ހަބަރު

ބާ ކައުންސިލްގެ އެކްސްކޯ ހަ މެންބަރުން

ގާނޫނީ ފަންނުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ހަ މެންބަރުން އިންތިހާބުކޮށްފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބުގައި މެންބަރު ކަމަށް އިންތިހާބުވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމާއި ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ސުޖޫން މުހައްމަދު ހިމެނެ އެވެ.

ދެން އިންތިހާބުވި ތިން މެންބަރުންނަކީ އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އެވެ.

މީގެތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ މުހައްމަދު ފައިސަލަށެވެ. އެއީ 631 ވޯޓެވެ. މުއިއްޒަށް ލިބުނީ 627 ވޯޓެވެ. ސުޖޫންއަށް 445 ވޯޓު ލިބުނުއިރު އަނަސްއަށް 361 ވޯޓު ލިބުނެވެ. އަސީލަށް 356 ވޯޓު ލިބުނުއިރު އަނާރާއަށް ލިބުނީ 343 ވޯޓެވެ. މި އިންތިހާބުގައި 955 ވަކީލުން ވޯޓު ދިނެވެ. ވޯޓު ދިނުމުގެ ހައްގު ލިބޭ 1488 ވަކީލުން އެބަ ތިއްބެވެ.

ގާނޫނުގައި މެންބަރުންގެ އަދަދަކީ ހައެއް ކަމަށް ކަނޑައަޅާފައިވާއިރު އެ މަގާމަށް 19 ބޭފުޅަކު ވާދަކުރެއްވި އެވެ. އިންތިހާބުން ނާކާމިޔާބުވި ބޭފުޅުންނަކީ އަލީ ނަސީރު ގާސިމް، ޝަބާބު ރަޝީދު، އައިމިނަތު އަރީޖު ހުސައިން، މުހައްމަދު ޝަފާޒު ވަޖީހު، ޑރ.މުހައްމަދު އިބްރާހިމް، ޒުބައިރު އަހުމަދު މަނިކު، އަބުދުއްސަލާމް އާރިފު، މުހައްމަދު ވަހީދު ނަޖީބު، ސަފާ ޝަރީފު، އަބުދުލް މާނިއު ހުސައިން، މުހައްމަދު ފަރީދު، ޒިމްނާ އަބުުދުލް މުހުސިން، އަލީ ޝާހު އެވެ.

މީގެތެރެއިން މާނިއުއަށް ނާކާމިޔާބުވެފައިވަނީ އެންމެ ވޯޓަކުންނެވެ. އެންމެ މަދު ވޯޓާއެކު އިންތިހާބުވި އަނާރާއަށް 343 ވޯޓު ލިބުނުއިރު މާނިއުއަށް ލިބުނީ 342 ވޯޓެވެ.

މިއަދު ހެނދުނުން ފެށިގެން ކުރިއަށް އިންތިހާބުގައި ކޮމެޓީގެ ރައީސް ކަމަށް ދެ ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ވަކީލް މައުމޫން ހަމީދެވެ. އިންތިހާބު ކާމިޔާބު ކުރައްވައި ފުރަތަމަ ބާ ކައުންސިލްގެ އެކްސްކޯގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ މައުމޫން ހަމީދެވެ.

ބާ ކައުންސިލް ޒިންމާ ކުރުކޮށް

  • ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުން
  • ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލައި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުން
  • ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުން
  • ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުން
  • ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިހާބު ކުރުން
  • ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާބެހޭ ގަވާއިދު ހެދުން

ނައިބު ރައީސްގެ މަގާމު ކަށަވަރު ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަ ކުރެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ބާ ކައުންސިލްގެ ބިލް އެންމެ ފުރަތަމަ ސަރުކާރުގެ ފަރާތުން ހުށަހެޅީ ނިމިގެންދިޔަ މަޖިލީހަށެވެ. ނަމަވެސް އެ މަޖިލީހުން އެ ބިލް ފާހެއް ނުކުރި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވަކީލުންގެ ފަރާތުން އިންނެވި މެންބަރު، ލަތީފާ ގާސިމްގެ މަގާމު ބިލްގެ ސަބަބުން ގެއްލޭތީ އެވެ.

އާ މަޖިލީހަށް ސަރުކާރުން އަލުން ބިލް ހުށަހަޅައި ބިލް ފާސްކޮށްފައިވާއިރު ލަތީފާ ގާސިމްގެ މަގާމު މިހާރު ވަނީ ގެއްލިފަ އެވެ. އާ ގާނޫނުގައިވާ ގޮތުން ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރަކީ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ މެންބަރެކެވެ. އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ޖޭއެސްސީއަށް ފޮނުވާނެ މެންބަރަކު ކަނޑައަޅަން ޖެހޭނެ އެވެ.