އޮބިޗުއަރީ

ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ އެވެ. ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭ މެންދަމު 1:30 ވުމާއި ގާތްވެފައިވަނިކޮށެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އަވަހާރަވީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ މިރޭ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މީގެ ކުރީން ދުބާއީގައި ހުސައިން ވަނީ ކެންސަރަށް ފަރުވާ ހޯއްދަވާފައެވެ. މިދިޔަ އަހަރާއި މި އަހަރުގެ ބައެއްގައިވެސް ފަރުވާއަށް ވަރަށް ދިގު މުއްދަތެއްގައި ރާއްޖެއިން ބޭރުގައި ހުންނެވިއެވެ.

ހުސައިން އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ސަރުކާރުގެ އިސްވެެރިން ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

ހުސައިންގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ ހުންނެވިއެވެ.

ވަރަށް ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ހުސައިން ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަލްސާގައި ހުސައިން ވަނީ އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަން ފާހަގަކުރައްވާ އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ ދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެންނަށް ހުސައިން ވަނީ ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

"ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާއެއް ކުރަމުން މިއަދު މިތަނަށް އައިސް އަނެއްކާވެސް ތިބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން މާތް ﷲ އަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކި ރައްޔިތުން އަދި ހެޔޮ އެދޭ އެތައް ބޭފުޅުންނެއް އަޅުގަނޑަށް ގުޅޭ ހާލު ބެލިކަމަށްޓަކައި އަޅުގަނޑު އުފާކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަން." ހުސައިން އެދުވަހު ވިދާޅުވި އެވެ.

ހުސައިން ވަނީ ވަހީދު 17 ވަނަ މަޖިލީހަށްވެސް އިންތިހާބުވެވަޑައިގެން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެވެ. ށ. ފޯކައިދޫއަަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ހުސައިން ވަހީދަކީ ކާމިޔާބު ވިޔަފާރިވެރިއެއްވެސް މެއެވެ.