ރޭ އަވަހާރަވި އަލްއަމީރު މުހައްމަދު ނޫރައްދީން (ނ.އ.އ.ވ) ގެ އަނބިކަނބަލުން މ. ތާނގީދޮށުގޭ ފާތިމަތު ނާސިރާއަކީ ރާއްޖެއަށް ޒަމާނީ ދިވެހި އަންހެނުން ތައާރަފުވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ކަނބަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.
ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ނާސިރާ އަވަހާރަވީ އުމުރުފުޅުން 87 އަހަރުގަ އެވެ.
މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވަނީ ނާސިރާގެ ހަނދާންތައް އާ ކުރައްވައި އެކަމަނާއަށް ސުވަރުގޭގެ ނިއުމަތް ދެއްވުމަށާއި އާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ވަޑައިގެންފަ އެވެ.
"ފާތިމަތު ނާސިރާއަކީ ދިވެހި ޒަމާނީ އަންހެނުން ތައާރަފު ކުރެއްވުމުގައި އަޅުގަނޑު ހިތުން ވަރަށްވެސް ބޮޑު ދައުރެއް އަދާ ކުރައްވާފައިވާ ބެފުޅެއް. ފިރިކަލުންގެ އަރިހުގައާއި ކުދިން ބޮޑެތި ކުރުމުގައި ހަރުދަނާ މިސާލުފުޅު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައްކަވާފައިވާ ވަރުގަދަ ޝަހުސިއްތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނާސިރާގެ ހަނދާންތައް އާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ނާސިރާއަށް ހަތް ބޭފުޅުން ލިބިވަޑައިގެންނެވި އިރު އެ ހުރިހާަ ބޭފުޅުންނަކީ ވެސް ދިވެހި ދައުލަތަށް ހިދުމަތް ކޮށްދެއްވި ވަރަށް ކާމިޔާބު ބޭފުޅުން ކަމަށެވެ.
ފާތިމަތު ނާސިރާގެ ބޭފުޅުންގެ ތެރޭގައި ޔޫރޯ ސްޓޯރުގެ ވެރިޔާ އިސްމާއީލް ނޫރައްދީނާއި އަހުމަދު މާހިރު އަދި މުހައްމަދު މާހިރު ފާހަގަ ކޮށްލެވެއެވެ. ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކަކީ ނާސިރާގެ ކޮއްކޯފުޅެކެވެ.