ގާނޫނީ ވަކީލުކަން ކުރުމަށް 2020 ވަނަ އަހަރުގެ ތެރޭގައި ހާއްސަ ހުއްދައެއް ދޫކޮށްފައިވާ މީހުން ބާ އިމްތިހާން ހަދަން ނުޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެމްއެންޕީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ހުށަހެޅުއްވި މިއިސްލާހު މަޖިލީހުން މިއަދު ފާސްކުރީ 58 މެމްބަރުންގެ ތާއިދާއެކު އެވެ.
ގާނޫނީ ވަކީލުކަން ކިޔަވާފައި ތިބި ބަޔަކަށް 2020 ވަނަ އަހަރު ވަކީލުކަން ކުރުމުގެ ހާއްސަ ހުއްދައެއް ދީފައިވަނީ ބާ އިމްތިހާނެއް ބޭއްވެންދެންނެވެ. ވަގުތީ ހުއްދަ ދިނީ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ. އޭރުވެސް މި ހުއްދަ ދިނީ ބާ އިމްތިހާނެއް ބޭއްވުން ފަސްވަމުންދާތީ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.
ނަމަވެސް މިއަދު އިސްލާހު ފާސްކުރީ ހާއްސަ ހުއްދަ ލިބުނު މީހުން ބާ އިމްތިހާން ހަދަން ނުޖެހޭ ގޮތަށެވެ. މިއިސްލާހު ފާސްކޮށްފައި މިވަނީ އަންނަ މަހު ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ހާއްސަ ހުއްދަ އޮތް މީހުންވެސް އިމްތިހާން ހެދުމަށް މަޖުބޫރުކޮށްފައި ވަނިކޮށް އެ އިމްތިހާންގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ބުނެ އެ މީހުން ކުރި އިހްތިޖާޖުތަކަކާ ގުޅިގެންނެވެ.
ބާ އިމްތިހާންގައި ބައިވެރިވުމަށް ކޮންމެ މީހެއްގެ އަތުން 10،000 ރުފިޔާ ނެގުމަށް ބާ ކައުންސިލުން ކުރިން ނިންމި އެވެ. ނަމަވެސް އެ އަދަދު ބޮޑު ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ބާ އިމްތިހާންގެ ފީ މިހާރު ވަނީ 6،500 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.
މަޖިލީހުން މިއަދު ވަނީ ގާނޫނީ ފަންނުގެ ގާނޫނަށް އެމްޑީޕީގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހެޅުއްވި އިސްލާހުތައް ވެސް ފާސްކޮށްފަ އެވެ. ގާނޫނު ކުރިން އޮތް ގޮތުން ގާނޫނީ ވަކީލުކަން ކިޔަވައިގެން ނިކުންނަ މީހުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން އެއް އަހަރު ދުވަހުގެ އިތުރު ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން މަޖުބޫރެވެ.
ޔޫނުސް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެގޮތް ބަދަލުކޮށް ރާއްޖެއަށް އެކަށީގެންވާ ގޮތަކަށް އެފަދަ ޕްރޮގްރާމެއް ރާވައި ހިންގުމަށް ބާ ކައުންސިލަށް ގާނޫނީ ބާރު ދީފަ އެވެ. ބާ ކައުންސިލަށް ލިބޭ އާމްދަނީ އަކުން އެ ކައުންސިލް ހިންގޭނެ ގޮތްތަކެއް ހެދުމަށްވެސް ޔޫނުސްގެ އިސްލާހުގައި ހުށަހެޅުންތަކެއްވެ އެވެ. މީގެއިތުރުން ބާ ކައުންސިލަށް އެކި ފަރާތްތަކުން ހުށަހެޅުމުން ވަކީލުންގެ ސުލޫކީ މައްސަލަ ބެލޭ ގޮތަށް އެކަނި އޮތް އޮތުން ނިމުމަކަށް ގެނެސް ބާ ކައުންސިލުން ބޭނުންވުމުންވެސް ވަކީލުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލޭނެ ގޮތް ޔޫނުސްގެ އިސްލާހެއްގައި ހަމަޖައްސައިދީފައިވެ އެވެ.