ރިޕޯޓް

އަމީނާގެ އަރިހުގައި ހޭދަކުރެވުނު ވަގުތުކޮޅު!

އެ ދުވަހަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ޝަރަފެއް ވެސް އިހުސާސް ކުރެވުނު ދުވަހެކެވެ. އަބަދުވެސް ފޮތްތަކުންނާއި ނޫސްތަކުން އެ ނަމެއް ފެންނަ ރައީސް މުހައްމަދު އަމީނުގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނާ ބައްދަލުވެވެން އޮތް ދުވަހެވެ. އެ ބައްދަލުވުމަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެހެންވެ ބައްދަލުވާން އޮތް ގަޑިއަށްވުރެ ބައިގަޑިއެއްހާއިރު ގޮސް ކުރިން ގޮސް އެ ގޭގެ ކައިރީގައި ހުރެވުނެވެ. މިއީ އެ ދުވަހުގެ ވާހަކަ އެވެ.

އަވަސްގެ ނިއުސް ރޫމް ލައިބްރަރީގައި ވަރަށް ހާއްސަ ޖާގައެއް ދީފައިވާ ފޮތް ހަރުގަނޑެއް ވެސް ހުރެ އެވެ. އެ ހަރުގައި ހުންނަނީ މުޅީން ވެސް ރައީސް މުހައްމަދު އަމީން ލިޔުއްވާފައިވާ އެތަކެއް ބައިވަރު ފޮތްތަކެވެ. އެ ބޮޑު ފޮތްހަރުގެގަނޑުގެ ގައި އޮންނަ ރައީސް އަމީން ލިޔުއްވާފައިވާ ރެސިޕީ ގައިޑް، "ކަރުނައާ ނުލައި ކެއްކުން" ފޮތުގެ އެކެއް އަދި ދޭއަކީ އަވަސްގެ ހިތާ ގުޅިފައިވާ ދެ ފޮތަށް ވެފައި އޮވެއެވެ. އެއީ ވަރަށް ގިނައިން އަވަސްގެ ކޮންމެ ނޫސްވެރިޔަކަށްހެން ވެސް ކިއިފައިވާ އަތްމަތީ ދެ ފޮތެކެވެ. ކައްކަން އެނގޭ މީހުންނާއި ކައްކަން ދަސްކުރާ މީހުން ވެސްމެ އެވެ. އެހެން ދިމާވާން ޖެހުނީ އެ ރެސިޕީ ގައިޑްގައިވާ އަމީންގެ ރެސިޕީތައް ދެ ތިން ރޯދަ މަހެއްގެ ތެރޭ އަވަސް މެދުވެރިކޮށް ގެނެސްދޭން ޖެހުމުންނެވެ. ނޫސްވެރިން އެ ފޮތާ ވަރަށް ބޮޑަށް ރައްޓެހިވީ އެވެ.

"ކަރުނައާ ނުލައި ކެއްކުން" ގެ ރެސިޕީތައް ރޯދަ މަހު އަވަސްގައި އެކި ގޮތްގޮތަށް އެކި ފަރުމާތަކާއެކު ގެންނަތާ މިހާރު ތިން އަހަރުވެއްޖެ އެވެ. އަވަސްގެ ރޯދަ ކޮންޓެންޓަށް މި ފޮތް ވަރަށް މުހިންމުވެ އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހަކަށް ކޮންޓެންޓް އެޑިޓަރުން ލިޔެ ތައްޔާރުކުރާ ރޯދަ ކޮންޓެންޓްގައި ވެސް މި ފޮތުގެ ވާހަކަ ކޮންމެވެސް ސިފައެއްގައި އޮވެ އެވެ. ވަރަށް ގިނައިން އެ ކޮންޓެންޓްގައި އެ ފޮތާ ބެހޭ ގޮތުން ރައީސް އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނާ ބައްދަލުކޮށްލައި ވާހަކަ ދައްކާލަން ލިޔެފައި އޮތެވެ. އެ ކަމެއް ކޮންމެ އަހަރަކު ވެސް ކޮންޓެންޓްގައި ލިޔެވިފައި އޮންނަނީ އެވެ. ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

ނޫސްވެރިންނާ އާންމުކޮށް ބައްދަލު ކުރައްވައި ނޫޅުއްވާ އަމީނާއާ ބައްދަލުކޮށްލެވޭ ގޮތް މިއަދު ރޯދަ މަހު އަވަސްގެ ނޫސްވެރިންގެ ތެރެއިން ބައެއް ނޫސްވެރިންނަށް ލިބުނެވެ.

