ހަބަރު

ވަކީލު ހުއްދަ ދިނުމުގެ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ ދެ ޝަރުތަކަށް އަމަލު ކުރުން ފަސްކޮށް އޭގެ ބަދަލުގައި ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އަމާޒުކޮށް އެއް މަހުގެ ތަމްރީނެއް ފުރިހަމަ ކުރާ ގޮތަށް އެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 71 މެންބަރުންގެ ވޯޓުން ގާނޫނީ ފަންނުގެ ގާނޫނަށް އެ ގޮތަށް އިސްލާހު ގެންނަން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މަޖިލީހުން ގެނައި އެ އިސްލާހު ވަނީ އިއްޔެ ރައީސް ސޯލިހް ތަސްދީގު ކުރައްވައިފަ އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ދެ ޝަރުތެއް ފަސް ކުރަން ހުށަހެޅުއްވީ މަޖިލީހުގެ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒީމް ހުށަހެޅުއްވީ ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނުގެ ޝަރުތު އެއް އަހަރަށް ފަސްކުރުމަށެވެ.

ނަމަވެސް ޖުޑީޝަރީ ކޮމިޓީން މި ބިލު ދިރާސާކުރުމަށް ފަހު، ބިލަށް ގެނެސްފައިވާ ބަދަލުގައި ވަނީ، އެ ބިލުގައިވާ އިސްލާހަށް އަމަލު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް މަސް ދުވަހުގެ ތަމްރީނެއް ދިނުމަށް އެ ތަމްރީނުގެ އުސޫލުތައް އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމަށެވެ.

ނާޒިމް ހުށަހެޅުއްވި ބިލުގައި ވަނީ ތަމްރީނާއި އިމްތިހާނުގެ ޝަރުތު އެއް އަހަރު ދުވަހަށް ފަސްކުރުމަށެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީން ވަނީ އެ ޝަރުތު ފަސްކުރެވޭނީ އެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ގާނޫނީ ފަންނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރި ދަރިވަރުންނަށް ކަމަަށް ބަޔާންކޮށް ބިލު ބަދަލުކޮށްފަ އެވެ.

ބާ ކައުންސިލުން އެކުލަވާލާ ތަމްރީނުގެ އުސޫލުތައް އާންމުކުރާތާ ހަތް ދުވަސް ތެރޭގައި އެ ތަމްރީން ޕްރޮގްރާމް ފަށަން ޖެހޭނެ ކަމަށް ވެސް މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ. ތަމްރީން ނިމޭ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން ބާ ކައުންސިލްގެ އިމްތިހާނުގެ ޝަރުތު ވެސް ފަސްކުރިޔަސް އެ މުއްދަތުގައި ވަކީލު ކަމުގެ ހުވާކޮށް އެ ކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ވެސް ފަހުން އެ އިމްތިހާން ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަވަސް ތާރީހެއްގައި ބާ ކައުންސިލުން އެކަން ހަމަޖައްސަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.