ބާ ކައުންސިލް

ގާނޫނީ ފަންނުގެ އުއްމީދާއެކު ސުއޫދާ މާނުގެ ގަދަހިފުން

ރާއްޖޭގައި ތިބި 1،600 އަށްވުރެ ގިނަ ގާނޫނީ ވަކީލުން ހިމަނައި އާންމުކުރި ލިސްޓާ ހަމައިން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެހާ ގިނަ ވަކީލުން ރާއްޖޭގައި ހަމަ އުޅޭތޯ އެތައް ބަޔަކު ސުވާލު ކުރި އެވެ. ނަމަވެސް އެއީ ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިތިބި ވަކީލުންގެ ސައްހަ އަދަދެވެ. އެ ހުރިހާ އެންމެން ހޮނިހިރު ދުވަހު ނުކުންނާނީ އެ މީހުންގެ އުއްމީދުތަކާ މުސްތަގުބަލު ގުޅިފައިވާ އަލަށް އުފަންވި ބާ ކައުންސިލަށް މެންބަރުން ހޮވާށެވެ.

ބާ ކައުންސިލަކީ އެއްވެސް އަމާޒެއް ނެތި ބާކީވެފައި އޮތް ގާނޫނީ ފަންނުގެ ދާއިރާއަށް ލިބިގެންދާނެ ހިތްވަރެކެވެ. ހަރުދަނާ އެއްވެސް އުސޫލެއް ނެތި ވަކީލުންގެ ކަންކަން ބަލަމުންދިއަ ސުޕްރީމް ކޯޓުގެ ދަށުން ނަގައި ބާ ކައުންސިލާއެކު ވަކީލުންގެ އުއްމީދުތަކަށް ވަނީ އާ ދިރުމެއް ލިބިފަ އެވެ.

ބާ ކައުންސިލް ޒިންމާ ކުރުކޮށް

  • ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުން
  • ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލައި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުން
  • ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުން
  • ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުން
  • ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިހާބު ކުރުން
  • ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާބެހޭ ގަވާއިދު ހެދުން

ގާނޫނީ ހިދުމަތުގެ ދާއިރާއަކީ ރާއްޖޭގައި އެންމެ ޒަމާންވީ އެއް ޕްރޮފެޝަނެވެ. ނަމަވެސް އެ ދާއިރާ އުފެދުނު ފަހުން ގާތްގަނޑަކަށް ގަރުނެއް ހަމަވާންދާއިރު އަދުލު އިންސާފު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާ އޮތީ ފުން ވަޅުގަނޑެއްގެ ތެރޭގަ އެވެ.

ވަކީލުންގެ އިތުރުން ހިދުމަތް ލިބިގަންނަ މުވައްކިލުންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ނިޒާމެއް ނެތެވެ. އާންމުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ. އުފުލަންޖެހިފައި ވަނީ ތަފާތު ކުރުމުގެ ތުހުމަތުތަކުގެ ބުރަ އެވެ. މި މަހު ތަސްދީގު ވެގެން ދިޔަ ގާނޫނީ ފަންނުގެ ބިލާއެކު، އުފެދިގެންދާ ބާ ކައުންސިލާމެދު ކުރެވޭ އުއްމީދު ބޮޑުވަނީ އެހެންވެގެނެވެ.

ވަކީލުންގެ މެދުގައި ނެގޭ ވޯޓަކުން މިނިވަން ބަޔަކު އެމީހުންގެ ކަންކަން ރެގިއުލޭޓްކޮށް މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ގާނޫނު ބުނާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެއްކޮޅުގައި ހުސްނު ސުއޫދު

ބާ ކައުންސިލް ލީޑް ކުރައްވަން އެންމެ ފުރަތަމަ އިސް ނެންގެވި ބޭފުޅަކީ ތަޖުރިބާކާރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދެވެ. ލީގަލް ޕްރޮފެޝަނަށް ގިނަ ހިދުމަތްތަކެއް އެތަކެއް އަހަރު ވަންދެން ކުރައްވާފައިވާ ސުއޫދުގެ މައިގަނޑު އެއް ވިސްނުންފުޅަކީ ވަކީލުންގެ ސުލޫކާއި ފެންވަރު އެއް މިންގަނޑެއްގައި ހިފަހައްޓައި އާންމުންގެ އިތުބާރު ހޯދުމެވެ.

އެގޮތުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި މިހާރު ގާނޫނީ ދާއިރާއިން ހިންގާ ކޯސްތަކުގައި ކިޔަވާ ދެނީ ވަރަށް މުސްކުޅި ސިލަބަސްއެއްކަން ފާހަގަ ކުރައްވަމުން ސުއޫދު ވިދާޅުވީ އެ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ބާ ކައުންސިލްގެ މައިގަނޑު އެއް އަމާޒަށް ވާންޖެހޭނެ ކަމަށެވެ.