އަމީނާ ދިރިއުޅުއްވާ ގެކޮޅަށް އަވަސްގެ ލައިފްސްޓައިލް ޖާނަލިސްޓް އައިޝާ އީމާނާއި އެހެން ބައެއް ނޫސްވެރިން ދިޔައީ މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހެވެ. ގަޑިއިން އޭރު އެ ދުވަހު ހަވީރު ފަހެއް ޖަހަން އުޅެ އެވެ. އެ ގެކޮޅު ބޭރުން އަޅުގަނޑުމެންނަށް މަރުހަބާ ވިދާޅުވީ އަމީނާގެ ދަރިކަލުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ. އޭނާ އެ ގެކޮޅަށް ވަޑައިގެން ހުންނެވީ ވެސް އަޅުގަނޑުމެން ދާން ހަމަޖެހިފައި އޮވެގެނެވެ.

ގޭޓް ހުޅުވާލައި އެތެރެއަށް ވަދެގެން ދިޔައިރު ފެނުނީ ގޭގެ ކުރިމަތީގައި ހައްދާފައިވާ ބޮޑު ބަގީޗާ އެވެ. ތަފާތު އެކި ކަހަލަ ގަސްތަކެވެ. އެފަދަ ބޮޑު، ހިތްގައިމު ބަގީޗާއެއް މާލޭގެ އެހެން ގެއަކުން ނުދެކެމެވެ. އެ ހިތްގައިމުކަމުގެ ތެރެއިން އެތެރެއަށް ވަދެގެން ދިޔައީ އެވެ. ބަގީޗާ ކުރިމަތީގައިވާ ގެއަށް ވަން އިރު ގޭގެ ސިޑިބަރި މަތި ފުރާލާފައިވަނީ ބުޅާތަކެކެވެ. ވަރަށް އޮޅު އެ ބުޅާތައް ގެއަށް އަންނަ ކޮންމެ މީހަކަށް މަރުހަބާ ކިޔައި ތިއްތި ދައްކާފައި ސަމާސާއެއް ކުރާން އުޅޭ ކަހަކަ އެވެ.

ގޭގެ ދޮރު ހުޅުވާލައި އަޅުގަނޑުމެން ސިޓިން ރޫމް ތެރެއަށް ވަނުމުގެ ހުއްދައަށް އެދުނުއިރު، އަމީނާ، އާންމުކޮށް އިންނަވާ ސޯފާގައި އިށީނދެވަޑައިގެން އިންނެވި އެވެ. އަޅުގަނޑުމެން ފެނުމާއެކު ރީތި ހިނިތުންވުމަކާއެކު އެކަމަނާ މަރުހަބާ ވިދާޅުވި އެވެ. އެތެރެއަށް ވަނުމަށް ދައުވަތު ދެއްވަމުން އިޝާރާތުން އިށީނުމަށް ގޮނޑިތައް ދެއްކެވި އެވެ.

ސޯފާއާ ވަރަށް ގާތުގައި ހުރި ގޮނޑިއެއްގައި އައިޝާ އިށީނެވެ. އަޅުގަނޑަށް އިނދެވުނީ ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގަ އެވެ. އެވަރު އަޅުގަނޑަށް އެންމެ ރަނގަޅެވެ. ހަގީގަތުގައި އަޅުގަނޑަކީ އަވަސްގެ ލައިފް ސްޓައިލް ޓީމްގެ ނޫސްވެރިއެއް ނޫނެވެ. އަޅުގަނޑު ދިޔައީ ފުރަތަމަ ރައީސް ފެނުމުގެ ނަސީބު ލިބިފައި ނެތުމުން އެމަނިކުފާނުގެ ދަރިކަނބަލުން ހަމަ ލޮލުން ދުށުމުގެ ޝަރަފު ލިބިގަތުމަށް މަތީން ބައިން ޖެހިގެނެވެ.

