ހަބަރު

މަޖިލީހުން ބިލަށް ގެނައި އިސްލާހަށް ބާ ކައުންސިލުން ތާއީދެއް ނުކުރޭ

ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދު ކުރިއިރު ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވާ ދަރިވަރުންނަށް އަމާޒުކޮށް އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ފަހު ވަކީލު ކަމުގެ ހުއްދަ ދޫކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިސްލާހާ މެދު ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޖިލީހުގެ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނީ ފަންނުގެ ގާނޫނުގައިވާ ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ދެ ޝަރުތެއް އަހަރު ދުވަހަށް ފަސް ކުރުމަަށެވެ. އެއީ ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނުގެ ޝަރުތެވެ.

ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބިލަށް ބަދަލު ގެނެސްފައިވަނީ ބާ ކައުންސިލުން އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ފަހު ވަކީލު ކަމުގެ ހުއްދަ ދޫކުރާ ގޮތަށެވެ. އެ ގޮތަށް އަމަލު ކުރާނީ ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދު ކުރިއިރު ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރި ދަރިވަރުންނަށް ކަމަށް ކޮމިޓީ ރިޕޯޓްގައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ އެ ރިޕޯޓްގައިވާ އިސްލާހާއެކު މަޖިލީހުން މިއަދު ބިލް ފާސްކޮށްފައިވާއިރު، ބާ ކައުންސިލުން ވަނީ އެ ބިލް ފާސްކުރުމުގެ ކުރިން ބިލަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން އެ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހަށް ލިއުމެއް ފޮނުވާފަ އެވެ.

ބާ ކައުންސިލްގެ ލިއުމުގައި ބުނެފައިވާ ގޮތުން، ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމްގެ އުސޫލުތައް ހަތް ދުވަހުގެ ތެރޭގައި އެކުލަވާލައި ނިންމަން ބުުނެފައިވީ ނަމަވެސް ހަތް ދުވަހުގެ މުއްދަތަކީ ބިލުގައި ތަސައްވަރު ކުރާ ފަދަ ތަމްރީން ޕްރޮގްރާމެއް އެކުލާވަލަން އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.

ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ވަކީލު ކަމުގެ ހުއްދަ ދޫކުރުމަށް ފަހުގައި ގާނޫނުގައި ބުނާ އިމްތިހާން ހެދުމަށް ލާޒިމުކޮށްފައިވާތީ އެ ކަމުގައި ވެސް ބާ ކައުންސިލްގެ ކަންބޮޑުވުންތައް ފާހަގަކުރި އެވެ. އެ ގޮތުން ދެ މަރުހަލާއެއްގައި އިމްތިހާން ކުރަން ޖެހޭ ގޮތަށް އޮތުމުން ދަރިވަރުންނަށް އިތުރު ތަކުލީފުތަކެއް އަންނާނެ ކަމަށެވެ.

ބާ ކައުންސިލުން ބުނެފައިވާ ގޮތުގައި ބާ ކައުންސިލުން ތާއީދު ކުރަނީ މަޖިލީހަށް ދަނގެތި ދާއިރާގެ މެންބަރު ނާޒިމް އެންމެ ފުރަތަމަ ހުށަހެޅުއްވި ގޮތަށް ބިލް ފާސްކުރުމަށެވެ. އެއީ އަހަރު ދުވަހުގެ މުއްދަތަށް ތަމްރީނާއި އިމްތިހާނުގެ ޝަރުތަށް އަމަލު ކުރުން ފަސްކުރާ ގޮތަށެވެ.

ބާ ކައުންސިލުން މަޖިލީހަށް ފޮނުވާފައިވާ ލިއުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވާހަކަ ދެއްކެވި އެވެ. ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުން ވިދާޅުވީ، ބާ ކައުންސިލުން އިތުރު ބަހަނާތައް ދައްކަން މަޖިލީހަށް ލިއުމުން ފޮނުވާފައިވާ ކަމަށެވެ.