ބާ ކައުންސިލް

ވަކީލުންގެ ހަޔާތް ފެށީ "އަމީން އެޖެންޑާ"އިން!

Jul 13, 2019
6

ގާނޫނީ ވަކީލުންނަކީ ޝައުރީ އަދި ގާނޫނީ ކަންކަމާއި ޝަރުއީ މަޖިލިސްތަކުގައި ވަކާލާތުކޮށް އާންމުންނަށް ބޭނުންވާ ކަންކަމުގައި ޝަރުއީ އަދި ގާނޫނީ ލަފަޔާއި އިރުޝާދު ދޭނެ ހާއްސަ އިލްމީ ތަމްރީނުތަކެއް ލިބިފައިވާ ބައެކެވެ. ގާނޫނީ ހަޔާތެއްވެސް އަދި ޝަރުއީ ނިޒާމެއްވެސް ވަޒަނަށް ފެތިފައި އޮންނަނީ ގާނޫނީ ވަކީލުންގެ ދައުރު އޮންނާތީ އެވެ. ޝަރުއީ އަދި ގާނޫނީ ނިޒާމަށް ބަދަހިކަން ގެނެސްދޭ ބާރަކީ ވެސް ގާނޫނީ ވަކީލުންނެވެ. އެނޫނީ ގައުމެއްގެ ހަޔާތް އިންނާނީ ވަޒަނުން ކައްސާލާފަ އެވެ.

ރާއްޖޭގައި ބަޔަކު ރަށްވެހި ވީއްސުރެ ގާނޫނީ ހަޔާތެއް ވެސް އޮންނާނެ އެވެ. އަދި 1932 އިން ފެށިގެން ރަސްމީވެފައިވާ ގާނޫނީ ހަޔާތެއް އޮބައޮތެވެ. ރާއްޖޭގައި ގާނޫނީ ވަކީލުންގެ ތާރީހެއް ވެސް އެބައޮތެވެ. ދިވެހި ގާނޫނީ ވަކީލުންގެ ގާނޫނީ ހަޔާތުގައި މިއަދަކީ ތާރީހީ ދުވަހަކަށް ބަދަލުވެގެންދަނީ ދަފުތަރުވެފައިވާ 1400 އަށްވުރެ ގިނަ ގާނޫނީ ވަކީލުންގެ ވޯޓާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި މިއަދު ބާކައުންސިލެއްގެ އެކްސްކޯ އިންތިހާބު ކުރާނެތީ އެވެ.

ރާއްގައި ތިއްބެވި ވަކީލުންގެ ތެރޭގައި މަތީ ފެންވަރުގެ ވަކީލުންނާއި އެކި ދަރަޖައިގެ ވަކީލުން ހިމެނޭއިރު އެއްވެސް ފެންވަރެއް ފާޅު ނުވާ ހިމޭން ވަކީލުން ވެސް ހިމެނެ އެވެ. ރާއްޖޭގައި ގާނޫނީ ވަކީލުންގެ ދައުރު ފެށުނު ހިސާބަކާއި ދުވަސްވަރެއް ވެސް ތާރީހުގެ ތެރެއަށް ގޮސްފައި ވާނެ އެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅަށް ދިރާސާ ކުރެވިފައިވާ ތާރީހެއް ނޫނެވެ.

މަޝްހޫރު ތާރީހު އިލްމުވެރިޔާ އިބްނި ބަތޫތާގެ ނޯޓްތަކުން އެނގެނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާން އެންގުމުން އެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހާގެ ފަރާތުން ޝަރީއަތުގައި ވާހަކަ ދައްކާނޭ މީހަކު ފޮނުވުން އެ ޒަމާނުގައި ވެސް ރާއްޖޭގައި އޮތް ކަމެވެ. އޭގެ މާނައަކީ 1350 ގައި ވެސް ރާއްޖޭގައި ގާނޫނީ ވަކީލުންގެ ދައުރު އޮތީ އެވެ. އަދި އެ ތާރީހު އެއަށް ވުރެ ދުރަށް ދަތުރުކޮށްފައި ވާނެ ކަމެވެ.

ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި މުޅި ޖުޑިޝަރީގެ ތެރެއިން ގާނޫނީ ވަކީލުންނަށް ދޮރު ހުޅުވުނީ 1932 ގަ އެވެ. އެ ދޮރު ހުޅުވައި ދިނީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީންނެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ރަސްމީ ގާނޫނީ ހަޔާތް ފެށުނީ ގާނޫނީ ވަކީލުންނަށް އޮންނަންޖޭހޭ ޖާގަ ވެސް ހިމަނައިގެނެވެ.

