ގާނޫނީ ފަންނުގެ ދާއިރާއަށް އާ ކުދިން ނިކުތުމަށް މިވަގުތަށް އޮތް ހުރަސް ނައްތާލާ ގާނޫނަށް ބަދަލު ގެނައުމަށް ހުށައެޅުމުން ރައްޔިތުންގެ މަޖިލީހަށް އެކަން ބަލައިގެންފައިނުވާ ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ވަކީލުންނަށް ލައިސަންސް ދިނުން ލަސް ކުރުމަށް ބާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރާ ކަމަށާއި ގާނޫނީ ފަންނުގެ ދާއިރާއަށް އާ ކުދިންތަކެއް ނުކުމެދާނެތީ އެ ފުރުސަތު ދޭން އެ ކައުންސިލްގެ މެންބަރުން ބޭނުން ނުވާ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބާ ކައުންސިލަށް އަމާޒުކޮށް ފާޑު ވިދާޅުވެފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ބާ ކައުންސިލްގެ އިމްތިހާނާއި ތަމްރީން ޕްރޮގްރާމްގެ ޝަރުތު ފަސް ކުރުމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ބިލެއް ހުށައަޅާފައެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނަށް މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ބާ ކައުންސިލް އުފައްދާ މެންބަރުން އިންތިހާބުކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައި އެ ދުވަހުން ފެށިގެން ވަކީލުންނަށް ހުއްދަ ދެވޭނީ ބާ ކައުންސިލުން ދޭ އިމްތިހާނު ފުރިހަމަކޮށް އެއް އަހަރުގެ ޓްރެއިން ފުރިހަމަ ކުރުމުން ކަމަށް ބުނެފައިވާ ކަމަށާ އެހެން ކަމުން އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އަހަރު ދުވަސްނުވާއިރު އަލަށް އެއްވެސް މީހަކަށް ވަކީލު ކަމުގެ ހުއްދަ ދޭނީ ކިހިނަކުންތޯ ސުވާލު އުފެދޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
"އެ ގާނޫނަށް އަމަލުކުރަން ފެށުނުތާ އަހަރު ދުވަސްވާނީ މި މަހުގެ 27 އަށް. ފުރަތަމަ ކަމަކަށް ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދުވެ އަމަލުކުރަން ފެށިއިރު ބާ ކައުންސިލެއް ނެތް، އެ ކައުންސިލުން ވުޖޫދުވީ ޖުލައި 13 ގައި. އަދި ގާނޫނުގައި އެބަބުނޭ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އަލަށް ކުދިންނަށް ހުއްދަ ދެވޭނީ ބާ އެގްޒާމް ނިންނާ އަހަރު ދުވަހުގެ ޓްރެއިން ހެދުމުން ކަމަށް. އެހެންވީމަ ގާނޫނަށް އަމަލުކުރަން ފެށި ދުވަހު ޓެރެއިން ފެށިނަމަވެސް އަދި އަހަރު ދުވަސް ނުވާނެ، އެހެންވީމަ މިކަން ނުވެ މި އޮތީ ބާ ކައުންސިލްގެ އިހުމާލަކުން ނޫން. ނަމަވެސް އަޅުގަނޑު ވަކި ބަޔަކު ބްލޭމްކުރާކަށް ބޭނުމެއް ނޫން."
ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ސަތޭކައެއްހާ ކުދިން ތިބީ ދަސްވެނިވެފައެވެ. އަދި މިހާރު އެ އަދަދު ވަނީ 300 އަށް އިތުރުވެފައެވެ.
މައުމޫން ހަމީދު ވިދާޅުވީ ކުއްލިއަކަށް މި ފަދަ ގާނޫނަކަށް އަމަލުކުރަން ފަށާއިރު ވަކީީލުކަމުގެ ހުއްދަ ލިބިފައިވާ މީހުންނަށް ދިން ފަދަ ލުޔެއް އަލަށް މި ދާއިރާއަށް ނިކުންނަ ކުދިންނަށްވެސް އޮންނަންވާނެ ކަމަށެވެ. ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން މިހާރު ހިދުމަތުގައި ތިބި އަދި ހުއްދަ ދީފައިވާ ވަކީލުން އެ ގާނޫނުގެ ދަށުން ހުއްދަ ހޯދުމަށް ފަސް އަަހަރުގެ މުއްދަތެއް ލިބެއެވެ.
