ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް އިތުރު ވަގުތު ދީފި އެވެ.
އެގޮތުން މި ފުރުސަތު އިތުރުކޮށްފައިވަނީ މާދަމާ ރޭ 11:59ގެ ނިޔަލަށެވެ. ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ އެ ކައުންސިލުން ބަލައިގަނެފައިވާ ވަކީލުންގެ ތެރެއިން އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ވަކީލުންނަށެވެ.
ބާ ކައުންސިލްގެ ރައީސް ކަމާއި ނައިބް ރައީސް ކަމާއި އެގްޒެކްޓިވް ކޮމިޓީގައި ހިމެނޭ ހަ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މަގާމުތަކަށް ކުރިމަތިލީ މީހުންގެ މައުލޫމާތު ބާ ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އިންތިހާބުގެ ވޯޓުލުމާއި ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން 11 ވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ.
ބާ ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ގާނޫނީ ވަކީލު ކަމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ވަކީލު ކަމުގައި ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.
ގާނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓް ކުރާ ދައުލަތު އިދާރާ -- ބާ ކައުންސިލްގެ މިހާރުގެ ރައީސަކީ މައުމޫން ހަމީދެވެ. އަދި ނައިބް ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.