އެކަމަކު އެގޮތް ކަމުނުދާތީ އަޅުގަނޑަށް ގޮވާލައްވައި ގޮނޑި ކައިރިކޮށްލަން އަމީނާ އެދިވަޑައިގެންނެވި އެވެ. ވާހަކަ ދައްކާލަން ފަސޭހަފުޅު ވާނީ އޭރަށް ކަމަށް ވެސް ވިދާޅުވި އެވެ. އެ ސިޓިން ރޫމްގައި ލަކުޑީގެ ތަފާތު ގޮނޑިތައް ހުއްޓެވެ. އެއީ ކުދި، ބޮޑެތި ގޮނޑި އެވެ. ލަކުޑި ކަބަޑުތަކުގައި އެކި ޒަމާނުގެ ފޮޓޯތައް ވެސް ބަހައްޓާފައި ހުއްޓެވެ. ރައީސް އަމީނާއި އަމީނާގެ ޅަ ދުވަހުގެ ފޮޓޯތައް ވެސް ހުއްޓެވެ. އަމީނާގެ ބޭފުޅުންނާއި މާމަ ވިދާޅުވާ ބޭފުޅުންގެ ފޮޓޯތައް ވެސް ހުއްޓެވެ. ސިޓިން ރޫމް ފަހަތުގައި ބޮޑު ކާ މޭޒެއް ހުރިއިރު އޭރު ވެސް ރޯދަ ވިއްލުމަށް ތަކެތި ތައްޔާރު ކުރުމުގައި މީހުން އަވަދިނެތި އުޅެ އެވެ.

އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް އަމީނާއަށް ދައްކާލީ ރައީސް އަމީންގެ "ކަރުނައާ ނުލައި ކެއްކެން" އެ ފޮތެވެ. އަޅުގަނޑުމެން ދިޔައީ ވެސް އެ ފޮތާ ބެހޭ ގޮތުން ސުވާލު ކުރާށެވެ. ބޭނުމަކަށްވެފައި އެ ފޮތާ ގުޅޭ ގޮތުން ވާހަކަ ދައްކާލުން ކަމަށްވާތީ އެވެ. ފޮތް ފެނުމާއެކު ވަރަށް ހައިރާންވެވަޑައިގެން އިންނަވާ ވިދާޅުވީ "ތި ފޮތް އަހަރެންގެ އަތުގައި ނެތޭ" އެވެ. އަޅުގަނޑުމެންގެ އަތުގައި އެ ފޮތް އޮތުމުން ހައިރާންވެވަޑައިގެން ފޮތް ލިބެން ހުރި ތަނެއް އޮޅުންފިލުއްވެވި އެވެ.

ފޮތުގައި ހުރި ރެސިޕީތަކާއި އޭގެ ވާހަކަތައް އަޅުގަނޑުމެންނަށް ވަރަށް ފަރިތަ އެވެ. އެކަމާ ވެސް އެކަމަނާ ހައިރާންވެވަޑައިގެންނެވި އެވެ. ވިދާޅުވި ގޮތުގައި "ތިޔަ ފޮތް ބައްޕަ ލިޔުއްވެވީ އަހަރެން ވެސް ވަރަށް ކުޑައިރު" އެވެ. އެކަމަކު ތިޔަ ފޮތުގެ ރެސިޕީތައް އަވަސް ގައި ގެނެސްދެމުންދާކަން އެނގިވަޑައިގަންނަވަ އެވެ. އަދި އެކަމާ ވަރަށް އުފާ ކުރެއްވަމެވެ. އެއަށްފަހު ރައީސް އަމީން ފޮތް ލިޔުއްވި ގޮތުގެ ވާހަކަތައް ހިއްސާ ކުރައްވަން ފެއްޓެވި އެވެ.

"ފޮތް ލިޔުއްވެވި އިރު އެއްވެސް އެއްޗެއް ބައްޕަ އަމިއްލަފުޅަށް ނުއެއް ކައްކަވާ، ހައްދަވާ ގޮތަކީ އޭރު [އަތިރީގޭ] އާގެއަށް ވަޑައިގަންނަވާ މައިޒާންދޮށުގޭ ބޭފުޅުންގެ މަންމަ މަރިޔަމްފުޅާއި ހިކިފިނިފެންމާގެ ތުއްތު ކަމަނަ. ބައްޕަ އެ ބޭފުޅުން ގާތުގައި ވިދާޅުވާނީ އެ ރެސިޕީތައް ޓެސްޓް ކުރަން، އެ ބޭފުޅުން ބައްޕަ ވިދާޅުވީމާ ވިދާޅުވާ އެއްޗެއް ކައްކާނީ، ބައްްޕަ، ސީދާ ރައީސް ކައްކަވާ ވަރަށް ނުހައްދަވާނެ،" އަމީނާ ވިދާޅުވި އެވެ.

