ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއާ ސުވާލުކުރުން ކުރިއަށްދިޔައިރު މިނިސްޓަރު ދެއްވާ ޖަވާބުތަކާމެދު ހިތްހަމަނުޖެހި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަޑުގަދަ ކުރައްވާފަ އެވެ.
ބައެއް މެންބަރުން ވަނީ އިދާރީ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވާފަ އެވެ.
އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން އެ މެންބަރުން ނުކުންނެވުމަށް އަންގަވާފަ އެވެ.
ނަން އިއްވެވި މެންބަރުން
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ހިތަދޫ ދެކުނު ދާއިރާގެ އިބްރާހީމް ނާޒިލް
- ކެންދޫ ދާއިރާ މައުރޫފް ޒާކިރު
- ކެޔޮދޫ ދާއިރާ މުހައްމަދު ނިއުޝާދު
މެންބަރުންގެ ނަން އިއްވެވުމަށްފަހު އަބްދުއްރަހީމް ވަނީ މަޖިލިސް މެދުކަނޑާލައްވާފަ އެވެ.
"އަޅުގަނޑު ނަން އިއްވި ބޭފުޅުން މަޖިލީހުގެ ތަޅުމުން ބޭރަށް ނިކުމެ ވަޑައިގަންނަވަންދެން އަޅުގަނޑު މަޖިލިސް މިހާ ހިސާބުން މެދުކަނޑާލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާ ދެން ފަށާނީ މިއަދު ހެނދުނު 11:00 ގައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.