"ވަކީލުންގެ ގޮތުގައި ތިބި 1،664 މީހުންގެ ތެރެއިން 400 އެއްހާ މީހުންގެ ތިބީ ވަޒީފާއެއް ނެތިފަ. މިއީ ވަރަށް ކަންބޮޑު ވާންޖެހޭ މައްސަލައެއް. އަޅުގަނޑު ބައްދަލުކުރި ގިނަ ވަކީލުން އެބަ ބުނޭ ރާއްޖޭން ކިޔެވީމާ ވަޒީފާ ހޯދަން ވަރަށް ދަތިވެއޭ. ބޭރުން ކިޔަވައިގެން އަންނަ ވަކީލުންނަށޭ އިސްކަން ދެނީ. ހާއްސަކޮށް އޭޖީ އަދި ޕީޖީގެ އޮފީހުން ހުޅުވާލާ ފުރުސަތެއް ނުލިބެއޭ ރާއްޖޭން ކިޔަވައިގެން ތިބޭ ވަކީލުންނަކަށް،" ސުއޫދު ވިދާޅުވި އެވެ.

އެފަދަ ވަކީލުންނަށް ވަޒީފާ ލިބޭނެ މަގުފަހި ކޮށް ދެއްވުމަކީ ސުއޫދުގެ މުހިންމު އަމާޒެކެވެ. އޭނާ ވިދާޅުވާ ގޮތުގައި، އެފަދަ ވަކީލުންގެ ފެންވަރު ހަގީގަތުގައި ވެސް ދަށްނަމަ، އެމީހުންނަށް ބޭނުންވާ ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ މަސްއޫލިއްޔަތު ބާ ކައުންސިލުން އުފުލަން ޖެހޭނެ ކަމަށެވެ. އެ މީހުން ތައުލީމު ހާސިލްކުރި އަހަރުތައް ބޭކާރުވެ، އާ ފެށުމަކާއެކު އެހެން ދާއިރާއަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ހާލަތަކީ ސުއޫދު ބަދަލު ކުރައްވަން ބޭނުންފުޅުވާ އެއް ކަމެވެ.

"ދައުލަތުންވެސް ބޮޑު ހޭދައެއް ކޮށްގެން ރާއްޖޭގައި ހުންނަ ޔުނިވާސިޓީތަކުން ކިޔަވައިގެން މި ނުކުންނަނީ. އެކަމަކު ވަޒީފާއެއް ނުލިބި ކިޔެވި އަހަރުތައް ބޭކާރު މިވަނީ. ދެން މިޖެހެނީ އިތުރަށް ކިޔަވަން ބޭރަށްދާން. ނޫނީ މުޅީން އެހެން ދާއިރާއަކުން އަނެއްކާ ކިޔަވަން ފަށަން. އެއީ ކިހާ ބޮޑު ހަރަދެއް. އަނެއްކާ އެކުދިންގެ އުމުރުން ވެސް ގެއްލިގެންދާ ގިނަ އަހަރުތަކެއް،" ސުއޫދު ފާހަގަ ކުރެއްވި އެވެ.

ހޮނިހިރު ދުވަހު ބާ ކައުންސިލްގެ އިންތިހާބަށް ސުއޫދާއެކު 23 ވަކީލަކު ނުކުންނަވާއިރު، ވޯޓުލާ މަރުކަޒު ގާއިމު ކުރެވުނީ ހަމައެކަނި މާލޭގެ އިތުރުން އައްޑޫގަ އެވެ. އެހެން އެއްވެސް ރަށަކުން ވޯޓު ފޮއްޓެއް ބެހެއްޓޭ އަދަދު ކަމަށްވާ ފަސް ވަކީލުން ހަމަ ނުވެގެންނެވެ.

އެކަން ސުއޫދު ވެސް ފާހަގަ ކުރައްވަ އެވެ. ގާތްގަނޑަކަށް 1،600 އަށް ވުރެ ގިނަ މީހުން ވަކީލުންގެ ރަޖިސްޓްރީގައި ތިބިއިރު، މާލޭން ބޭރުގައި ވަކާލާތުކުރަނީ އެންމެ 100 އެއްހާ ވަކީލުން ކަމަށް ސުއޫދު ވިދާޅުވެ އެވެ. ގާނޫނީ ހިދުމަތް ކޮންމެ ރައްޔިތަކަށް ވެސް ލިބެން ޖެހޭއިރު، އަތޮޅުތަކުގެ ތެރޭގައި އެކަން އިސްތިސްނާ ވާކަމީ ބާ ކައުންސިލުން ފުންކޮށް ވިސްނައި، ހައްލު ކުރަންޖެހޭ މައްސަލައެއްކަން ސުއޫދު ވިދާޅުވި އެވެ.

