ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބާ ކައުންސިލް އުޅެނީ އާ ކުދިންނަށް ފަންނުގެ ފުރުސަތު ނުދޭން: ޔައުގޫބް

ވަކީލުންނަށް ލައިސަންސް ދިނުން ލަސް ކުރުމަށް ބާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރާ ކަމަށާއި ގާނޫނީ ފަންނުގެ ދާއިރާއަށް އާ ކުދިންތަކެއް ނުކުމެދާނެތީ އެ ފުރުސަތު ދޭން އެ ކައުންސިލްގެ މެންބަރުން ބޭނުން ނުވާ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ބާ ކައުންސިލްގެ އިމްތިހާނާއި ތަމްރީން ޕްރޮގްރާމްގެ ޝަރުތު ފަސް ކުރުމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ ދަރިވަރުންނަށް ޓަކައި އެ ބިލަށް ތާއީދު ކުރައްވާ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފާސްކުރި ގާނޫނަށް އަހަރު ދުވަސް ވެގެން ދިޔައިރު އެ ކަމަށް ބޭނުންވާ ގަވާއިދުތައް ވެސް އެކުލެވިފައި ނުވާތީ ބާ ކައުންސިލްގެ މެންބަރުންނަށް ޔައުގޫބް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ޔައުގޫބް ވިދާޅުވި ގޮތުގައި ގާނޫނަށް އަމަލު ނުކުރެވޭ ވަރުގެ އުނިކަމެއް އެ ގާނޫނުގައި ނެތެވެ.

"އަޅުގަނޑު އަދިވެސް މި ގާނޫނުގެ އެއްވެސް އުނިކަމެއް ހުރި ކަމަކަށް ގަބޫލެއް ނުކުރަން. ނަމަވެސް މި މަސައްކަތް ކުރަން ހަވާލު ކުރި ފަރާތުގެ އިހުމާލާ ގުޅިގެން އަޅުގަނޑުމެންނަށް އަނެއްކާ ވެސް މި އޮތީ މި ގާނޫނު ބަދަލު ކުރަން ޖެހިފައި. ގާނޫނު ތަންފީޒު ކުރާނެ މީހެއް ނުބަހައްޓަން ޖެހޭ ހާލަތަށް މި ދަނީ." ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ، ބާ ކައުންސިލްގެ ގާނޫނަކީ ގާނޫނީ ޕްރޮފެޝަންގެ ފުންނާބު އިސް ބޭފުޅުން އެންމެ ޖޯޝުގައި މަޖިލިހާއެކު މަސައްކަތް ކުރި ގާނޫނު ކަމަށެވެ. ގާނޫނަށް އަމަލު ކުރަން ފަށައި، ބާ ކައުންސިލަށް ކުރިމަތިލައިގެން ވަރަށް ފޯރީގައި ކެމްޕޭން ކުރި މަންޒަރު ވެސް ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ބާ ކައުންސިލަށް އިންތިހާބު ވުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ ފަރާތުން ފެނުނީ މުޅިން ވެސް އިހުމާލު ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އެ މެންބަރުންގެ ހިލަމެއް އަދި ހަބަރެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނީ މި ދާއިރާ ވަކި ބަޔެއްގެ ކޮންޓްރޯލުގައި ބޭއްވުމަށްޓަކައި ކައުންސިލަށް ނުކުތް މަންޒަރު، އާ ދަރިވަރުންނަށް ފުރުސަތު ދިނުމަކީ އެ މީހުން އެހާ ގަޔާވާ ކަމެއް ނޫން ކަން، އެ މީހުންގެ މާކެޓް ޑޮމިނޭޝަން އެހެން ބަޔަކު ހޯދާނެތީ ލައިސަންސް ދޭން އިމްތިހާނު ނުބާއްވައި ލަސް ކުރަނީ،" ޔައުގޫބް ވިދާޅުވި އެވެ.

ބިލު ހުށަހެޅުއްވި މެންބަރު ނާޒިމް ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ބާ އިމްތިހާން ބާއްވަން ބޮޑެތި ދަތިތަކެއް އެބަ ހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށާއި އެ އިމްތިހާނަކީ އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ) އާާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމަށެވެ.

ބާ އިމްތިހާނު ބޭއްވުމަށް ދަތިތަކެއް ހުރިއިރު، ވަކީލު ކަމުގެ ޑިގްރީ ހާސިލުކޮށް ބާ އިމްތިހާނުގެ ސަބަބުން ހުއްދަ ނުލިބިފައި 300 ދަރިވަރުން އެބަ ތިބި ކަމަށާއި އެ ދަރިވަރުންނަށް މި ހާލަތުގައި މާލީ ގޮތުން ލިބޭނެ އެއް ލުޔަކީ އެ ޝަރުތަށް އަމަލު ކުރުން ލަސްކޮށް ވަކީލު ކަމުގެ ހުއްދަ ލިބިގެން އާމްދަނީ ލިބޭނެ ގޮތް ވުން ކަމަށް ނާޒިމް ވިދާޅުވި އެވެ