ހަބަރު

އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލައިފި އެވެ.

އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ އިޝާ ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށް ފަހު ބޭއްވި ކަށު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އިމާމްވެ ނަމާދު ކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ކަށުނަމާދުގަައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ނާއިބު ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމަނިކުފާނު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދިވެހީންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ. މިދިޔަ ހަފްތާއިން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އުމަރު ޒާހިރު ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ. ކޮވިޑްގެ އާލާސްކަންފުޅާ ގުޅިގެން ހާލުކޮޅު ވަރަށް ސީރިއަސްވެ އެތައް ފަހަރަކު ފަރުވާދޭން ޖެހިފައިވެއެވެ.

ކޮވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ގައުމީ ހިދުމަތުގައި ވަރަށް ޝަރަފުވެރި ތާރީހެއް އޮތް އަދި މި ފަހުން ރާއްޖެ ދުށް އެންމެ ބޮޑު އެއް ހިދުމަތްތެރިޔާ މިއަދު އަވަހާރަވީއިރު ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަަޑައިގަތުމާއި ހަމައަށް ގައުމީ ބޮޑެތި ހަރަކާތްތަކާއި ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ދާދި ފަހުން އެމަނިކުފާނު ވަނީ ޏ. ފުވައްމުލަކު ސިޓީއަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ އެ ސިޓީގައި އުމަރުގެ އަމިއްލަފުޅު ޚަރަދުގައި ބިނާ ކުރެއްވި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އުމަރު ޒާހިރު ވަނީ އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ އާއި މަޖީދިއްޔާ ސުކޫލުގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ ކަމާއި ބަނޑޮސް ރިސޯޓްގެ މެނޭޖަރު ކަމާއި އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު ކަމާއި ހޯމް މިނިސްޓަރުގެ ނާއިބު ކަމާއި 1980 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް މާލެ މުނިސިޕަލްޓީގެ ރައީސްކަން ކުރައްވާފައެވެ.

ވަރަށް ގިނަ މިނިސްޓްރީތައްވެސް އެމަނިކުފާނު ހިންގަވާފައިވެއެވެ. އެގޮތުން 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމައަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސް ކަމާއި މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް ކަމާއި މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް ކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރުކަން ހިމެނެއެވެ. ތިން ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ. އެއީ 1983 ވަނަ އަހަރުން 1988 އަށް އަދި 1988 ވަނަ އަހަރުން 1993 ވަނަ އަހަރަށް އަދި 2004 ވަނަ އަހަރުން 2005 ވަނަ އަހަރަށެވެ.

މާލެ ސިޓީގެ ތަރައްގީ އާއި ހުޅުމާލެ ހިއްކާ އެ ރަށް އާބާދުކުރުމަށް ހިންގި ބޮޑު މަޝްރޫއުގެ މޭސްތިރިއަކީވެސް އުމަރު ޒާހިރެވެ.