ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވިޝާމް އަވަހާރަވުމަކީ ގާނޫނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ސޯލިހު

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ބާ ކައުންސިލްގެ ރައީސް އަދި ކުޅަދާނަ ގާނޫނީ ވަކީލް އިސްމާއީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުން ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް. އެހާ ޒުވާން އުމުރުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އުމުރުން 39 އަހަރުގައި ވިޝާމް ރޭ އަވަހާރަވީ ކުއްލި ގޮތަކަށް ކަމަށްވެ އެވެ.

ވިޝާމް އަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް އެވެ.

ގާނޫނީ ވަކީލުންގެ ވޯޓޫން ހޮވާ މި މަގާމަށް ވިޝާމް އިންތިހާބު ކުރީ ޖޫން 11، 2022 ގައެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނޭ ވިޝާމް އަކީ ބޮޑެތި މައްސަލަތަކުގައިވެސް ވަކާލާތު ކުރައްވާފައިވާ ވަކީލެކެވެ.