ޖުމްހޫރީ 50އަށް އަލިވިލެނީ ނިޒާމު ފުރޮޅާލުމުގެ ބަހުސަށް!

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް މިއަދަށް 50 އަހަރު ފުރުނީ އެވެ. ރަސްކަމެއްގެ ހަށިފޮޅާލައި ނުކުމެ، ރައްޔިތުންގެ ވެރިކަމަކަށް ދިވެހިން އަލިވިލުނު މި ދަތުރުގައި އެތައް ގޮތަކަށް ވެރިކަން ތަރުތީބުވެ، އެ ފުއްމިފުށަށް ޖެހިއްޖެ އެވެ. އަދިވެސް އެ ހަގީގަތަށް ބަދަލެއް ނާދެ އެވެ. ޖަޒީރާ ރާއްޖެއަކަށް ޖުމްހޫރީ 50 އަލިވިލެނީ އާ ބަހުސަކާ އެކު އެވެ. މިހާރު މި އޮތް ޖުމްހޫރިއްޔަތުގެ، ރިޔާސީ ނިޒާމު ބަރުލަމާނީއަކަށް ނޫނީ ގާނޫނީ ހަދާ މަޖިލީހުގެ ތެރެއިން ވެރިކަން އެކުލަވާލާ ނިޒާމަކަށް ބަދަލުކުރުމަށެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ވިސްނުންފުޅު އަބަދުވެސް ސީދާ ކުރައްވަނީ ރާއްޖެ ރިޔާސީ ނިޒާމަކުން ނެރެ، ބަރުލަމާނީ ނިޒާމެއްގެ ތެރެއަށް ގެންދަވާށެވެ. އެމަނިކުފާނުގެ ވިސްނުންފުޅުގައި، ކޯލިޝަނެއްގެ ތެރެއިން ރިޔާސީ ނިޒާމެއްގައި ވެރިކަމެއް ނުކުރެވޭނެ އެވެ. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމް ނުކުރެވެނީ ރިޔާސީ ނިޒާމުގެ ތެރޭގައި ތާށިވާތީ އެވެ.

"ރައްޔިތުންނަށް ތަކުލީފަކަށް ނުވެ، ގައުމުގެ ހަމަޖެހުން ނުގެއްލި، ރައްޔިތުން ބޭނުންވާ ހިނދަކު ވެރިކަން މަޖިލިސްޖުމް ތެރެއިން ބަދަލުވެގެން ދިޔުމުގެ ޖާގަ ތަނަވަސްކުރެވި، ވެރިކަން ހިންގާ ފަރާތްތައް މާބޮޑަށް ޒިންމާދާރު ކުރެވޭނެ އެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފަހުގައި އެކުލަވާލެވޭ ސަރުކާރުގައި ބޮޑު ވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލިސްގެ ތެރެއިން އެވެ،" ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައި އެކުލަވާލި، ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ތަސައްވަރަކީމި އެވެ. ގާނޫނީ އަސާސީގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ނޫނީ މަޖިލީހުގެ ތެރެއިން ވެރިކަން އެކުލެވިގެން އަންނަ ނިޒާމަކަށް ބަދަލު ކުރުމަކީ ތަސައްވަރެކެވެ. ޖުމްހޫރިއްޔަތުގެ 50 އަށް އަލިވިލޭ އިރު ރާއްޖެ މި އޮތީ
ވެރިކަމުގެ ނިޒާމު އަނބުރާލުމުގެ ހަތަރުއަގޮޅިއެއްގަ އެވެ.

ބަރުލަމާނީ ނިޒާމަކީ އަދި ހައްލެއް ނޫން!

