ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބާ އިމްތިހާނުގެ ޝަރުތު ލަސްކުރާ ބިލު ކޮމިޓީއަށް

ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ކުރިން ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނު ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ޝަރުތަށް އަމަލު ކުރުން ފަސް ކުރަން އެ ގާނޫނަށް އިސްލާހު ގެންނަ ބިލު ތަޅުމަށް ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދަނގެތީ ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ އެ ބިލު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ. ތަޅުމަށް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންކަމުން ބިލު ދިސާރާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތަޅުމަށް ހުށަހަޅާ ބިލެއް ތަޅުމަށް ބަލައިގަންނަން ފާސްވުމުން ކަމާ ބެހޭ ކޮމިޓީއަކަށް އެ ބިލެއް ދިރާސާ ކުރަން ފޮނުވަން ޖެހެ އެވެ. ކަމާ ބެހޭ ކޮމިޓީން ބިލު ދިރާސާކޮށް ކޮމިޓީއަށް ފެންނަ އިސްލާހުތަކާއެކު ތަޅުމަށް ގެނައުމަށްފަހު، ބިލް ފާސްކުރުމާ މެދު ތަޅުމުގައި އަލުން ވޯޓެއް ނަގާނީ އެވެ.

ނާޒިމްގެ އާއިލީ ބޭފުޅެއް ކަމުގައިވާ، ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމްގެ އެހީތެރިކަމާއެކު ފަރުމާކޮށްފައިވާ އެ ބިލުގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމަށް އޮންނަ އެ ދެ ޝަރުތަށް އަމަލު ކުރުން އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފަސް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ނާޒިމް ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ބާ އިމްތިހާން ބާއްވަން ބޮޑެތި ދަތިތަކެއް އެބަ ހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށާއި އެ އިމްތިހާނަކީ އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ) އާާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމަށެވެ.

ބާ އިމްތިހާނު ބޭއްވުމަށް ދަތިތަކެއް ހުރިއިރު، ވަކީލު ކަމުގެ ޑިގްރީ ހާސިލުކޮށް ބާ އިމްތިހާނުގެ ސަބަބުން ހުއްދަ ނުލިބިފައި 300 ދަރިވަރުން އެބަ ތިބި ކަމަށާއި އެ ދަރިވަރުންނަށް މި ހާލަތުގައި މާލީ ގޮތުން ލިބޭނެ އެއް ލުޔަކީ އެ ޝަރުތަށް އަމަލު ކުރުން ލަސްކޮށް ވަކީލު ކަމުގެ ހުއްދަ ލިބިގެން އާމްދަނީ ލިބޭނެ ގޮތް ވުން ކަމަށް ނާޒިމް ވިދާޅުވި އެވެ