ފުރަތަމަ ގާނޫނު އަސާސީގެ 83 ވަނަ މާއްދާ

ކޮންމެ ކަހަލަ ޝަރީއަތެއްގައި ނަމަވެސް ވަކީލުން ގެންދިއުމީ ހުއްދަވެގެންވާ ކަމެވެ. ވަކީލުން ކަމުގައި ފުދޭނީ ޝަރީއަތާއި ގާނޫނު ދަންނަ މީހުންނެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އަށް ދާއިރު އެ ގާނޫނު އަސާސީގެ 83 ވަނަ މާއްދާ އިން އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެ އެވެ. އެ މާއްދާގައި ބުނެދެނީ ކޮންމެ ކަހަލަ ޝަރީއަތެއްގައި ވިޔަސް އެމީހާއާއެކު ވަކީލުން ގެންދިއުމަކީ ހުއްދަވެގެންވާ ކަމެކޭ އެވެ. އަދި ވަކީލުން ކަމުގައި ފުދޭނީ ޝަރީއަތާއި ގާނޫނު ދަންނަ މީހުންނޭ އެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީއަކީ "ވަގުތަށްވުރެ ކުރީ" ވިހޭ ގާނޫނުއަސާސީއެއް ކަމަށް ބައެއް ތާރީހީ އިލްމުވެރިން ބުރަވެ ވަޑައިގަންނަވަ އެވެ.

އެ ގާނޫނު އަސާސީގައި ގާނޫނީ ވަކީލުންނަށް ޖާގަ ދެވިފައި ވިޔަސް އެ ފުރުސަތުގެ ބޭނުން އެ ދުވަސްވަރު އޮތީ ނުކުރެވި އެވެ. ފުރަތަމަ ކަމަކަށް ގާނޫނު އަސާސީ ބަޔާން ކުރާ ޝަރީއަތާއި ގާނޫނު ދަންނަ ވަކީލުން ރާއްޖޭގައި އޭރަކު "ނުހައްދަވަ" އެވެ. އަނެއް ކަމަކަށް ގާނޫނީ ވަކީލުން އެއީ ކީއްކުރާ، ކޮން ބައެއްކަން ރާއްޖޭގައި އެނގޭ ހަމަ އެކަނި ބަޔަކީ ފުރަތަމަ ގާނޫނު އަސާސީ ލިޔުނު މީހުންނާއި އެނޫނަސް އޭރު ވެރިކަމުގެ އާއިލާތަކުގެ ތެރޭގައި ތިއްބެވި މަދު ބޭފުޅުންކޮޅެކެވެ.

ރާއްޖޭގެ ބަންޑާރަ ނައިބަކީ ހަމައެކަނި މަހުކަމަތުއް ޝަރުއިއްޔާ އަށް ދައުލަތުން ހުށަހަޅާ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ކަމަށް ހަމަޖެހިގެން އައީ 1943 ގަ އެވެ. އޭގެ މާނައަކީ އެހިސާބުން އެ އޮތީ ގާނޫނީ ވަކީލުންގެ ބޭނުން ކުރުމަށް ހިސާބެއްގެ "އެކުވިރަސްމީ ސިފަ" އެއް އައިސްފަ އެވެ.

ރާއްޖޭގެ ދައުލަތް ހިންގުން ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމުގެ ކުރިން ގައުމުގެ ހުރިހާ ބާރުވެރި ކަމެއް ލިބިވަޑައިގެން ގައުމު ހިންގެވި ރައީސް މުހައްމަދު އަމީނަކީ ރާއްޖޭގެ އޭރުގެ އާބާދީ އާއި އިލްމީ ބޭފުޅުންނާ ވަރުންއަޅުވާއިރު ވަރަށް ބޮޑަށް "ހުޅުވިފައިވާ ސިކުނޑިއެއް" ގެ ވެރިއެކެވެ.

އާ ކަންތައްތައް ތައާރަފު ކުރެއްވުމަށް އެމަނިކުފާނު ކުރެއްވެވި މަސައްކަތްތަކުގެ ތެރޭގައި 1950 ގެ ތެރޭގައި ޝަރުއީ އަދި ގާނޫނީ ދާއިރާ މުޅިން ފުށުން ޖަހައިލައި އިސްލާހުތަކެއް ހިމެނޭ އެޖެންޑާއެއް ގެންނެވި އެވެ. އެ އެޖެންޑާގައި ފުރަތަމަ ފަހަރަށް ވަކި ހާއްސަ ޕްރޮފެޝަނެއްގެ ގޮތުގައި ރަސްމީކޮށް ގާނޫނީ ވަކީލުން ތައާރަފު ކުރެއްވީ ރައީސް އަމީނެވެ.