ބާ އިމްތިހާނުގައި ދެވޭ ކަރުދާހަކީ ފަންނީ ބޭފުޅުންގެ ލަފަޔާއި އެތައް ދިރާސާތަކަކަށްފަހު ތައްޔާރުކުރާ ކަރުދާހެއް ކަމުން އެކަމަށް ވަގުތު ބޭނުންވާތީ އަލަށް ނިކުންނަ ދަރިވަރުންނަށް ގާނޫނުން އެއް ފުރުސަތުތަކެއް ހޯދާދިނުމަށް މިދިޔަ އަހަރު އަދި މިއަހަރުވެސް މަޖިލީހުގައި އެ ކައުސިލުން ވަނީ އެދިފައެވެ. އެންމެ ފަހުން މިދިޔަ ފެބްރުއަރީގައި ޖުޑިޝަރީ ކޮމެޓީއާއި ބައްދަލްކޮށް އެކަމުގެ ކަންބޮޑުވުން ކައުންސިލް މެންބަރުން ފާޅުކުރުމުން އެކަން އެގޮތަށް ކުރުމަށް ތާއީދު ނުކުރައްވާ ކަމަށް މަޖިލީސް މެންބަރުން ވަނީ ވިދާޅުވެފައެވެ.
"ބާ އިމްތިހާން އެއީ އާދައިގެ އިމްތިހާނެއް ނޫން، މި އިމްތިހާން އެމެރިކާ ފަދަ ގައުމުތަކުގައި ދެނީ ދެ ދުވަހަކަށް ބަހާލައިގެން. މިއީ ދަރިވަރުން މި ހަދާފަފަ އިމްތިހާނުތަކެއް ނޫން. ފަންނީ ބޭފުޅުންގެ ލަފާގެ މަތިން އެކަން ކުރެވޭތޯ މިހާރުވެސް މި ދަނީ ބަލަމުން، އެއީ އެއް ރެއެއްގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން." މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ ފެބްރުއަރީގައި ބޭއްވި ބައްދަލްވުމުގައިވެސް އަދިވެސް ބާ އިމްތިހާނު ދެވޭނީ އިތުރު މުއްދަތުތަކެއް ފަހުން ކަމަށް ކޮމެޓީ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށާ އެހެން ކަމުން ގާނޫނަށް ބަދަލު ގެނެސްގެންވެސް އަލަށް ނިކުންނަ ކުދިންނަށް ހާއްސަ އިންތިޒާމެއްގެ ތެރެއިން ލުއިތަކެއް ދެވޭނެ ގޮތްތަކެއް ހަމަޖެހުން މުހިންމު ކަަމަށް މެންބަރުންނަށް ދެންނެވި ކަމަށެވެ.
"ގާނޫނުގައި ހިމަނާފައި އޮތް ދެ ޝަރުތު އެއީ އަލަށް ކުދިންނަށް ހުއްދަ ނުދެވި އޮތް ދެ ސަބަބަކީ. އެހެންވީމަ ގާނޫނަކުން އެކަން ކޮށްފައިވަނިކޮށް އެ ގާނޫނުގެ ދަށުން އުފައްދާ ބާ ކައުންސިލަށް އެއާ ހިލާފަށް އަމަލެއް ނުކުރެވޭނެ. މިއީ ހަގީގަތުގައި ކޮވިޑް އައުމާ ގުޅިގެން ބަދަލުކުރަން ޖެހޭ ގާނޫނެއް ނޫން. މާކުރިން މީގެ ހަ މަސްދުވަސް ކުރިން އަޅުގަނޑުމެންވާނީ މިކަންބޮޑުވުންތައް މަޖިލީހާ ހިއްސާކޮށްފައި، ނަމަވެސް އޭރު އެ ބޭފުޅުންނަށް އެކަން އެގޮތަށް ކުރައްވަން ފެނިވަޑައިނުގެންނެވީ،" މައުމޫން ވިދާޅުވިއެވެ.