ބާ ކައުންސިލް

މަޖިލީހުގެ ތަހުގީގާމެދު ބާ ކައުންސިލް ކަންބޮޑުވެއްޖެ

Jun 30, 2020
2

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގާމެދު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން ފުުލުހުންނާއި ބައްދަލްކޮށް ސްޓޭޝަން އިންޗާޖާއި ތަހުގީގުގައި އިސްކޮށް އުޅޭ ފުލުސް އޮފިސަރުން ހާޒިރުކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަށްވި އަންހެން ވިކްޓިމްގެ ބަހެއް ހޯދަން ކޮމިޓީން ނިންމިއެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީން އެ ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދުމާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހުންގެ ތަހުގީގު ގާތުން ބެލައި ޕީޖީގެ މަސައްކަތްތަކުގެ މައުލޫމާތުތައް ކޮމިޓީއަށް ފޮނުވަން އެދި އެ މުއައްސަސާއަށް ސިޓީއެއް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.

މަޖިލީހުގެ މި ނިންމުމާއެކު ބައެއް މެންބަރުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހަކީ ތަހުގީީގީ އިދާރާއެއް ނޫން ކަމަށާ މަޖިލީހުން އެހެން ބާރުތަކަށް އަރައިގަންނަމުންދާ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

މަޖިލީހުން ހިންގާ ތަހުގީގާމެދު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބުނީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މި މައްސަލައިގައި އިންކުއަރީ ހިންގެވުމުގައި ގާނޫނުއަސާސީގެ 5، 6، 7 ވަނަ މާއްދާ އާއި 244 ވަނަ މާއްދާގެ (ނ) އާއި 241 އަދި 242 ވަނަ މާއްދާގައި ބަޔާންކުރާ އިންތަކުގެ ތެރޭގައި، ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން އިންކުއަރީ ހިންގެވުމަށް މަޖިލީހަށް ލިބިދޭ ބާރުތައް ބޭނުން ކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް ބާ ކައުންސިލުން ވަނީ ގޮވާލާފައެވެ.