާއި އޯގާތެރި ކަމެވެ. މިހާތަނާ ޖެހެން، ތެދުވެރި ލޯބިވެރި ދަރިއެއްކަން ސާބިތު ކުރަމުން ތިޔަ އައިފަދަ މަތިވެރި ގޮތެއްގައި ލޯބިވެރި، ކިޔަމަންތެރި، އަންބެއްގެ ވާޖިބުތައް އަދާ ކުރަމުން ގެންދާށެވެ. ކުއްޖެއްގެ ދިރިއުޅުން ދޫކޮށްލާފައި މީހެއްގެ ދިރިއުޅުމަށް އެނބުރޭށެވެ. ގެވެހި ކަމުގެ ސިއްރުތަކާއި ހިދުމަތްތަކުގެ ތެރެއަށް ވަންނާށެވެ. މާދަމާއަށްޓަކައި، ތައްޔާރުވާން ފަށާށެވެ. މާދަމާއަކީ ޒުވާން މަންމައެއްގެ، ވާޖިބުތައް، ދަރިފުޅު އަދާކުރާން ފަށައިގަންނާން ޖެހޭ ދުވަހެވެ.... ދަރީންގައި ހުންނާން ވާނީ މައިންގައި ހުރިނަމަ ހުރި ސިފައެކެވެ. ދަރިންގެ ނަމޫނާއެއް ކަމުގައި ހިމެނޭނީ މައިންބަފައިންނެވެ."
ތަކުރާރުކޮށް އަމީނާއަށް ނަސޭހަތެރިވެ ވަޑައިގެން އަންބަކު ފިރިޔަކާމެދު ކަންކުރާން އޮންނަ ފުރިހަމަ މިސާލުތައް ލިޔުއްވާފައި ވެއެވެ؛ "ލޮބުވެތި އަމީނާއެވެ! ބައްޕަ ތަކުރާރުކޮށް ބުނަމެވެ. އަންބެއްގެ ވާޖިބުތައް ފުރިހަމައަށް އަދާ ކުރާން ފަށައިގަންނާށެވެ. ފިރިމީހާ ރުހޭ، ހެޔޮލަފާ ގޮތަކަށް، ތިމާގެ މިޒާޖާއި، އުޅުމާއި، އެދުންތައް، ބަދަލު ކުރެވޭތޯ ހިންމަތާއެކު މަސައްކަތް ކުރަމުން ގެންދިއުމީ ކޮންމެ އަންބެއްގެ މައްޗަށްވާ މުގައްދަސު ވާޖިބެކެވެ. ސަމާލުކަން ނުދޭ، ކިތަންމެ ކުޑަކުޑަ ކަމެއް ނަމަވެސް ދޫވެގެން ދިޔަ ނުދޭށެވެ.... ފިރިމީހާގެ ކެއުން، އަންނައުނު، ކުޅިވަރުތައް، މިފަދަ ކަންކަމަށް އެކަށީގެންވާ އެންމެ މަތީ ދަރަޖައެއްގެ އޯގާވެރިކަން ބަހައްޓާށެވެ. އެ މީހާގެ ރީއްޗަކީ އެމީހާ ގެ ޝައުގަކީ، އަނބި މީހާގެ ރީއްޗާއި ޝައުގު ކަމުގައި ހަދާށެވެ. އެ މީހާގެ އިންޓްރެސްޓަކީ އަނބި މީހާގެ ވެސް އިންޓްރެސްޓް ކަމުގައި ހަދާށެވެ. އެ މީހާގެ ރަހުމަތްތެރިންނާއި އެ މީހާގެ އާދަކާދަތަކާއި އިންލިންޝާންތަކީ، އަނބިމީހާގެ ވެސް އިންކްލިޝާން ކަމުގައި ހަދާށެވެ."
ޖުމްލަ 900 ލަފުޒުން ރައީސް އަމީން ދަރިކަނބަލުންނަށް ފޮނުއްވެވި އަސަރުގަދަ ސިޓީ ނިންމަވާލައްވާފައި ވަނީ އިނގިރޭސި ބަހުން އެކަމަނާއަށް ތަހުސީސް ކުރައްވާ ލިޔުއްވާފައި ތައުރީފުގެ އި ބާރާތްތަކެއް ވެސް ހިމަނުއްވައިގެނެވެ. އަދި ބައްޕައާމެދު ބޭއިންސާފުން ކަން ކުރި މީހުނަށް ހެޔޮކޮށް ހިތައި ރަނގަޅަށް ކަން ކުރުމަށް އެދިވަޑައިގެންނެވެ.