ބަރުލަމާނީ ނިޒާމުގެ ވާހަކައަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. މިހާރު މި އޮތް ފެހި، ގާނޫނު އަސާސީ އެކުލަވާލުމުގެ ތެރޭގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމެއް ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ދިވެހިންގެ ކުރި މައްޗަށް ހުށަހެޅުނެވެ. އެއީ ދުރު މާޒީއެއް ނޫނެވެ. ފެންނަ ނުފެންނަ އެ ވޯޓްގައި ދިވެހިން ނެގީ ރިޔާސީ ނިޒާމެވެ. ސީދާ ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުހޫރިއްޔާއެއް ހޮވައި ރައީސްއަށް ބާރުތަކެއް ލިބޭ ނިޒާމަކަށް ދިވެހިން ރުހުން ދިނެވެ. ދިވެހިން ނޫނެކޭ ބުނީ ރައްޔިތުންގެ ސީދާ ބަހެއް ނެތި ރައްޔިތުން މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލުމުގެ ނިޒާމު، ބަރުލަމާނީ އަށެވެ.

ގިނަ ރައްޔިތުންގެ ރޫހު އޭރު އޮތީ އިރުއިރުކޮޅާ ސަރުކާރު ބަދަލުވުމުގެ އުނދަގުލުން ސަލާމަތްވެ ރާއްޖެއަށް ހަމަޖެހުން ގެނައުމެވެ. މުތުލަގު ބާރެއް ރައީސްއަށް ނެތި ބާރުތައް ވަކިވެފައި އޮތް ނިޒާމެއް އެކުލަވާލުމަށެވެ. އެކަމަކު ސުވާލަކީ އެ މަގުސަދު ހާލިސްވޭ ހެއްޔެވެ؟ މައްސަލައަކަށް މި ވަނީ ރިޔާސީ ނިޒާމަކާ ދިމާލަށް ދިވެހިން ދުއްވައިގަތީމާ ހެއްޔެވެ؟

ރައްޔިތުން މަޖިލީހުގެ ރައީސްކަމާއި މީގެ ކުރިން ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވި، އަހުމަދު ޒާހިރު، ސީނާ ޒާހިރު ވިދާޅުވީ، ޒާތެއްގެ ބަރުލަމާނީ ވެރިކަމެއް ދިވެހިން މީގެ ކުރިން ތަޖުރިބާ ކުރި ކަމަށެވެ. ރައީސް ނާސިރު އެންމެ ފުރަތަމަ ހުންނެވީ ބޮޑު ވަޒީރަކަށްކަން ފާހަގަ ކުރައްވަމުން ސީނާ ޒާހިރު ވިދާޅުވީ ރަދުން ހުރެގެން ނާސިރު ބޮޑު ވަޒީރަކަށް ހުރެގެން ވެރިކަން ހިންގަމުން ދިޔުން ވެސް އޭރު ކަމު ނުދިޔަ ކަމަށާއި ހަމަޖެހުން ހޯދައި ނުދެވުނު ކަމަށެވެ. އެއަށް ފަހު ހަގީގީ ރިޔާސީ ނިޒާމަކަށް ރާއްޖެ ފުރޮޅިގެން އައުމުން ވެސް ސިޔާސީ ހަމަޖެހުން ނުހޯދި ރާއްޖެ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނު ކަމަށް ސީނާ ޒާހިރު ވިދާޅުވި އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމުގައި މިހާރަށް ވުރެ މާ ހަމަނުޖެހުންތައް ބޮޑުވެ އެވެ. އަދި ވެރިކަމަށް އިސްކުރާމީހެއްގެ މައްޗަށް ރައްޔިތުންގެ ސީދާ ބަހެއް އެ ނިޒާމުގެ ތެރެއިން ނުހޯދައި ދެވުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.

