ރައްޔިތުންގެ މަޖިލިސް

އެއް މަހުގެ ތަމްރީނަކަށް ފަހު ވަކީލު ހުއްދަ ދޭން ފާސްކޮށްފި

ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ ދެ ޝަރުތަކަށް އަމަލު ކުރުން ފަސް ކުރެވޭ މުއްދަތުގައި ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނެއް ހިންގުމަށް ފަހު ހުއްދަ ދޫކުރާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ހުށަހެޅުއްވި އެ ބިލުގައި ވަނީ، ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ދެ ޝަރުތެއް ފަސް ކުރުމަަށެވެ. އެއީ ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނުގެ ޝަރުތެވެ.

ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު، ބިލަށް ގެނެސްފައިވާ ބަދަލުގައި ވަނީ، އެ ބިލުގައިވާ އިސްލާހަށް އަމަލު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް މަސް ދުވަހުގެ ތަމްރީނެއް ދިނުމަށް އެ ތަމްރީނުގެ އުސޫލުތައް އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީން ބިލަށް ގެނައި އިސްލާހާއެކު ތަޅުމަށް ހުށަހެޅި ރިޕޯޓް ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ނާޒިމް ހުށަހެޅުއްވި ބިލުގައި ވަނީ ތަމްރީނާއި އިމްތިހާނުގެ ޝަރުތު އެއް އަހަރު ދުވަހަށް ފަސްކުރުމަށެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީން ވަނީ އެ ޝަރުތު ފަސްކުރެވޭނީ އެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ގާނޫނީ ފަންނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރި ދަރިވަރުންނަށް ކަމަަށް ބަޔާންކޮށް ބިލު ބަދަލުކޮށްފަ އެވެ.

ބާ ކައުންސިލުން އެކުލަވާލާ ތަމްރީނުގެ އުސޫލުތައް އާންމުކުރާތާ ހަތް ދުވަސް ތެރޭގައި އެ ތަމްރީން ޕްރޮގްރާމް ފަށަން ޖެހޭނެ ކަމަށް ވެސް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ތަމްރީން ނިމޭ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ބާ ކައުންސިލްގެ އިމްތިހާނުގެ ޝަރުތު ވެސް ފަސްކުރި ނަމަވެސް އެ މުއްދަތުގައި ވަކީލު ކަމުގެ ހުވާކޮށް އެ ކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ވެސް ފަހުން އެ އިމްތިހާން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަވަސް ތާރީހެއްގައި ބާ ކައުންސިލުން އެކަން ހަމަޖައްސަން ވާނެ ކަމަށެވެ.