ޝަރުއީ ދާއިރާ ރިފޯމް ކުރުން

ޖުޑިޝަރީގެ ކަންކަމުގައި މަޖިލީހުގެ ބައެއް ނިންމުން ގާނޫނާ ހިލާފު: މައުމޫން ހަމީދު

ޖުޑިޝަރީއާއި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ބައެއް ގަރާރުތަކާއި ހުށަހެޅުންތައް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ބަހުސެއް އޮތް ކަމެއް ނޫން ކަމަށާއި ފަނޑިޔާރުގެ އިސްލާހު ކުރަން ޖެހިފައިވާ ކަމަށެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާ ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް އަދާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް. އެ ގޮތުން ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރެވެން ވެސް އޮތީ ރައްޔިތުންގެ މަޖިލީހަށް." މައުމޫން ހަމީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރާއިރު އެ މަސައްކަތް ކުރަން ވާނީ ރަނގަޅަށް ކަމަށާއި ފަނޑިޔާރުންގެ ގާނޫނުތަކާއި ޖުޑިޝަރީއާ ގުޅުން ހުރި އެހެން ގާނޫނުތަކަށް އިސްލާހު ގެންނައިރު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން އެ ކަންކަން ކުރަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

"މީގެ އެންމެ ރަނގަޅު ގޮތަކީ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން، އާންމުންގެ ހިޔާލާއި މި ފަންނުގެ މީހުންގެ ހިޔާލު ވެސް ހޯދައިގެން މި ކަން ކުރަންވާނީ. މި ކަން ކުރެވޭނީ މަޖިލީހަށް. ނަމަވެސް މަޖިލީހުން މި ކަން ކުރަން ވާނީ މިހާރު ކުރާ ގޮތަށްވުރެ ރަނގަޅަށް." މައުމޫން ހަމީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު ވެސް ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ގާނޫނު އަސާސީއާ ފުށު އަރާ ބައެއް ނިންމުންތައް ނިންމާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެ ގޮތުން ފަނޑިޔާރުންގެ ޝަރުތުތައް ހަމަތޯ ބެލުމަށް ޖޭއެސްސީއަށް މަޖިލީހުން އެންގުމަށް ހުށަހެޅި ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ހުށަހެޅުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ 60 އެތައް މެންބަރެއްގެ އިއްތިފާގުވެވަޑައިގެން މި ފާސްކުރި ކަމަކީ ގާނޫނީ އުނި ކަމެއް ވެސް އޮތް ހުށަހެޅުމެއް. މިހާރު ދާއިމީކޮށް އެ ތިއްބެވި ފަނޑިޔާރުންގެ ޝަރުތުތައް ބެލުމަކީ ގާނޫނު އަސާސީއާ ފުށު އަރާނެ ކަމެއް. އަދި އޭގެ އިތުރަށް ފަނޑިޔާރުންގެ ޝަރުތު ނެތް ކަމަށް ޖޭއެސްސީން ނިންމިނަމަ ފަނޑިޔާރުން ނިންމި ހުރިހާ ކަމެއް ވެސް ނުރައްކަލަކަށް ދާނީ." މައުމޫން ހަމީދު ވިދާޅުވި އެވެ.