އެއީ ރައްޔިތުންގެ ސީދާ ބަހެއް އެކަމުގައި އޮވެގެން ވާކަމެއް ނޫން ގައުމު ހިންގާ މީހަކު އަންނަނީ ބަރުލަމާނީގައި. އެހެން ވީމާ، ވެރިކަމަށް ފަސޭހައިން އައުމަށް ކަން ނޭނގެ ބަރުލަމާނީ ނިޒާމެއްގެ ވާހަކަ މި ދެކެވޭ އަޅުގަނޑަކަށް މި ލަފާވަނީ
ސީނާ އަހުމަދު ޒާހިރު -- ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް

"ބަރުލަމާނީ ނިޒާމު ގެންނަން އުޅެނީ އަޅުގަނޑަށް ހީވަނީ އެއީ ފަސޭހަ މަގަކުން ވެރިކަމަށް އަންނަން ބޭނުން ކުރެވޭ ނިޒާމެއް ހެން. މިއީ އަޅުގަނޑުގެ ހިޔާލު. މަޖިލީހުގެ ތެރޭގައި ޕާޓީތަކަށް ގޮނޑި ބެހިގެން އަންނަ ގޮތަކަށް މި ވެރިކަން ފުރޮޅިގެން މި ދަނީ. އެއީ ރައްޔިތުންގެ ސީދާ ބަހެއް އެކަމުގައި އޮވެގެން ވާކަމެއް ނޫން ގައުމު ހިންގާ މީހަކު އަންނަނީ ބަރުލަމާނީގައި. އެހެން ވީމާ، ވެރިކަމަށް ފަސޭހައިން އައުމަށް ކަން ނޭނގެ ބަރުލަމާނީ ނިޒާމެއްގެ ވާހަކަ މި ދެކެވޭ އަޅުގަނޑަކަށް މި ލަފާވަނީ،" ސީނާ ޒާހިރު ވިދާޅުވި އެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު މިހާރު ރިޓަޔާ ކުރައްވައިގެން ހުންނެވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި، ދެ ނިޒާމުގައި ވެސް ފައިދާ އާއި ގެއްލުން އެބަ ހުއްޓެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާއަށް އަލިއަޅުވާ ލައްވަމުން އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެރިކަން ކުރެވޭނީ ގިނަ ޕާޓީތައް އެކުވެގެން އެވެ. އެންމެ ޕާޓީއަކަށް ވެރިކަން ކުުރުމަށް ރައްޔިތުން ނުރުހެ އެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ބަހުސް ފެށެނީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ގިނަ ޕާޓީތަކެއް އެކުވެގެން ވެރިކަން ކުރެވޭނީ އެ ނިޒާމުގެ ތެރެއިން ކަމަށްވާތީ އެވެ. އެކަމަކު އޭނާ ވެސް ގަބޫލު ކުރައްވާ ގޮތުގައި ބަރުލަމާނީ ނިޒާމެއް ތައާރަފް ކުރެވޭނީ، ޕާޓީތަކަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ އެއްޗަކަށް ނުވާ ދުވަހަކުން އެވެ. ހުލާސާ ކުރާ ނަމަ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެގެން އެވެ.

"ކޮންމެ ނިޒާމެއްގައި ވެސް އޮންނާނެ ފައިދާ އާއި ގެއްލުން. ކޮންމެ ނިޒާމެއް އޮތަސް ބޭނުމަކީ ހެޔޮ ވެރިކަމެއް ކުރުން. ޖުމްހޫރިއްޔަތަކަށް ވެސް ރާއްޖެ ބަދަލުވީ އެ ވިސްނުމުގެ ތެރެއިން. އެހެން ވީމާ ބަރުލަމާނީ ގިނަ ފަހަރަށް މި ހުންނަނީ ޕާޓީތަކުގެ ރޯލު ވަރަށް ފުޅާ ޑިމޮކްރަސީތަކުގައި. އޭގައި ޕާޓީތަަކަކީ ވަކި މީހެއް ނޫން. އެއީ ޑިމޮކްރަޓިކް އިންސްޓިޓިއުޝަންއެއް. އެކަމަކު ރާއްޖޭގައި މިވާ ގޮތަކީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް ހުންނަ މީހާ ވަށައިގެން އެ ޕާޓީ މި އެނބުރެނީ. އެހެން ވީމާ ބަރުލަމާނީ ނިޒާމުން ހޯދޭނެ ބާއޭ އަޅުގަނޑުމެން މި ބޭނުންވާ ބަދަލު. އެއީ ކުރަންވީ ސުވާލެއް،" އެބޭފުޅާ ވިދާޅުވި އެވެ. "ފުރަތަމަ އަޅުގަނޑުމެން ވާހަކަ ދައްކަންވީ ޑިމޮކްރަޓިކް އިންސްޓިޓިއުޝަންތައް ވަރުގަދަކުރަން،"

މައްސަލައަކީ ގާނޫނު އަސާސީ ތަންފީޒުނުކުރެވުން!