އެ މަނިކުފާނުގެ މަސައްކަތްޕުޅުން ގާނޫނީ ވަކީލުންގެ މުގައްރަރެއް އެކުލަވާލައްވައި އޭރުގެ އެޑިއުކޭޝަން މެދުވެރިކޮށް ފުރަތަމަ ގާނޫނީ ވަކީލުންގެ އިމްތިހާނު ބާއްވާ ގޮތަށް ނިންމެވި އެވެ. އެ އިމްތިހާނުގައި ސީދާ އެމަނިކުފާނު ވެސް ބައިވެރިވެ ވަޑައިގެން އީށިންނެވި އެވެ.

ރާއްޖޭގެ ގާނޫނީ ވަކީލުންގެ ފުރަތަމަ އިމްތިހާނުގައި 20 ބޭފުޅަކު ޓެސްޓް ހެއްދެވި އިރު އެ ޓެސްޓުން ފާސްވީ ހަ ބޭފުޅުކެވެ. އެހެން ބޭފުޅުން ފޭލިވީ އެވެ.

ފުރަތަމަ ބުރުގައި މުޅި ޓެސްޓުން އެއްވަނަ ދަރަޖައިގައި ފާސްވެ ވަޑައިގަތީ މުހައްމަދު އަމީނާއި އިބްރާހިމް ޝިހާބެވެ. ދެ ވަނަ ދަރަޖައިގައި ފާސްވީ ހެންވޭރުގޭ އަހުމަދު ކާމިލު ދީދީ އާއި މުހައްމަދު ލުތުފީ އާއި ބުޗާ ހަސަން ކަލޭފާނާއި ނތ. ހަސަން ދީދީ އެވެ.

ހަސަންދީ ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ 20 ބޭފުޅުންގެ އިމްތިހާނު ކުރިޔަށް ދިއިރު އެ އިމްތިހާނުގައި ރައީސް އަމީން ބައިވެރިވެ ވަޑައިގެންނެވިއިރު، އިމްތިހޯނު ހޯލް ބަލަހައްޓާ އިންވިޖިލޭޓަރަކީ ވެސް ރައީސް އަމީނެވެ.

ތާރީހީ މި ޓެސްޓަށް ފަހު ފާސްވި ބޭފުޅުން ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެއްވެވި ކަމަށް ތާރީހުން ހޯދައި ބެލި އިރު އެނގެނީ ޖޫން 17، 1951 އްގެ ގޮތުގަ އެވެ.

އަޅުގަނޑު އަދުލު އިންސާފުގެ ހަމަތަކުގެ މަތީގައި ގާއިމުވެ ހުރެ ދެ ހަސްމުންގެ ދެމެދުގައި ވަކާލާތު ކުރަން ހުރި ފަރާތަށް އިހުލާސްތެރިކަމާ އެކު ވަކީލުކަން އަދާކުރުން މައްޗަށާއި މަހުކަމަތުއް ޝަރުއިއްޔާގެ އިއްޒަތާއި ގަދަރު ދިވެހި ރައްޔިތުންގެ މެދުގައި ފެތުރުއްވުމަށް ތެދުވެރިކަމާ އެކު ބާރު އެޅުމުގެ މައްޗަށް އިގުރާރުވަމެވެ. މާތް ﷲ އަޅުގަނޑަށް ތައުފީގު ދެއްވާށި އެވެ. އާމީން!
ފުރަތަމަ ރަސްމީ ގާނޫނީ ވަކީލުން ކުރި ހުވާ

ފުރަތަމަ ރަސްމީ ގާނޫނީ ވަކީލުން ކުރެއްވެވި ގާނޫނީ ވަކީލުންގެ ހުވައަކީ ވަރަށް ތާރީހީ ހުވައެވެ. އެ ހުވައިގެ އިބާރާތުގައި ބުނަނީ "އަޅުގަނޑު އަދުލު އިންސާފުގެ ހަމަތަކުގެ މަތީގައި ގާއިމުވެ ހުރެ ދެ ހަސްމުންގެ ދެމެދުގައި ވަކާލާތު ކުރަން ހުރި ފަރާތަށް އިހުލާސްތެރިކަމާ އެކު ވަކީލުކަން އަދާކުރުން މައްޗަށާއި މަހުކަމަތުއް ޝަރުއިއްޔާގެ އިއްޒަތާއި ގަދަރު ދިވެހި ރައްޔިތުންގެ މެދުގައި ފެތުރުއްވުމަށް ތެދުވެރިކަމާ އެކު ބާރު އެޅުމުގެ މައްޗަށް އިގުރާރުވަމެވެ. މާތް ﷲ އަޅުގަނޑަށް ތައުފީގު ދެއްވާށި އެވެ. އާމީން!" މިހެނެވެ.

