ހަބަރު

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން

ގާނޫނީ ފަންނުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސް ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު އިންތިހާބުވެވަޑައިގެންފި އެވެ. މައުމޫން ވާދަ ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއެވެ.

ނިމިދިޔަ ސަރުކާރުގައި މައުމޫން ހަމީދުގެ ނަން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އޭނާއަށް އެ ފަހަރު ސަރުކާރު މެންބަރުންގެ ތާއީދެއް ނުލިބެނެވެ. އޭގެ ފަހުން މައުމޫން ހަމީދު ވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ގާނޫނީ ވަކީލުކަން ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވަ އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދަށް ޕީޕީއެމް އާއި ޕީއެންސީގެ ތާއިދު އޮތްކަން ރޭ ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ސުއޫދަކީ މިހާރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރު ކޮމިޝަންގެ ރައީސެވެ. ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް ގެނައުމަށް ސުއޫދު ގިނަ މަސަކަތްތަކެއް ކުރެއްވި އެވެ. އަދި ދާއިރާއަށް ވެސް ގިނަ ހިދުމަތްތަކެއް އަމިއްލަ ގޮތުން ކުރައްވާފައިވާ ސުއޫދަކީ ދައުލަތުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. ނިމިގެންދިޔަ ފަސް އަހަރުގެ ތެރޭގައި ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލްކަން ވެސް ސުއޫދު ކުރެއްވި އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހޮވިވަޑައިގެންނެވުމުން ސުއޫދު ވަނީ މައުމޫނަށް މަރުހަބާ ދަންނަވާފަ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ޓްވީޓެއް ކުރައްވައި ސުއޫދު ވިދާޅުވީ، މައުމޫނަށް މަރުހަބާ ދަންނަވާ ކަމަށާއި ވަކީލުން އެދޭ ގޮތަށް ގާނޫނީ ފަންނުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ މި ވޯޓުގައި ވޯޓުލުމުގެ ހައްގު 1487 ވަކީލަކަށް އޮތެވެ.

މިއީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މި އިންތިހާބު ބޭއްވި ފުރަތަމަ ފަހަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވާފައިވާ ގާނޫނުގައިވާ ގޮތުން އިންތިހާބުގެ ކަންކަން ބަލަހައްޓަން ޖެހޭނީ އިލެކްޝަން ކޮމިޝަނުންނެވެ.

މި އިންތިހާބަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމި އެވެ. ނަމަވެސް ވަކީލުން އެވަރަށް ރަޖިސްޓްރީވެފައިނުވާތީ ވޯޓު ފޮށި ބެހެއްޓީ މާލޭގެ އިތުރުން އައްޑޫ ސިޓީގަ އެވެ.

ބާ ކައުންސިލް ޒިންމާ ކުރުކޮށް

  • ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުން
  • ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލައި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުން
  • ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުން
  • ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުން
  • ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިހާބު ކުރުން
  • ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާބެހޭ ގަވާއިދު ހެދުން

ގާނޫނު ބުނާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މިއަދު ވަނީ އެ މަގާމުތަކަށް ވެސް ވޯޓުލުން ކުރިއަށް ގޮސްފަ އެވެ. އެގެޒެކެޓިވް ކޮމެޓީގެ ނައިބު ރައީސް ކަމަށް ވެސް ދެ ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އަބްދުﷲ މުއިއްޒާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އެ ވޯޓު ކާމިޔާބު ކުރައްވާފައިވަނީ އަބްދުﷲ މުއިއްޒެވެ.

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާފައިވަނީ، އަލީ ނަސީރު ގާސިމް، ޝަބާބު ރަޝީދު، އައިމިނަތު އަރީޖު ހުސައިން، އަނާރާ ނައީމް، އަހުމަދު މުއިޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ.މުހައްމަދު އިބްރާހިމް، ޒުބައިރު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބުދުއްސަލާމް އާރިފު، އަނަސް އަބުދުއްސައްތާރު، މުހައްމަދު ވަހީދު ނަޖީބު، ސަފާ ޝަރީފު، އަބުދުލް މާނިއު ހުސައިން، މުހައްމަދު ފަރީދު، ޒިމްނާ އަބުުދުލް މުހުސިން، އައިޝާ ސުޖޫން، މުހައްމަދު އަސީލާއި، އަލީ ޝާހު އެވެ.

މީގެ ތެރެއިން އިންތިހާބު ވާނީ ހަ މެންބަރުންނަކީ އަހުމަދު މުއިއްޒާއި އަނާރާ ނައިމާއި އަނަސް އަބްދުލް ސައްތާރާއި އައިޝާ ސުޖޫން މުހައްމަދާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލެވެ.

ބާ ކައުންސިލްގެ ބިލް އެންމެ ފުރަތަމަ ސަރުކާރުގެ ފަރާތުން ހުށަހެޅީ ނިމިގެންދިޔަ މަޖިލީހަށެވެ. ނަމަވެސް އެ މަޖިލީހުން އެ ބިލް ފާހެއް ނުކުރި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވަކީލުންގެ ފަރާތުން އިންނެވި މެންބަރު، ލަތީފާ ގާސިމްގެ މަގާމު ބިލްގެ ސަބަބުން ގެއްލޭތީ އެވެ.

އާ މަޖިލީހަށް ސަރުކާރުން އަލުން ބިލް ހުށަހަޅައި ބިލް ފާސްކޮށްފައިވާއިރު ލަތީފާ ގާސިމްގެ މަގާމު މިހާރު ވަނީ ގެއްލިފަ އެވެ. އާ ގާނޫނުގައިވާ ގޮތުން ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރަކީ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ މެންބަރެކެވެ. އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ޖޭއެސްސީއަށް ފޮނުވާނެ މެންބަރަކު ކަނޑައަޅަން ޖެހޭނެ އެވެ.