ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ބާ ކައުންސިލްގެ ނިންމުން ބާތިލް: ޝަހީމް

މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުން ބާތިލް ކަމަށާ އެ ނިންމުން މުއާރަޖާ ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ޝަހީމް މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވަނީ ބާ ކައުންސިލްގެ ނިންމުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާ ގޮތުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގުރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.

އެ ނިންމުމަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީއާ ޑިގްރީ އަކީ އިސްލާމިކް ލޯ ގެ ޑިގްރީއެއް ކަމަށެވެ. އަދޮ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާގެ ޝަރީއާ ޑިގްރީގައި ކިޔަވައިދޭ މާއްދާތައް ފާހަގަކުރައްވާ ރާއްޖޭގައި މީގެ ކުރިންވެސް އެ ޑިގްރީއަށް ހުއްދަ ދީފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދިިވެހިރާއްޖޭގެ ބާ ކައުންސިލުން، މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ނު ދިނުމަށް ނިންމި ނިންމުން މުރާޖިއާ ކުރަން ކުރަން ގޮވާލަން. މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީއާ ޑިގްރީ އަކީ އިސްލާމިކް ލޯ ގެ ޑިގްރީއެއް،" އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިސްލާމީ ދުނިޔޭގައި ނުފޫޒުގަދަ ބޭފުޅެއް ކަމަަށްވާ ޝަހީމް ވިދާޅުވިއެވެ.

ދިިވެހިރާއްޖޭގެ ބާ ކައުންސިލުން، މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ނު ދިނުމަށް ނިންމި ނިންމުން މުރާޖިއާ ކުރަން ކުރަން ގޮވާލަން. މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީއާ ޑިގްރީ އަކީ އިސްލާމިކް ލޯ ގެ ޑިގްރީއެއް
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

އިސްލާމީ ޝަރީއަތުގެ މަބުދައުތަކުގެ މައްޗަށް ގަލޯއީ ނިޒާމުގެ އަސާސްތައް ބިނާވެފައިވާ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ޝަރީއާއިން ޑިގްރީ ހަދާފައިވާ ފަރާތްތަކަށް ވަކާލާތު ކުރުމުގެ ލައިސަންސް ނުލިބޭގޮތައް ނިންމޭ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި އެ ފަދަ އެއްވެސް ނިންމުމއް ބަލައިނުގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.