މުހައްމަދު ނާޒިމް

ގާނޫނީ ފަންނުގެ ގާނޫނަށް ނާޒިމްގެ އިސްލާހެއް

ގާނޫނީ ފަންނުގެ ގާނޫނަށް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްލާހެއް ހުށައަޅުއްވައިފި އެވެ.

ނާޒިމް މިއަދު ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުނަށް ހައްލު ހޯދައިދިނުމަށްޓަކައި އެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ކަމަށެވެ.

އެ ގޮތުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަ ކުރުމުގެ ދެ ޝަރުތައް އަމަލުކުރުން ފަސް ކުރުމަށް ވަނީ ހުށައަޅާފަ އެވެ.

އެ އިސްލާހުގެ ބުނެފައިވަނީ އެ ދެ ޝަރުތައް އަމަލުކުރުން ޖެނުއަރީ 1، 2021 ހަމަޔަށް ފަސް ކުރުމަށެވެ.

އިސްލާހުގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަ ކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރެވިފައި ނުވާތީ 300 ވުރެ ގިނަ ވަކީލުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފެށިފައިނުވާ ކަމަށް ބުނެފައި ވެއެވެ.

ނާޒިމް މި އިސްލާހު ހުށައަޅާފައިވާއިރު އެ އިސްލާހަށް ތާއީދު ކުރައްވާ އެ ބިލް ކޯ ސްޕޮންސަރު ކޮންފައިވަނީ ކުރިން ޑެޕިއުޓީ އޭޖީ އަދި ނާޒިމްގެ އާއިލީ މެންބަރެއް ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.