އަމީނާ، އެ ވާހަކަތައް ވިދާޅުވެ ދެއްވަމުން ގެންދެވިއިރު އަޅުގަނޑަށް ފާހަގަވި ކަމެއް އޮތެވެ. އެހާ ތުއްޕުޅުއިރުގެ ހަނދާން ވެސް ތާޒާކަ މާއެކު އެކަމާނާގެ ހަނދާނުގައި ހުރި ކަމެވެ. ގެކޮޅަށް ވަޑައިގެން ރައީސް އަމީނަށް ކެއްކެވުމުގައި އުޅުއްވި ހުރިހާ އަންހެން ބޭފުޅުންގެ ނަންތައް ވަކިވަކި އެމީހުންގެ އާއިލާއާ އެއްކޮށް އަޅުގަނޑުމެންނަށް ވިދާޅުވެ ދެއްވި އެވެ. އެ ޒަމާނުގައި އެ ގެކޮޅު ހަރަކާތްތެރިކަމާއި މާހައުލު އޮންނަ ގޮތް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ތަސްވީރުކޮށް ދެއްވި އެވެ.

ފޮތުގެ ވާހަކައިން ރައީސް އަމީންގެ މިޒާޖާ ގުޅޭ ގޮތުން ވެސް އަމީނާ، އަޅުގަނޑުމެންނާ ކަމެއް ހިއްސާ ކުރެއްވި އެވެ. އެކަމަކާ ވިދާޅުވި ގޮތުގައި ރައީސަކީ ގޭތެރޭގެ ކަންކަމާއި ބަދިގެ ތެރޭގެ ކަންކަން ވެސް ބައްލަވާ ބޭފުޅެކެވެ. އެކަމަކު މާ ބޮޑު ކެއުންތަކެއް ގެންގުޅުއްވާ ބޭފުޅެއްގެ ބަދަލުގައި ފަރީއްކުޅުއްވުމުގައި ވަރަށް ލުއި ބޭފުޅެކެވެ.

އަމީނާ ވިދާޅުވި ގޮތުގައި ބައްޕާފުޅުގެ އެ ޒަމާނުގައި އެ މަނިކުފާނަށް އެންމެ މީރު، އެންމެ ކަމުދާ އެއްޗެއް ކަމަށް ފާހަގަވެފައި އޮތީ ބަނބުކޭލު ހިއްޗެވެ.

"ބަނބުކޭލު ހިތި، ދަންނަންތަ އެއީ ކޮން އެއްޗެއްކަން؟ އެއީ ވަރަށް ކަމުދާ އެއްޗެއް... ދެން ކަނޑުކުކުޅު، އެއީ އެޒަމާނުގެ އެންމެ މީރުކޮށް ގަޔާ ވެގެން ބައްޕަ އުޅުއްވި ދެ ކެއުން،" އަމީނާ ވިދާޅުވިއެވެ. -- ރައީސް ވަނީ އެ މަނިކުފާނުގެ ރެސިޕީ ގައިޑްގައި މި ދެ ޑިޝް ތައްޔާރު ކުރާނެ ގޮތް ވެސް ލިޔުއްވާފަ އެވެ.

އިންޓަވިއުގެ ބޭރަށް ދެވުނީ އެހާ ހިސާބުންނެވެ. އަމީނާ، އަޅުގަނޑުމެން ނިސްބަތްވާ ރަށްތަކާއި އާއިލާއާ ގުޅޭ ގޮތުން އެއްސެވި އެވެ. ކަން ދިމާ ކުރި ގޮތުން އައިޝާއަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ނޫސްވެރިއެކެވެ. އެކަން ފާހަގަ ވުމާއެކު މާޒީގެ އިތުރު ސަފުހާއެއް އަމީނާ ހުޅުވާލެއްވި އެވެ. އެކަމަނާ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތަކެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު، އެކަމަނާއަށް އައްޑޫއަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އިޖުތިމާއީ ދާއިރާގައި އަމީނާ ހިދުމަތްތަކެއް ކުރެއްވި އެވެ. އެ ހިދުމަތްތަކުގެ ތެރެއިން ރައީސް އަރިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ދިމާވި ވަރަށް މަޖާ ހާދިސާއެއް އެކަމަނާ އަޅުގަނޑުމެންނާ ހިއްސާ ކުރެއްވި އެވެ. އެ ވާހަކަ ހިއްސާ ކުރެއްވީ ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުންނެވެ. އެއީ "އޮފް ދަ ރިކޯޑް" ގައި އެކަމަނާ ފާހަގަ ކުރެއްވި ކަމަކަށްވާތީ، އެކަން ބާއްވާނީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ޑައިރީގަ އެވެ. ތަފްސީލަކަށް ނުދާނަމެވެ. އެކަމަކު އެކަމަނާ ވިދާޅުވި އެއް ވާހަކައެއް ދަންނަވަފާނަމެވެ: "އެކަމަކާހުރެ ރައީސް މައުމޫން ވެސް ވަރަށް ހިނިފުޅުވެޑުވި،"

ގައިމުވެސް އެ ހާދިސާ، ރައީސް މައުމޫންގެ ހަނދާނުގައި ހުންނާނެ އެވެ.

