ބާ ކައުންސިލް

ބާ ކައުންސިލްގެ އަހަރީ ޖަލްސާ ފެބްރުއަރީގައި

ބާ ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު އިއުލާން ކޮށްފި އެވެ.

ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ އަހަރަކު އެއް ފަހަރު ބާއްވަން ޖެހެ އެވެ. ބާ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކުރިއަށް އޮތް ފެބްރުއަރީ ނުވަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އޮންލައިންކޮށެވެ.

އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ގާނޫނީ ވަކީލުން އޮންލައިންކޮށް ރަޖިސްޓަރީވުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ބާ ކައުންސިލުން ބުނީ އާންމު ޖަލްސާގެ އެޖެންޑާގައި އާންމު މެންބަރުން ހިމަނަން ބޭނުންވާ ކަމެއް އޮތް ނަމަ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެކަމެއް ކައުންސިލަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އާންމު ޖަލްސާއަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް

  • ބާ ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް
  • ބާ ކައުންސިލުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އެކުލަވާލީ ޖޫން 27، 2019 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ބުނާ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ އަށް ތިން އަހަރުގެ ދައުރަކަށް ހަ މެންބަރުން އިންތިހާބު ކުރީ ޖުލައި 14، 2019 ގައެވެ. ބާ ކައުންސިލްގެ އާންމު މެންބަރުންނަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލް ކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނެވެ.

ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ މިދައުރުގެ ރައީސަކީ މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު އެވެ. ނައިބް ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އެވެ.