ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ކުރިން ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނު ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ޝަރުތަށް އަމަލު ކުރުން ފަސް ކުރަން އެ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ އެ ބިލުގެ ފުރަތަމަ ކިއުން އޮންނާނެ އެވެ. ގަވާއިދު ބުނާ ގޮތުން ބިލެއްގެ ފުރަތަމަ ކިއުން އިއްވުމަށް ފަހު ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން އެއްބަސްވާނަމަ ބިލުގެ އިބްތިދާއީ ބަހުސް ތިން ދުވަސް ފަހުން ފަށާނެ އެވެ.
ނާޒިމްގެ އާއިލީ މެންބަރެއް ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ އެހީތެރިކަމާއެކު ފަރުމާކޮށް މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމަށް އޮންނަ އެ ދެ ޝަރުތަށް އަމަލު ކުރުން އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފަސް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.
ނާޒިމް ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ބާ އިމްތިހާން ބާއްވަން ބޮޑެތި ދަތިތަކެއް އެބަ ހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށާއި އެ އިމްތިހާނަކީ އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ) އާާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމަށެވެ.
ބާ އިމްތިހާނު ބޭއްވުމަށް ދަތިތަކެއް ހުރިއިރު، ވަކީލު ކަމުގެ ޑިގްރީ ހާސިލުކޮށް ބާ އިމްތިހާނުގެ ސަބަބުން ހުއްދަ ނުލިބިފައި 300 ދަރިވަރުން އެބަ ތިބި ކަމަށާއި އެ ދަރިވަރުންނަށް މި ހާލަތުގައި މާލީ ގޮތުން ލިބޭނެ އެއް ލުޔަކީ އެ ޝަރުތަށް އަމަލު ކުރުން ލަސްކޮށް ވަކީލު ކަމުގެ ހުއްދަ ލިބިގެން އާމްދަނީ ލިބޭނެ ގޮތް ވުން ކަމަށް ނާޒިމް ވިދާޅުވި އެވެ