ހަބަރު

ވާދަވެރި ކެންޑިޑޭޓުންގެ އަބުރު ކަތިނުލާން މައުމޫން ހަމީދު އެދިއްޖެ

މި މަހުގެ 13 ވަނަ ދުވަހު ބާއްވާ ބާ ކައުންސިލްގެ އިންތިހާބުގައި އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމުތަކަށް ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ އަބުރު ކަތިލެވޭ ގޮތަށް ވާހަކަ ނުފަތުރަން ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ވަކީލު މައުމޫން ހަމީދު މިއަދު ގޮވާލައްވައިފި އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދާއި މައުމޫން ހަމީދު ވާދަކުރައްވަން ނިންމެވުމާއެކު އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯލްތައް ވެސް ދަނީ ނަގަމުންނެވެ. އެ ގޮތުން "ސޭވް މޯލްޑިވްސް" ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ނެގި ޕޯލެއްގައި ވަނީ ބާ ކައުންސިލް އިންތިހާބުގައި ވޯޓު ދޭނީ "މަދަނީ ކޯޓެއްގެ ގާޒީއަކަށް ސުއޫދު ހުރެ ބެލި މައްސަލައެއްގައި ދައުވާ ކުރި މާލެ ނިކަމެތި ރައްޔިތުންގެ ބިމުން ބައެއް ލިބުނު ސުއޫދުތޯ ނުވަތަ އިންޓެގްރިޓީއާ މެދު ސުވާލެއް ނެތް މައުމޫން ހަމީދު ތޯ" ސުވާލުކޮށްފަ އެވެ.

އެ ޓްވީޓް ޕޯލާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޓްވީޓަކީ ވާދަވެރި ކެންޑިޑޭޓެއްގެ އަބުރު ކަތިލެވޭ ގޮތަށް ކޮށްފައިވާ ޓްވީޓެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމަކީ އޭނާ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރުމަށް އަދި ކުރާ ބަޔަކާ ބައިވެރިނުވުމަށް ގޮވާލައްވާ ކަމަށެވެ.

"މި ޓްވީޓްގެ ސަބަބުން މަންފާ ކުރާ ފަރާތަކީ އަޅުގަނޑު ކަމަށްވިޔަސް މި ކަމުގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމުގެ ޔަގީންކަން ދެން. އަޅުގަނޑަށް ތާއީދު ކުރާ ފަރާތްތަކުން މިފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވަން ގޮވާލަން." މައުމޫން ހަމީދުގެ ޓްވީޓްގައިވެ އެވެ.

މައުމޫން ހަމީދު ކުރެއްވި ޓްވީޓު

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް އަލަށް އުފައްދާ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވީ ސުއޫދާއި މައުމޫން ހަމީދެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެންބަރެކެވެ. އެ ގޮތުން ބަންޑާރަ ނައިބު ފިޔަވައި އެހެން ބޭފުޅުން އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އެ އިންތިހާބު ބޭއްވުމުގެ ހުރިހާ ކަމެއް ކުރުމުގެ ޒިންމާ އީސީގެ މައްޗަށް އޮންނައިރު އީސީން އަންނަނީ އިންތިހާބުގެ ތައްޔާރީތައް ކުރިއަށް ގެންދަމުންނެވެ. އެ އިންތިހާބަށް ވަނީ 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ހަމަޖައްސައިފަ އެވެ.