ހަބަރު

އަމީނާގެ ތައުޒިޔާގެ ދަފުތަރުގައި ވާޗުއަލްކޮށް ސޮއިކުރަން ހުޅުވާލަނީ

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަމީނާ މުހައްމަދު އަމީންގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާގެ ދަފުތަރެއް ހިމެނޭ ފޮތެއް ބާއްވަވާނެ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ހަމައެކަނި ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުންގެ އަމީނާ މިއަދު އަވަހާރަވީ އެކަމަނާ ދިރިއުޅުއްވާ ގޭގަ އެވެ. އަވަހާރަވިއިރު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވެ އެވެ. ދައުލަތަށް އެތައް ހިދުމަތެއް ކުރައްވާފައިވާ އަމީނާ އަވަހާރަވިއިރު އެކަމަނާގެ އުމުރުފަޅަކީ 83 އަހަރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަމީނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް އަމީން އަވާހަރަވުމަށް ފަހުގައި އެކަމަނާ ހޭދަކުރެއްވި ހަޔާތްޕުޅަކީ އަސަރުގަދަ ހަޔާތްޕުޅެކެވެ. އަދި އެތައް ބަޔަކަށް މިސާލެއްގެ ގޮތުގައިވާ ހަޔާތްޕުޅެއް ކަމަށެވެ. ރައީސް އަމީން އަވަހާރަވިއިރު އަމީނާގެ އުމުރުފުޅަކީ 17 އަހަރެވެ.

"ރައީސް އަމީން އަވަހާރަވުމަށް ފަހުގައި އަމީނާގެ ހާޔަތްޕުޅު ދިޔަ ގޮތަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ހަޔާތުގައި ވެސް، ދިވެހިންގެ އަންހެނުންގެ ހަޔާތުގައި ވެސް އަދި މުޅި ދިވެހި ގައުމުގެ ހަޔާތުގައި ވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އަސަރުގަދަ، އަދި އެހާމެ އުފާވެރި ހިތްގައިމު ދުވަސްތަކެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ދައުލަތަށާއި ރައްޔިތުންގެ މަޖިލީހަށް އަމީނާ ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެކަމަނާގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ފޮތެއް ބާއްވަވާނެ ކަމަށެވެ. އަދި އެ ފޮތުގައި ސޮއިކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް އޮންލައިންކޮށް ހުޅުވާލާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެކަމަނާ (އަމީނާ) ގެ ހަނދާނުގައި މި މަޖިލީހުގައި ލިޔާނެ ފޮތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ބާއްވާނަން. އަދި ކޮވިޑްގެ ސަބަބުން މިހާރު މި އޮތް ހާލަތުގައި އެ ފޮތުގައި ސޮއިކުރުމުގެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ހުޅުވާލެވޭނީ ވާޗުއަލްކޮށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ވަނީ އަމީނާ އަވަހާރަވުމާ ގުޅިގެން ހުޅުވާ ތައުޒިޔާގެ ދަފުތަރުގައި ތައުޒިޔާގެ މެސެޖުތައް ދިނުމަށް އެ ޓްވީޓްގެ ކޮމެންޓް ސެކްޝަންގައި ޕޯސްޓް ކުރުމަށް މިހާރު ހުޅުވާލާފަ އެވެ.

އަމީނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ކުރެއްވީ 23 ފެބްރުއަރީ 1980 ވަނަ އިން 15 ޖެނުއަރީ 1989 ވަނަ އަހަރާ ހަމައަށެވެ. މަޖިލީހުގެ މެންބަރު ކަން އެކަމަނާ އަދާ ކުރެއްވީ އޭރުގެ މަޖިލީހުގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ހައިސިއްޔަތުންނެވެ.