ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނައިބު ވަކިކުރަން ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް އިދިކޮޅު އެމްޑީޕީ އިން ތާއީދުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ މި ބިލްގެ ބަހުސްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ބިލަށް ގެނެވޭ އިސްލާހަކީ ރަނގަޅު އިސްލާހުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދުވީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރުގައިކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ގާނޫނު ފަރުމާކުރަން ޖެހުނު ސަބަބުތައް ދިވެހިންނަށް ސާފުވާނެ ކަމަށެވެ.
އެ ގޮތުން ގާނޫނީ ވަކީލުންނާ ދޭތެރޭ ކަންތައްތައް ކުރެވެމުންދިޔަ ގޮތް ތަކުރާރުކޮށް އަޑު އިވެމުންދިޔަ ކަމަށް ނާޒިލް ވިދާޅުވި އެވެ.
"މީގެ ތެރޭގައިވެސް ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ފާހަގަވެގެންދިޔަ އަނިޔާވެރި ގޮތަކަށް މަރާލެވުނު ޔާމީން ރަޝީދުގެ މައްސަލައާ ގުޅިގެން އޭރު ކޯޓުގައި ވަކާލާތު ކުރައްވަމުން ގެންދެވި ވަކީލުންނާ ދޭތެރޭ އޭރު ކޯޓުތަކުން ކަންތައް ކުރެއްވި ގޮތް،" ނާޒިލް ވިދާޅުވި އެވެ.
ކޯޓުތަކުން ވަކީލުންނަށް ސުލޫކީ ފިޔަވަޅު އަޅައި ސަސްޕެންޑް ކުރިކަން ނާޒިލް ވަނީ ފާހަގަކުރައްވާފަ އެވެ.
"ވަކީލުންގެ ހައްގުގައި ވަކީލުންނަށް ބަސް ނުބުނެވޭ ހާލުގައި ފަނޑިޔާރުން އެކަން ކުރަމުން އޭރު ގެންދެވީ މި ގާނޫނު ވުޖޫދަށް ގެނެވިފަ ނެތީމަ،" ނާޒިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި މި ގާނޫނު ވުޖޫދަށް ގެނައީ ހެޔޮ ނިޔަތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނު ވުޖޫދުވިއިރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަނައިބު ހިމެނޭ ގޮތަށް ގާނޫނު އެކުލަވާލީ އެއީ އޭރު ރަނގަޅު ކަމެއްކަމަށް ފެނުމުން ކަމަށް ނާޒިލް ވިދާޅުވި އެވެ.
"އޭރު ގާނޫނު ވުޖޫދަށް އައިސް އޭގެ ތެރޭގައި ކުރަން ހުރި ބައިވަރު ކަންތައްތައް ކުރުމުގައި ބަންޑާރަނައިބު އެކްސްކޯގައި ހުރުމަކީ އެންމެ ރަނގަޅު ކަމަކަށް އޭރު ފެނިގެން ޖުޑިޝަރީ ކޮމިޓީގެ ލަފާއާއެކު،" ނާޒިލް ވިދާޅުވި އެވެ.