އަމީނާއާ އަޅުގަނޑުމެނާ ބައްދަލުވި ނަމަވެސް އެކަމަނާގެ ހަޔާތުގެ ސަފުތާތައް އުކުއްވާކަށް ބޭނުންފުޅުވެ ވަޑައެއް ނުގެންނެވި އެވެ. އެހެން އަޅުގަނޑުމެން ވެސް އެ ދިމާލަށް ދާކަށް ބޭނުމެއް ނުވި އެވެ. އެ ނޫސް އެ ވާހަކަތަކަކީ އެތައް ފަހަރަކު ދެކެވި، ތާރީހުގައި ލިޔެވިފައިވާ ހަޑި ސަފުހާތަކެކެވެ. އެ ސަފުހާތައް އުކުމަށްވުރެ އެކަމަނާގެ މޫނުފުޅު މަތީގައި ހުރި ސާދާ ހިނިތުންވުން އަޅުގަނޑުމެންނަށް މާ ކަމުދިޔަ އެވެ.

އަމީނާ، ދެން ވިދާޅުވީ މިހެނެވެ؛ "ފޮޓޯ ނަގާލަން ކައިރިއަށް އާދޭ". އަޅުގަނޑުމެން އެކަމަނާއާއެކު ގުރޫޕް ފޮޓޯއެއް ނެގީމެވެ. އެއީ އަޅުގަނޑުމެނަށް ވަރަށް ތާރީހީ ފޮޓޯއެކެވެ. އަވަސްގެ އާކައިވްއަށް ވެސް ލިބުނު އެންމެ ތާރީހީ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ. އަވަސްގެ ކެމެރާއިން އެ ފޮޓޯ ނަންގަވައި ދެއްވީ އަމީން ފައިސަލެވެ.

އަމީނާއާ ބައްދަލުވުމުގެ އުފަލުން އަޅުގަނޑު އެ ގެއިން ނުކުމެގެން އާއިރު، މައްޗަށް އަރަން ހަދާފައިހުރި ސިޑިއާ ދިމާލުގައި ބަހައްޓާފައިވާ ރައީސް އަމީންގެ ރީތި ފޮޓޯފުޅާ ދިމާއަށް ބަލައިލެވުނެވެ. އެ ފޮޓޯފުޅުގެ ފޮޓޯއެއް ވެސް ފޯނުގައި ރައްކާކުރީމެވެ. ދިވެހި ގެތައް އާންމުކޮށް ހުންނަ ފަރުމާތަކާ މުޅިން ތަފާތުކޮށް، އިންޑިއާގެ ގެތަކުގެ ފަރުމާއާ ވައްތަރަކަށް ހަދާފައިވާ އެ ގެއަށް އެ ފޮޓޯފުޅާއެކު އިތުރު ފުރިހަމަ ގެނުވަ އެވެ. ނަމަވެސް އެމަނިކުފާނަށް މި ގައުމުން ވެފައިވަނީ ހާދަ ބޮޑު ބޭއިންސެފެކޭ އެ ވަގުތު ވެސް ހިތަށް އެރި އެވެ.

މަރުހަބާ ދެންނެވި ފަދައިން އަޅުގަނޑުމެންނަށް އެ ގެކޮޅުން އަލްވަދާއު ދެންނެވީ ވެސް އަމީން ފައިސަލެވެ. ރާއްޖޭގެ ފުރަތަމަ ފަސްޓް ޑޯޓާއާ ބައްދަލުވެ، އެ ގެކޮޅުން ނުކުތްއިރު އަޅުގަނޑުމެން ތިބީ ވަރަށް އުފަލުންނެވެ. ނޫސްވެރިކަމުގެ ހަޔާތުގައި އެއީ އަޅުގަނޑުމެނަށް ބޮޑު ދުވަހެކެވެ. އުފާވެރި، ޝަރަފުވެރި ވެސް ދުވަހެކެވެ. އެކަމަނާގެ ކެތްތެރި، މަޑުމައިތިރި ދިރިއުޅުމުގެ ކުޑަކުޑަ ވަގުތުކޮޅެއްގެ ހިއްސާއަކަށްވުން ވެސް އެއީ ލިބުނު ބޮޑު ޝަރަފެއް ކަމުގައި ދެކިގެންނެވެ. މާތްﷲ އެކަމަނާގެ ފާފަ ފުއްސަވައި ހެޔޮ ރަހުމަތް ލައްވާށި!