ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަދަނީ އިޖުރާއަތުގެ ބިލު ތަސްދީގުކޮށްފި

Dec 16, 2021

މަދަނީ އިޖުރާއަތުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މިއީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގަ އާއި ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ބިލެވެ.

މި ބިލުގެ މަގުސަދަކީ ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް އަދުލުވެރިކަމާއި ހާމަކަމާ އެކު އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

މި ބިލުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. އެހެން ނަމަވެސް އާއިލާއާބެހޭ ގާނޫނުގެ ދަށުން ނުވަތަ އެނޫން ވެސް މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި އެ ކޯޓަކުން އަމަލުކުރާނީ އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

މަދަނީ އިޖުރާއަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަ މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.