ގާނޫނީ ދާއިރާއިން ރާއްޖޭގެ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ކޯސްތަކުގައި ބޭނުން ކުރަމުންދާ ގިނަ ފޮތްތައް ލިޔުއްވާފައިވާ ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި، މިހާރު ކޯޓުތަކުގައި ވަކާލާތުކުރަމުންދާ ވަކީލުންގެ އިތުރުން މުސްތަގުބަލުގައި މިދާއިރާއަށް ވަންނަ ކުދީންގެ ފެންވަރު ހިފަހައްޓަންޖެހެ އެވެ. އާންމުންގެ އިތުބާރު އަނބުރާ ގާނޫނީ ހިދުމަތުގެ ދައިރާއަށް ހޯދައި ދިނުމަށެވެ.

އަނެއްކޮޅުގައި މައުމޫން ހަމީދު

ސުއޫދާ ދެކޮޅަށް ހޮނިހިރު ދުވަހު ނުކުންނަވަން މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ނިންމެވީ ބާ ކައުންސިލްގެ ބިންގާ ރަނގަޅުކުރަންޖެހޭ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އެވެ. މިހާތަނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ވަކީލުންނާއި މުޅި ދާއިރާއަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށެވެ. މައުމޫން ގަބޫލު ކުރައްވާ ގޮތުގައި، އެފަދަ ބުރަ މަސައްކަތެއް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ ހުރިހާ ނުފޫޒަކުން މިނިވަންވެފައިވާ ބާ ކައުންސިލަކަށެވެ.

"މި ދައްކަނީ ސަރުކާރުގެ އެކަނި ވާހަކައެއް ނޫން. ކޯޓުތަކާއި ސިޔާސީ ނުފޫޒުގެ އިތުރުން އަމިއްލަ މަސްލަހަތެއް ވެސް ނެތް ބަޔަކު ތިބެގެން އެންމެ އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ،" މައުމޫން ވިދާޅުވި އެވެ. ވަކީލުންނާމެދު އާންމުންގެ މެދުގައި މިހާރުއޮތް ނުބައި ތަސައްވަރު ބަދަލު ކުރުމަކީ މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. ނަމަވެސް، އެ ތަސައްވަރު ބަދަލުކޮށް އާންމުންގެ އިތުބާރު އަނބުރާ ހޯދުމަށް ވަކީލުން އަމިއްލައަށް ވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

ތައުލީމު ހާސިލްކުރާ ތަނެއް ނޫނީ ހާއްސަކޮށް ގައުމެއްގެ ސަބަބުން ތަފާތު ކުރާކަމުގެ ޝަކުވާތަކަށް މައުމޫން ވެސް ފަރިތަ އެވެ. އެ މައްސަލަ ހައްލުކުރަން ބާ ކައުންސިލުން އިސް ދައުރެއް އަދާކޮށްގެން އެކަން އެގޮތަށް ވާނަމަ، އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާތަކެއް ކުރުމަކީ މައުމޫންގެ ވިސްނުންފުޅެވެ.

"މި ދާއިރާގައި މަދުވަނީ ކޮންކަންތައްތަކެއްތޯ އެބަ ބަލަންޖެހޭ. ތައުލީމު ދިނުމުގެ މައްސަލައެއްތޯ ނޫނީ ތަމްރީން ފުރިހަމަ ނުވަނީތޯ. މިއީ އިންތިހާބުކުރެވޭ ބާ ކައުންސިލަކުން ދިރާސާކޮށް ބަލަންޖެހޭނެ ކަންކަން،" މައުމޫން ފާހަގަ ކުރެއްވި އެވެ.

