ބާ ކައުންސިލް

ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް

ކުރިއަށް އޮތް ތިން އަހަރު ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް އިންތިހާބު ކޮށްފި އެވެ.

އެ މަގާމަށް ވިޝާމްއާއެކު ވާދަކުރެއްވީ ގާނޫނީ ވަކީލް މުހައްމަދު ފައިސަލް އެވެ. މިއަދު އޮތް ބާ ކައުންސިލްގެ އާންމު ޖަލްސާގައި ވިޝާމް ވަނީ 270 ވޯޓް ހޯއްދަވާފައެވެ. ފައިސަލަށް ލިބިފައިވަނީ 182 ވޯޓެވެ.

ބާ ކައުންސިލްގެ އައު ދައުރުގެ ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިޒްނާ އަހުމަދެވެ. އެހެން ކަމުން ކުރިއަށް ގެންދިޔައީ ފެންނަ ނުފެންނަ ވޯޓެވެ. މިޒްނާ އެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަ ކަމަށް 281 ވޯޓް ލިބުނެވެ. މިޒްނާއާ ދެކޮޅަށް 156 ވޯޓް ލާފައިވެއެވެ.

މިއަދުގެ އިންތިހާބުގައި ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހުމަދު މުއިއްޒު އާއި އިބްރާހިމް ޝަމީލް އަދި ސާދިހު ނަސީރުވެސް ވަނީ އިންތިހާބު ކޮށްފައެވެ.

ގާނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓް ކުރާ ދައުލަތު އިދާރާ -- ބާ ކައުންސިލްގެ މިހާރުގެ ރައީސަކީ މައުމޫން ހަމީދެވެ. އަދި ނައިބް ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.