ބާ ކައުންސިލް

ޖޭއެސްސީއަށް ގެންނަ ބައެއް ބަދަލުތަކަށް ބާ ކައުންސިލްގެ މެންބަރުން ދެކޮޅު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްގެން އައްޔަން ކުރާ މެންބަރަށް މަތީ އުމުރެއް އޮތުން އެއީ ރަނގަޅު އުސޫލެއް ނޫން ކަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާ އެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަށް މަތީ އުމުރެއް ކަނޑައެޅުމާ މެދު ބައެއް ވަކީލުންގެ ހިޔާލުތަފާތުވުންތައް ހުރިކަން ފާހަގަ ކޮށް އެ ކަމުގައި ބާ ކައުންސިލްގެ ވަކިވަކި މެންބަރުންގެ ހިޔާލުތަށް މަޖިލިސް ކޮމިޓީއަށް ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ މެދުގައި ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި ނަމަވެސް އެއީ އިތުރު އިލްމީ ދިރާސާތައް ކުރަންޖެހޭ ކަމަކަށްވާތީ ކޮމިޓީން މި ވަގުތަށް ނިންމީ އެ ކަމުގައި ވަކި ކޮޅެއް ނުނަގާށެވެ.

މައުމޫންގެ އަމިއްލަފުޅު ހިޔާލެއްގެ ގޮތުގައި ވިދާޅުވީ ޖޭއެސްސީގައި ތިއްބަވާ އެހެން މެންބަރުންނާ ހިލާފަށް ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރަކީ ވަކި ބައެއްގެ ތާއީދު ލިބިގެން ނޫނީ ދެވެން ނެތް މެންބަރަކަށް ވާތީ އޭނާއަށް ވަކި އުމުރެއް އޮންނަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ގާނޫނީ ވަކީލަކަށް ވުމަށް ވަކި އުމުރެއް ކަނޑައަޅާފައިވާއިރު، އޭގެ އިތުރަށް ވަކި އުމުރެއް ކަނޑައަޅާފައި އޮންނަންޖެހޭ ކަމަށް ތާއީދު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިޔާލަކީ އުމުރު އެ ގޮތަށް ލިމިޓް ކުރުމަކީ ރަނގަޅު ގޮތެއް ނޫނޭ. ވީހާވެސް ބޮޑަކަށް އަޅުގަނޑުމެން އިތުބާރު ކުރަންޖެހޭ ވޯޓުލާ ފަރާތްތަކަށް. މިއީ ވޯޓުލާ ވަރަށް ކުޑަ އާބާދީއެއް. ކިތަންމެ ކުޑަ ނަމަވެސް ވޯޓުލާ ފަރާތްތަކަށް އަޅުގަނޑުމެން އެބަ ޖެހޭ އިތުބާރު ކުރަން. އެ ބޭފުޅުންނަށް އިތުބާރު ބޮޑަށް ދެވޭނީ އެ ބޭފުޅުންނަށް ވީހާވެސް ބޮޑަކަށް ހޮވަންވީ ފަރާތެއްގެ އިހުތިޔާރު ދޫކޮށްލައިގެން." މައުމޫން ހަމީދު ވިދާޅުވި އެވެ.

ބާ ކައުންސިލްގެ މެންބަރު އައިޝަތު ޝުޖޫން ވިދާޅުވީ ޖޭއެސްސީއަށް އިންތިހާބު ކުރާ ވަކީލުގެ އިންޓެގްރިޓީ ޔަގީން ކުރަން އުމުރަށްވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށެވެ. އެ ގޮތުން ގާނޫނުގައި ވަކި އުމުރެއް އޮތުމަށްވުރެ އެ މެންބަރުގެ ގާނޫނީ ދާއިރާގެ ތަޖުރިބާއާއި ހިދުމަތް ކުރި މުއްދަތު އޮތުން މުހިއްމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކައުންސިލްގެ މެންބަރު މުހައްމަދު އަސީލް ހަސަން ވެސް ވަނީ ޖޭއެސްސީގެ މެންބަރަށް ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލުގެ ޝަރުތަކަށް ވަކި ހަގު އުމުރެއް އޮންނަން ނުޖެހޭ ކަމަށް ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ އުމުރަކީ މީހަކު ކޮރަޕްޝަނަށް ދިއުމަށް އޮތް ފުރުސަތު ހާމަކޮށްދޭ ކަމެއް ނޫން ކަމަށާއި މެންބަރެއްގެ ފެންވަރު ނިންމަން ތިބި ބަޔަކީ ވޯޓުލާ ފަރާތްތައް ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ދާދި ފަހުން ހުށަހެޅި ބިލެއް މަޖިލީހުގެ ތަޅުމުން ބަލައިގަނެ ޖުޑިޝަރީ ކޮމިޓީން ދަނީ ބިލު އިތުރަށް ދިރާސާ ކުރަމުންނެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގައިވާ ގޮތުން ޖޭއެސްސީގެ މެންބަރުންގެ އެންމެ ހަގު އުމުރު 40 އަހަރަށް މަތިކޮށް އެ މެންބަރުންނަށް އެއްވެސް ކޯޓެއްގައި ހިނގާ މައްސަލައެއްގައި ވަކާލާތު ކުރުމުން މަނާވާނެ އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް މަޖިލީހުގައި މިއަދު ވިދާޅުވީ ސަރުކާރުން އެ ބަދަލުތައް ގެންނަން ނިންމީ ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. ޖޭއެސްސީގެ މެންބަރަކަށް ވެވޭނެ އެންމެ ހަގު އުމުރަކީ 40 އަހަރު ކަމަށް ނިންމީ ވަރަށް ގިނަ ސަބަބުތަކެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިއްމު އެއް ކަމަކީ ނުފޫޒުން އެއްކިބާވުން. އަދި ޖޭއެސްސީއަކީ ކެރިއާ ބިލްޑް ކުރަން އޮންނަ ޕްލެޓްފޯމަކަށް ނުހެދުން. އަދި ވަކިން ހާއްސަކޮށް މަސްލަހަތު ފުށު އަރާ ހަލާތްތަކުން ސަލާމަތްވާނެ އުމުރަކަށް ވެސް އެ އުމުރު ހެދުން." ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އިތުރުން ޖޭއެސްސީގައި ވެސް އިންނަވާ ރިފްއަތު ވިދާޅުވި އެވެ.

ބާ ކައުންސިލްގެ މެންބަރުންގެ ވާހަކަތަކަށް އަޑުއެއްސެވުމަށް ފަހު މަޖިލިސް ކޮމިޓީގެ މެންބަރުން ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އެ އިސްލާހު ކޮމިޓީން ދިރާސާ ކުރަމުން ދާއިރު ބަދަލެއް ގެންނަން ޖެހޭނަމަ އެ ބަދަލެއް ގެންނާނެ ކަމަށެވެ.