ސީނާ އަހުމަދު ޒާހިރު ދެކެވަޑައިގެން ގޮތުގައި މިހާރު އުފައްދަން ޖެހޭ ބަހުސަކީ ވެރިކަމުގެ ނިޒާމު އެފުށް މި ފުށަށް ޖެހުމުގެ ބަހުސެއް ނޫނެވެ. އެކަމަކު މިހާރު މި އޮތް ގާނޫނު އަސާސީ ތަންފީޒު ނުކުރެވިގެން އުޅޭ ސަބަބުތަކެވެ. ސީނާ ޒާހިރު ވިދާޅުވި ގޮތުގައި މި އުޅެނީ އެއްގޮތަކަށް ވެސް ނިޒާމުގެ މައްސަލައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ވެރިކަމަށް އެރުމުން އެންމެން ވެސް ބޭނުން ވަނީ ބާރުތައް މުށުތެރެއަށް ޖަމާކުރާށެވެ. ރައީސް ނަޝީދާއި ރައީސް ޔާމީން އަދި ވަހީދުގެ ވެރިކަމުގެ ތެރެއިން ވެސް އެ މަންޒަރު ފެނުނު ކަމަށް ޒާހިރު ވިދާޅުވި އެވެ. ނަތީޖާއަކަށް ވަނީ ގާނޫނު އަސާސީ އެއްފަރާތް ކޮށް ހިތަށް އެރި ގޮތަކަށް ކޮންމެ މުއައްސަސާއަކުން ވެސް ކަންކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރުއީ ދާއިރާގެ މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ، ޝަރުއީ ދާއިރާއިން ހުރިހާ ބާރެއް މުށުތެރެއަށް ޖަމާކޮށް އެ މީހުން ބޭނުން ގޮތަކަށް ކަންކަން ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަކީ ހަމަ ގާނޫނު އަސާސީ ހެދިއިރު އެ މަޖިލީހުގައި އިން މީހެއް. އަޅުގަނޑުމެން ނުލިޔަމޭ ފަނޑިޔާރުން އައްޔަން ކުރުމާ މި ހުރިހާ ކަމެއް ކުރާ ބަޔަކީ ސުޕްރީމް ކޯޓެކޭ. އެ ބާރެއް ނުދެމޭ އަޅުގަނޑުމެން. އެކަމަކު އެބޭފުޅުން އަމިއްލައަށް އެކި ގޮތްގޮތަށް ގާނޫނުތައް މާނަ ކުރައްވައިގެން އެކަން ކުރައްވަނީ. ދުވަހަކު ވެސް އެބޭފުޅުން ބެއްލެވިތޯ ހާއްސަ މަޖިލީހުގެ ޔައުމިއްޔާތައް. އޭގައި ހުންނާނެ މިވެނި އެވެނި މާއްދާއެއް ގާނޫނު އަސާސީގައި ހިމެނީ ކީއްވެތޯ. އެކަމަކު އެކަން ބެލިތޯ؟ ހިތުހުރި ގޮތަކަށް ނޫންތޯ އެކަންކަން ގެންދަވަނީ. އެހެން ވީމާ ކޮންމެ ނިޒާމެއް އޮތަސް އެ އަންނަ ބަޔަކު ކަންކުރާ ގޮތް މީގައި މައްސަލައަކީ،" ސީނާ ޒާހިރު ވިދާޅުވި އެވެ.

މައްސަލަތަކުގެ ފުނަށް ވަޑައިގަންނަވަމުން ޒާހިރު ވިދާޅުވީ ހިތުހުރި ގޮތަކަށް މުއައްސަސާތަކުން އަމަލު ކުރުން ހުއްޓުވޭނީ މުއައްސަސާތައް ވަރުގަދަވެގެން އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ދައުރުއެކަމުގައި ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުތައް މާނަކޮށްގެން ބާރުތައް ޖަމާކުރުން ފަދަ ކަންކަން ހުއްޓުވަން އޮތްތަނަކީ މަޖިލީހެވެ. އެކަމަކު މި ހުރިހާ ދުވަހު މަޖިލިސް އޮތީ މަޑު ނިންޖެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކި ގޮތްގޮތަށް މާނަކުރެވޭ ގޮތަށް ހުރި ގާނޫނުތައް ބަދަލުކޮށް އިސްލާހުކޮށް ހެދުމަކީ އެ މަޖިލީހުގެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މުއައްސަސާތަކަށް ބާރުތައް ހަގީގީ މާނައިގައި ދިނުންކަން ޒާހިރު ވިދާޅުވި އެވެ.

"މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރު ކުރަންވީ. ރަނގަޅު އިހުލާސްތެރި މީހުން އެ ތަންތަނަށް ލާންވީ. ރާއްޖޭގައި ވީކަމެއް ނޫނޭ އެއީ ވެރިކަމަށް ހުންނަ މީހާާ ބޭނުން ނޫން ގޮތަކަށް މުއައްސަސާއަކުން ކަމެއް ކުރުން. އެކަމަކު ބައްލަވާ އެމެރިކާ. މިހާރު އެ ހުންނެވި ޓްރަމްޕް، އެ ގެންދަވަނީ ހެދުނުހާ ދޮގެއް ހަދައި ކޮންމެ ކަމެއް ކުރައްވަން މަސައްކަތް ކުރަމުން. އެކަމަކު ކީއްވެތޯ އެކަން އެބޭފުޅާއަށް ނުވަނީ. މުއައްސަސާތައް އެބޭފުޅާގެ މައްޗަށް އެބަ ފާރަވެރިވޭ. ގާނޫނު ހަދާ މަޖިލީހުން ބޭނުންވާ އެއްޗެއް ފާހެއް ނުކޮށްދޭ. އަނެއްކާ ގަވަރުމަންޓްގެ އެކި ބޮޑީތަކުން އެބޭފުޅާ ކުރައްވަން އުޅޭ ކަންކަން ހުއްޓުވާ ދަނޑިވަޅުވެސް އާދެ ނޫންތޯ؟ މުއައްސަސާތައް ފަންގްޝަން ކުރަން އަޅުގަނޑުމެން ދޫކޮށްލަންވީ،" ސީނާ ޒާހިރު ވިދާޅުވި އެވެ.

ހުރިހާ މައްސަލައަކީ އިހުލާސްތެރިކަން ނެތުން!

ތާރީހުގެ ތެރެއަށް ވަދެގެން ދާއިރު ދިވެހިންނަށް ޖުމްހޫރިއްޔަތު ތައާރަފްކޮށްދެއްވަމުން މުހައްމަދު އަމީން ވިދާޅުވީ ވަރަށް ވެސް ވަރުގަދަ ބަސްފުޅުތަކެކެވެ. އެ ދުވަހުގެ ތަގުރީރުގެ ތެރެއަށް ވަދެގެން ދާއިރު މުހައްމަދު އަމީން ވިދާޅުވީ ގައުމެއް ކުރިއަރާ ދަނީ އެ ގައުމެއްގައި އޮންނަ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫން ކަމަށެވެ. އެކަމަކު ގައުމެއް ކުރިއަރަނީ އެ ވެރިކަމެއް ހިންގާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެ ވާހަކައިގެ ފުނަށްދާއިރު ތަރުޖަމާވާ ކަމަކީ، މީގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ވެސް ވިދާޅުވި ގޮތަށް ރާއްޖެއަށް ކުރިމަތިވެގެން އުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމެވެ. ހަގީގަތުގައި ވެރިކަމާ ހަވާލުވާ މީހުން ވެރިކަން ކުރުމަށް ހިޔާރު ކުރާ މަގެވެ. ހިތައް އެރިހާ ގޮތަކަށް ވެރިކަން ކުރުމަށް ދިމާކުރުމެވެ.

ސީނާ ޒާހިރު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް ބޭނުންވަނީ ހުރިހާ ކަމެއް އެމީހަކު ބޭނުންވާ ގޮތަށް ވުމަށެވެ. މުއައްސަސާތައް ވެސް ޖެހޭނީ ރައީސް ބޭނުންވާ ގޮތަކަށް ކަންކަން ނިންމަން ކަމަށް ވިސްނައިދޭ ކަމަށް ޒާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ކުށްހީއެކެވެ. އަދި އެއީ ގާނޫނު އަސާސީ އެކުލަވާލުމުގެ މަފްހޫމާ ހިލާފު ވިސްނުމެކެވެ. އެންމެ ފުރަތަމަ ބަދަލުވާންވީ އެ ވިސްނުން ކަމަށް ޒާހިރު ވިދާޅުވި އެވެ. އެކަން ކުރެވޭނީ ވެރިކަން ހިންގަން އަންނަ މީހުންގެ އިހުލާސްތެރިކަން ހުރެގެން ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަރުލަމާނީ ނިޒާމް އަޔަސް ހިތުހުރި ގޮތަކަށް ވެރިކަން ކުރާނެ ބޮޑުވަޒީރަކު އަންނަ ނަމަ، މިހާރެކޭ އެއްވެސް ތަފާތެއް ނޯންނާނެ އެވެ.

"ޑިމޮކްރަސީއޭ ރައްޔިތުންގެ ހައްގޭ ވެރިކަމަށް އައުމުގެ ކުރިން ހުރިހާ ބޭފުޅުން ވެސް މި ވިދާޅުވަނީ. ހުވާ ކުރެއްވުމަށް ފަހު ޓަސް އެ ބަދަލުވީ އެބޭފުޅާއޭ ހުރިހާ ވެސް މީހަކީ. އެކަމަކު އެހެންތޯ. މުއައްސަސާތައް ވެސް ޝަރުއީ ދާއިރާ ވެސް އެބޭފުޅާ ބޭނުންވާ ގޮތަށް. އެހެން ނުހަދައިފިއްޔާ އޭޗެކޭ މީއްޗެކޭ ކިޔައިގެން ކޮންމެވެސް ކަންތައްތަކެއް މި ކޮށްލަނީ. އެގޮތް އެބަ ޖެހޭ ދޫކޮށްލަން. މިއީ ނިޒާމުގެ މައްސަލައެއް ނޫން. ވިސްނުމުގެ މައްސަލައެއް މި އުޅެނީ. ނިޒާމުގެ ތެރެއިން ވެރިކަން ކުރަން ބޭނުން ނުވުމުގެ މައްސަލައެއް މި އުޅެނީ،" ޒާހިރު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމުގެ ބަހުސްގައި ކުރިއަށްދާއިރު ނަގަން ޖެހޭ ފިލާވަޅުތައް ބައިވަރެވެ. ހަގީގީ މަންޒަރު ފެންނަނީ ނިޒާމުގެ މައްސަލައަކަށް ވުރެ އިހުލާސްތެރިކަމާ ގުޅިފައި ހުންނަ ތަނެވެ. މުއައްސަސާތައް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ހިތި ނަތީޖާ އެވެ. ބާރުތައް ޖަމާކުރުމުގެ އަމިއްލަ އެދުންވެރިކަމުގެ ކުރިއަށް ނެރޭ ފަލްސަފާ އެވެ. ނިޒާމު ބަދަލުކުރުމަކުން މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމުގެ ބޮޑު ވާހަކަ އެވެ.