އެޖެންޑާއެއްގެ ތެރެއިން އަމީން ޝަރުއީ ނިޒާމަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއަށް ގާނޫނީ ވަކީލުންގެ ދައުރު ވަނުމާ އެކު ޝަރީއަތުގައި ދެ ހަސްމުން ތަމްސީލުކުރުމަށް ގާނޫނީ ވަކީލުން އެއް ހާޒިރުގައި ތިބެގެން ފުރަތަމަ ކުރި ޝަރީއަތަކީ ހދ. ކުޅުދުއްފުށީ މޯގަލް އާދުބެ އާއި ރުގިއްޔާ އަލީގެ ޝަރީއަތެވެ.

  • ވަކީލުންނާއެކު ފުރަތަމަ ކުރި ޝަރީއަތް: ކުޅުދުއްފުށީ މޯގަލް އާދުބެ އާއި ރުގިއްޔާ އަލީގެ ޝަރީއަތް
  • ވަކީލުން ޝަރީއަތުގައި ވާހަކަ ދެއްކުމާބެހޭ ގަވައިދެއް ފުރަތަމަ އެކުލަވާލެވުނީ 1961 ގައި

ގާނޫނީ ވަކީލުން ޝަރީއަތުގައި ވާހަކަ ދެއްކުމާ ބެހޭ ގަވައިދެއް ފުރަތަމަ އެކުލަވާލެވުނީ 1961 ގަ އެވެ. އެހެން ދިމާވީ ދެކުނު ގަޑުބަޑުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ޝަރީއަތް ކުރުމަށް ފުރަތަމަ ފަހަރަށް ގާނޫނުލް އުގޫބާތް ނުވަތަ ޕީނަލް ކޯޑް އެކުލަވާލުމާއެކު އެވެ. އެ އިސްލާހުތަކުގައި ޝަރީއަތުގައި ވަކީލުންނާއި ބަދަލުގައި މީހުން ބޭނުން ކުރުމުގެ ގަވައިދެއް އޭޕްރީލް ،15 1961 ގައި އާންމު ކުރި އެވެ.

މުހައްމަދު އަމީން "އޯގަނައިޒުކޮށް" ފައްޓަވައި ދެއްވި ގާނޫނީ ވަކީލުންގެ ހަޔާތަށް ފާޑެއްގެ ނިމުމެއް އައިސްފައި އޮތުމަށް ފަހު ދެން އެކަން ފެށުނީ މި ގަވައިދާ ހަމައިންނެވެ. އެ ގަވައިދުގެ ދަށުން ހުއްދަ ލިބިގެން ވަކީލުންނާ އެކު ކުރެވުނު ފުރަތަމަ ޝަރީއަތަކީ އޭރުގެ ހަވަރު ތިނަދޫ ކުޑަ ހައްވާފުޅު އޭނާގެ މާމަ ދަރިފުޅު ސިއްތިއަށް ދިން ލިޔުމެއް ބާތިލު ކުރުމުގެ ދައުވާގެ ޝަރިއަތެވެ.

އޮކްޓޫބަރު 17، 1962 ގައި މަހުމަކަތުއް ޝަރުއިއްޔާގައި ބޭއްވި ޝަރީއަތުގައި ދައުވާ ކުރީ ހަވަރު ތިނަދޫ ކުޑަ މުހައްމަދުފުޅެވެ. ދައުވާ ލިބެނީ އެރަށު ކުޑަހައްވާފުޅުގެ މާމަ ދަރި، ސިއްތި އަށެވެ.

އިސްތިއުނާފު ގާނޫނުގެ ދަށުން އިސްތިއުނާފު މައްސަލައަކަށް މި ދައުވާ ވުމުން އެ ޝަރީއަތުގައި އެ ކޮމެޓީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ޝިހާބާއި މަލިން މުހައްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގަތެވެ. ތާރީހީ މި ޝަރީއަތުގައި ދައުވާކުރި ފަރާތުގެ ވަކީލަކީ މުލީ އިބުރާހިމްފުޅެވެ. ދައުވާ ލިބޭ ފަރާތުގެ ވަކީލަކީ މަޝްހޫރު ގާނޫނީ ވަކީލުން ކަމަށްވާ ޝާހީން ހަމީދާއި މިއަދު ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ މައުމޫން ހަމީދުގެ ބައްޕާފުޅު އަދި ކުރީގެ ވަޒީރު އަބްދުﷲ ހަމީދެވެ.