ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ތައުޒިޔާ ކުރީގެ ރައީސް ސޯލިހްގެ އާއިލާއަށް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމަ -- މުއުމިނާ ހުސައިންފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް ސޯލިހުގެ މަންމަ -- މުއުމިނާ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ އާއިލާއަށް ހިތުގެ އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށް ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

"މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލަހައްޓަވާށިއެވެ. އާމީން." ރައީސް މުއިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހްގެ މަންމަ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު އެވެ.

މުއުމިނާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ.