ރައްޔިތުންގެ މަޖިލިސް

އިސްލާހު ހުށަހެޅީ ކުންފުނިތަކުގެ ބޯޑުން "ގަނޑުކޮށް" މެންބަރުން ވަކިކުރަން: ނާޒިލް

ކުންފުނީގެ ގާނޫނު އިސްލާހުކުރަނީ ކުންފުނިތަކުގެ ބޯޑުން "ގަނޑުކޮށް" މެންބަރުން ވަކިކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާ އިބްރާހިމް ނާޒިލް ތުހުމަތު ކުރައްވައިފި އެވެ.

ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.

މި އިސްލާހުގެ ބަހުސް ކުރިއަށް ގެންދިއުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ ކުންފުނިތަކުގެ ސީއީއޯއިންނާއި ޑިރެކްޓަރުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ.

"އިސްތިއުފާ ދެއްވަން މަޖުބޫރު ކުރަނީ އިނގޭތޯ. މަޖުބޫރީ ހާލަތަކަށް ގެނެސްސަ އެ ބޭފުޅުން އެކަން ކުރުވަނީ. އަޅުގަނޑުމެންނަށް މި ފެންނަނީ ކުރިއަށް އޮތް ތަނުގައި ކުންފުނިތަކުގެ ބޯޑުތައް ހިންގަން ހަވާލުވެ ތިބި ބޭފުޅުން ގަނޑުކޮށް، ގަނޑުކޮށް ވަކިކުރަން މި ބޭފުޅުން ނިޔަތް އޮތްކަން މި ކަހަލަ އަދަދުތަކެއް ޖަހައިގެން ގެނައީމަ ފާހަގަކުރެވެނީ،" ނާޒިލް ވިދާޅުވި އެވެ.

ނަތީޖާއަކަށް ވާނީ ކުންފުނިތައް ހަލާކުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކުންފުނިތައް ހަލާކުވެގެން ދާނީ. ކުންފުނިތަކުގެ ބޯޑަށް އަންނާނެ ރަނގަޅު އިލްމީ ބޭފުޅުން ނޫނީ ގާބިލު ބޭފުޅުންވެސް ނުލިބޭނެ. ސިޔާސީ ބޭފުޅުން ލިބި ކުންފުނިތައް ހަލާކުވެ ނެތިދާނީ،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވަނީ ގާނޫނު މިހާރު އޮތް ގޮތުންވެސް ސަރުކާރުން ބޭނުންވާ މުއްދަތުގައި ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

ކުންފުނީގެ ގާނޫނުގައި މިހާރު އޮތް ގޮތުން ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ އެ މުއްދަތު ހަތް ދުވަހަށް ބަދަލުކުރުމަށް ހުށަހަޅާފަ އެވެ.