ހަބަރު

ވަކީލުންގެ ތެރޭން ޖޭއެސްސީއަށް މީހަކު ހޮވަން އީސީ އެހީވަނީ

Jul 20, 2019
2

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުން ތަމްސީލްކުރާ މެންބަރު އިންތިހާބުކުރަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެހީތެރިވާނެކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް މިދިޔަ ހޮނިހިރު އިންތިހާބުކޮށްފައިވާއިރު، އެ އެގްޒެކެޓިވް ކައުންސިލުގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން އައްޔަނުކުރަންޖެހޭ މެންބަރު އިންތިހާބުކުރަން ބާއްވާ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އަދި ގާނޫނުގެ ދަށުން ބާ ކައުންސިލުން އެކުލަވާލަންޖެހޭ އިންތިހާބީ ކޮމިޓީ އައްޔަނުކޮށް އެ އިންތިހާބަށް ކުރިމަތުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ހަވީރު 5:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ބޭއްވޭ އިންތިހާބުގައި އީސީގެ ފަންނީ އަދި އިދާރީ އެހީތެރިކަން ލިބޭނެ ފަދަ އެއްބަސްވުމަކަށް އެ ކޮމިޝަނާއެކު އާދެވިފައިވާ ކަމަށެވެ.

ޖޭއެސްސީ އަށް ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްގެން އައްޔަން ކުރާ މެންބަރަށް މަތީ އުމުރެއް އޮތުން އެއީ ރަނގަޅު އުސޫލެއް ނޫން ކަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ދާދި ފަހުން ހުށަހެޅި ބިލެއް މަޖިލީހުގެ ތަޅުމުން ބަލައިގަނެ ޖުޑިޝަރީ ކޮމިޓީން ދަނީ ބިލު އިތުރަށް ދިރާސާ ކުރަމުންނެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގައިވާ ގޮތުން ޖޭއެސްސީގެ މެންބަރުންގެ އެންމެ ހަގު އުމުރު 40 އަހަރަށް މަތިކޮށް އެ މެންބަރުންނަށް އެއްވެސް ކޯޓެއްގައި ހިނގާ މައްސަލައެއްގައި ވަކާލާތު ކުރުމުން މަނާވާނެ އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް މަޖިލީހުގައި މިއަދު ވިދާޅުވީ ސަރުކާރުން އެ ބަދަލުތައް ގެންނަން ނިންމީ ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. ޖޭއެސްސީގެ މެންބަރަކަށް ވެވޭނެ އެންމެ ހަގު އުމުރަކީ 40 އަހަރު ކަމަށް ނިންމީ ވަރަށް ގިނަ ސަބަބުތަކެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިއްމު އެއް ކަމަކީ ނުފޫޒުން އެއްކިބާވުން. އަދި ޖޭއެސްސީއަކީ ކެރިއާ ބިލްޑް ކުރަން އޮންނަ ޕްލެޓްފޯމަކަށް ނުހެދުން. އަދި ވަކިން ހާއްސަކޮށް މަސްލަހަތު ފުށު އަރާ ހަލާތްތަކުން ސަލާމަތްވާނެ އުމުރަކަށް ވެސް އެ އުމުރު ހެދުން." ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އިތުރުން ޖޭއެސްސީގައި ވެސް އިންނަވާ ރިފްއަތު ވިދާޅުވި އެވެ.

ނަމަވެސް، ޖޭއެސްސީގައި އިންނަވާ ގާނޫނީ ވަކީލުގެ އުމުރަށް ވުރެ އޭނާގެ ތަޖުރިބާއާ ގާބިލުކަން މުހިންމުކަން އެގްޒެކެޓަިވް ކޮމިޓީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީގައި ވަކީލުންގެ ފަރާތުން ކުރިން އިންނެވި ގާނޫނީ ވަކީލުގެ މެންބަރުކަން ގެއްލުނީ ގާނޫނީ ފަންނުގެ ބިލު ތަސްދީގުވުމާއެކު އެވެ.

އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނެވި ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ އޮޓަމެޓިކުން ގެއްލިފަ އެވެ.

އެ ގާނޫނުގެ ދަށުން އުފެދޭ ބާ ކައުންސިލް އިންތިހާބު ކުރެވޭ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޖޭއެސްސީއަށް މެމްބަރަކު އިންތިހާބު ކުރަން އެ ގާނޫނު ލާޒިމް ކުރެ އެވެ.