ސިޓީއެއް ހަވާލުކުރަން ވަޑައިގެންނެވުމުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު "ފިއްލެވި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ އޭސީސީގެ ރައީސް އާއި ނައިބް ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމަށް ހެދުމަށް ގާނޫނު އިސްލާހު ކުރުމުގެ ބިލްގެ ބަހުސްގައި ނާޒިލް ވިދާޅުވީ މި ސަރުކާރު އައުމާއެކު ފުރަތަމަވެސް ފެނުނީ ލާމަރުކަޒީ ގޮތުން ރާއްޖެ ހިންގަން ރައްޔިތުން ހަވާލުކުރި ކައުންސިލްތަކުގެ ބާރު މުށުތެރެއަށް ލީ ތަން ކަމަށެވެ.
ނާޒިލް ވިދާޅުވީ ވަޒީރަށް ސިޓީއެއް ހަވާލުކުރަން އިއްޔެ ގުޅުއްވުމުން ވަޑައިގެންނެވުމަށް ވަޒީރު ވިދާޅުވި ކަމަށެވެ.
"އެ ވުޒާރާގެ ވަޒީރަށް ސިޓީއެއް ހަވާލުކުރަން ގުޅާފަ ދެންނެވީމަ އަވަހަށް ވަޑައިގަންނަވާށޭ ވިދާޅުވީމަ އެތަނަށް ދިޔައީ ރައްޔިތުންގެ ހައްގުގައި ދިޔައީ. ފިއްލެވީ އެއީ ފިލި ވަޒީރު މިހާރު،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ދޮޅު ގަޑިއިރު ވަންދެން މަޑުކުރެއްވި ކަމަށާއި ވަޒީރަށް ނާދެވުނު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނިގެންދަނީ ރައްޔިތުންގެ ބާރުތައް ރައްޔިތުން އަތުން މަޑުމަޑުން ބީވެގެންދާ މަންޒަރެވެ.
އޭސީސީގެ ބާރުތައް ވަކި ބޭފުޅެއްގެ އަތް މައްޗަށް ދަމައިގަންނައިރު މާދަމާ އިލެކްޝަންސް ކޮމިޝަންގެ ބާރުތައް ދަމައިގަންނާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.