މައުމޫން ހަމީދު

ވަކީލު ކަމުގެ ހުއްދަ ބާތިލްވާ އިސްލާހާ މެދު ކަންބޮޑުވެއްޖެ

Jun 8, 2022

ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތް ހެދުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އެވެ.

ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް އެ ބޭފުޅުން މަގާމުން ވަކިކުރުމާ އެކު ކޯޓުތަކުގައި ވަކާލާތު ކުރުމަށް މިހާރު ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯވެ އެވެ.

އިކްރާމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު ކޮށްގެން ނުވާނެ އަމަލެއް ކޮށްގެން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅައިފިނަމަ އެ ބޭފުޅަކަށް ލިބިފައިވާ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާނެ ކަމަށެވެ.

ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދުވަހަކު ވެސް ނުދެވޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އެކަމަކު ވަކި ކަހަލަ މައްސަލަަތަކެއްގައި މަގާމުން ވަކިކުރުމުން ފަސް އަހަރު ފަހުން ވަކާލަތު ކުރުމުގެ ހުއްދަ ލިބޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އެކަމަކު ހުއްދަ ލިބޭނީ އެކަމަށް އެދި ހުށަހެޅުމުންނެވެ.

ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަ އެވެ. ނަމަވެސް އިކްރާމު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ހުށަހެޅުއްވި އިސްލާހުތަކުގައިވާ އުސޫލުތައް އެ ފަނޑިޔާރެއްގެ މައްޗަށް ހިނގާނެ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މިއިސްލާހާ ގުޅިގެން ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށް އެ ކައުންސިލުން ރަސްމީ އެއްވެސް ވާހަކައެއް އަދި ބުނެފައެއް ނުވެ އެވެ.

ބާ ކައުންސިލަކީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާއި ހުއްދަ ބާތިލްކުރުމުގެ ބާރު އޮތް އިދާރާ އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ ބާ ކައުންސިލާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަސަރުކޮށް ބާ ކައުންސިލަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ބާރު އޮންނާނެ ކަމަށެވެ. އިސްލާހު ފާސްވެއްޖެނަމަ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށްވެސް ބައެއް މީހުން ފަސްޖެހޭނެ ކަމަށާއި އެކަމުގެ ގެއްލުން މުޅި ޝަރުއީ ދާއިރާ އަށް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން އެއީ އިންސާފުވެރި ގޮތަކަށް އޮތް އިސްލާހެއް ކަމަކަށް މައުމޫން ހަމީދު ގަބޫލެއް ނުކުރައްވަ އެވެ.

މައުމޫން އިތުރަށް ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅިއިރު ބާ ކައުންސިލްގެ ލަފައެއް މަޝްވަރާއެއް ހޯދާފައި ނުވާ ކަމަށެވެ. އެކަމަކު ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބަންޑާރަނައިބް، ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގައި އިންނަވަ އެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް މަގާމުން ވަކިކުރަން މަސައްކަތް ކޮށްފަ އެވެ. އެފަދަ ބައެއް ބޭފުޅުންގެ މައްސަލަތައް ޖޭއެސްސީން ބަލަން ފެށުމުން އަމިއްލަފުޅަށް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވިއިރު ބައެއް ބޭފުޅުން މަގާމުން ވަކިކުރީ ޖޭއެސްސީން ހުށަހެޅުމުން މަޖިލީހުންނެވެ.

މަޖިލީހުގެ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރަން ވެސް ފާސްކޮށްފަ އެވެ.