އެއީ މައުމޫން ފާހަގަ ކުރައްވާ އެއް ނުކުތާ އެވެ. ބާ ކައުންސިލް އައުމާއެކު ކުއްލިއަކަށް ހުރިހާ ކަމެއް ރަނގަޅު ވެގެން ނުދާނެ އެވެ. އޭނާއަށް އެންމެ މުހިންމުކަމަކީ ކައުންސިލުން ކުރާ ކޮންމެ ކަމެއްގެ ބިންގާ ވަރުގަދަވުމެވެ. ހާއްސަކޮށް ކައުންސިލުން އެކުލަވާލައި ގަވައިދުތަކާއި އުސޫލުތަކަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އެއްވެސް ވަކީލަކު ބާކީނުވާނޭ ގޮތަކަށް ކުރަންޖެހޭ މަސައްކަތެއްކަން މައުމޫން ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ދަންނަވަންޏާ މާ ހަރުކަށިކޮށް ގަވައިދުތަކާއި އުސޫލުތައް ހަދައިފިއްޔާ އެއް ބަޔަކު ބާކީ ވެގެންދާނެ. ސްޓޭންޑަޑްތައް ހުންނަންޖެހޭނީ އެންމެނަށް ވެސް ހާސިލްވެވޭނެ ގޮތަކަށް. މާ ހަރުކަށިކޮށް ނޫނީ ސްޓޭންޑަޑު މާ މަތިކޮށް އެންމެ ފުރަތަމަ މަރުހަލާގައި ވެސް ބާއްވައިފިނަމަ ގިނަ ބަޔަކު ބޭކާރު ވެގެންދާނެ. އެހެންވީމާ އެކަން ކުރަންޖެހޭނީ ކޮންމެ މީހަކަށް ވެސް މަޑުމަޑުން އެ ސްޓޭންޑަޑުތައް ހާސިލްކުރެވޭނެ ގޮތަކަށް،" މައުމޫން ތަފްސީލުކޮށްދެއްވި އެވެ.

ހާއްސަކޮށް ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ މަސައްކަތް ބޮޑުވެފައި ބުރަކަމަށް މައުމޫނުވެސް އިއްތިފާގުވެ ވަޑައިގަންނަވަ އެވެ. ނަމަވެސް، ގުޅިގެން އެންމެންގެ ކަންބޮޑުވުންތައް އަޑުއަހައިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އޮތުމަކީ އެ މަސައްކަތް ލުއިވެގެންދާނެ ކަމެއް ކަމީ މައުމޫނު ގަބޫލުފުޅުކުރައްވާ ގޮތެވެ. ގާނޫނީ ހިދުމަތުގެ ދާއިރާގައި ހުރި ގިނަ ގޮންޖެހުންތައް ހައްލުކުރެވޭނީ އެންމެންގެ ބައިވެރިވުން އޮވެގެންނެވެ.

"އެންމެން އެކުގައި މަސައްކަތްކޮށްގެން މިކަން ވާނީ. ދެން އިންތިހާބަށްފަހު ބުނަންވީ ތިތިބީ އެކްސްކޯއެއް ހޮވާފައޭ ކަންކަން ރަނގަޅުކުރުމަކީ ތިމީހުންގެ ޒިންމާއެކޭ. އެހެނެއްނޫން ވާންޖެހޭނީ. ކޮންމެ ބަޔަކު އިންތިހާބުވި ނަމަވެސް، އެންމެންގެ އެހީތެރިކަން ބޭނުންވާނެ. ފާޑުވެސް ކިޔަންޖެހޭނެ. ހިޔާލުވެސް ދޭންޖެހޭނެ. ފާރަވެރިވެސް ވާންޖެހޭނެ. ކަލެކްޓިވް ފެށުމެއް މިކަމަށް ކޮންމެހެންވެސް ބޭނުންވޭ،" މައުމޫން އިތުރަށް ވިދާޅުވި އެވެ.

ކޮންމެއަކަސް، އެތަކެއް އަހަރެއް ވަންދެން ވަކީލުން ކުރި ބުރަ މަސައްކަތް މި ވަނީ ކާމިޔާބުވެފަ އެވެ. ވަކީލުން އެދެމުން އައި އެދުމާއެއްގޮތަށް އެމީހުން ތަމްސީލުކުރާނެ އެމީހުން ހޮވާ މިނިވަން ބަޔަކު ހޮނިހިރު ދުވަހު ބާ ކައުންސިލަށް އަންނާނެ އެވެ. ކުރަންޖެހޭ މަސައްކަތް ބޮޑުވެފަ އެހާމެ ބުރަ އެވެ. ހިލޭ ސާބަހަށްކޮށްދޭ މަސައްކަތެއްގެ ގޮތުގަ އެވެ. ގާނޫނީ ހިދުމަތުގެ ދާއިރާގައި އުޅޭ މީހުން ތަރައްގީ ކުރުމުގެ ޒިންމާ އުފުލަންއެބަޖެހެ އެވެ. އަދުލުވެރި އިންސާފު ގާއިމުކުރާ ނިޒާމުގައި ވަކީލުން އަދާކުރާ ދައުރު އެންމެ އެދެވޭ ގޮތުގައި އަދާކުރެވޭނެ މަގު ދައްކައިދިނުމާއެކު އެވެ.