ޖުމްހޫރިއްޔަތަށް މަރުހަބާ ދެންނެވުމަށް ރައީސް އަމީން ދެއްވި ތަގުރީރު!

ދިވެހިންނަށް ޖުމްހޫރީ ވެރިކަން ތައާރަފްކޮށްދެއްވީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އެވެ. އެ ނިޒާމްގެ އާ ކަމާއި އެ ދުވަސްވަރު ރާއްޖެ ކުރިމަތިލާން ޖެހުނު ދަތި ދުވަސްތަކާ ހުރެ އެ ނިޒާމް ފެއިލްވެ ރާއްޖެ އަނެއްކާ ވެސް ފަހަތަށް ދިޔަ އެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ރިޔާސީ ނިޒާމެއް ވުޖޫދުވީ 1 ޖަނަވަރީ 1953 ގަ އެވެ. ވެރިކަމުގެ އެ ނިޒާމަށް މަރުހަބާ ކިޔުމަށް މުހައްމަދު އަމީން އެ ދުވަހު ރައްޔިތުންގެ މަޖިލީހަށް ތަގުރީރެއް ދެއްވި އެވެ. އެކަމަކު ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަ މި ކުރަނީ، ދެ ވަނަ ޖުމްހޫރިއްޔަތު އުފެދުނު ތާރީހުން ފެށިގެން އެވެ. ތިރީގައި މި ހިމަނާލަނީ، 1 ޖަނަވަރީ 1953 ވަނަ ދުވަހު އާ ގާނޫނު އަސާސީ މަޖިލީހުން ފާސްކުރެއްވުމުން މުހައްމަދު އަމީން މަޖިލީހަށް ދެއްވި ތަގުރީރު އެއްވެސް އުނިއިތުރެއް ނެތި ހަމަ އެގޮތަށެވެ.
************

އަޅުގަނޑުގެ އެކުވެރިން އަދި އަޚުންނާއި އުޚުތުން !

އެންމެ ކަލުންނާއި ކަނބަލުންގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއިއްވެވި ޚިޠާބުގައި، އަޅުގަނޑާމެދު ބެހެއްޓެވި ގާތްކަމާއި، ވިދާޅުވި ހެޔޮބަސްތައް އަޑުއެހުމަށް، ދަތިވެފައިވާ ޙާލުގައިމެ، އުފަލުގެ ޝުޢޫރުތަކުން ހިތް އުތުރިއަރައިފިއެވެ.

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ތިޔައެންމެ ބޭފުޅުންނާއެކު ބައިވެރިވެ، އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑަށް ލެއްވި ރަޙުމަތްފުޅަށް، ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރި ޙަޟުރަތަށް ޙަމްދުކޮށް، ސަނާ ދެންނެވުމެވެ. ހަމްދާއި ޝުކުރުހުރީ އެންމެހައި ނިޢުމަތްތަކުގެވެރި ﷲ ގެ މަތިވެރި ޙަޟުރަތަށެވެ.

އެއްވެސް ޝައްކެއްނެތްގޮތުގައި މިއަދަކީ ދިވެހިތާރީޚުގެ އެންމެ މުހިންމު ޞަފުޙާތަކުން، ކުލަގަދަ ޞަފުޙާއެއް ހުޅުވިގެންދާ ދުވަހެވެ. އެދުވަހެއްގެ ތާރީޚު ރަން އަކުރަކުން އަޅުގަނޑުމެންގެ ތާރީޚުގެ ޞަފުޙާތަކުގައި ލިޔެވިގެންދާނެ ދުވަހެކެވެ.

އަޅުގަނޑުގެ އެކުވެރިން އަދި އަޚުންނާއި އުޚުތުން! އަޅުގަނޑުމެންގެ ލޮބުވެތި ޤައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށްޓަކައި، ތިޔައެންމެ ބޭފުޅުން އިއްތިފާޤުވެ، ނިންމަވާފައިވާ ނިންމެވުން ، އަޅުގަނޑުގެ ހަނދާނުން ކައްސާލައިގެންނެއް ނުދާނެއެވެ. ހަމައެހެންމެ، އަޅުގަނޑުމެންގެ އިއްޔެއާމެދު ވިސްނާލާއިރު ، އަޅުގަނޑުމެން ފަޚުރުވެރިވި، ރަސްކަމުގެ ތަޚުތުގެމަތިންވެސް، ހަނދާން ނައްތައެއް ނުލެވޭނެއެވެ.

އެ ތަޚުތަކީ، އައްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޒަމް، އައްސުލްޠާން ޙަސަން ޢިއްޒުއްދީން އަދި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ފަދަ ރަސްރަސްކަލުން، ރެދަލިކުރައްވާފައިވާ، ރަސްކަމުގެ ތަޚުތެވެ. އެ ތަޚުތަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ގޮތުގައި ހިމެނިވަޑައިގެންނެވި، މަތިވެރި ރަސްރަސްކަލުންނާއި ރަނިކަނބަލުން ، ބަޠަލުންނާއި ބަތަލާއިން، ވެޑުވި ވެރިކަން ކުރައްވާފައިވާ މަތިވެރި ތަޚުތެވެ. އެ ތަޅުތަކީ، މިލޮބުވެތި ފަސްގަނޑަށްޓަކައި، ޤުރުބާންވެވަޑައިގެންނެވި 4 މަޝްހޫރު އަދި ޙަޤީޤީ ދަރިން ، އެ ތަޚުތުގެ މަތިވެރިކަމާއި މާތްކަން ދެމެހެއްޓެވުމުން ، މަޝްހޫރުވެފައިވާ އަގުހުރި ތަޚުތެވެ.

ޤައުމެއް ކުރިއަރައިދިއުން އޮތީ، އެޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯއެވެ! އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ.
ރައީސް މުހައްމަދު އަމީން

ދިވެހި ތަޚުތުގައި ރެދަލިކުރެއްވި ބޭބޭފުޅުންގެ ނަންފުޅުތަކުގެ ތެރެއިން، އަޅުގަނޑުގެ ލޮބުވެތި ކާފާފުޅު، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅާއި، އަޅުގަނޑުގެ ލޮބުވެތި ބައްޕަ، އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު، އަދި އަޅުގަނޑުގެ ބޮޑުބޭބޭފުޅު، އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅު ، އަދަބު އިޙުތިރާމާއި ، ޚާއްޞަ ފަޚުރުވެރިކަމަކާއެކު، ކުލަގަދަގޮތެއްގައި ފާހަގަ ކޮށްލަމެވެ.

ދިވެހި ރާއްޖެއަށް މިއަދު ލިބިފައިމިވާ މިނިވަންކަމާއި އަމަންއަމާންކަމާއި ، ފާގަތިކަން ގެނެސްދެއްވި ހައި އަބްޠާލުންގެ ޒިކުރާ އާކޮށް ، އެއެންމެ ބޭފުޅުންނަށް ، އަޅުގަނޑު ، އަދަބު އިޙުތިރާމުން ކުރުނީސް ކުރަމެވެ. މާތް ﷲ ، އެމަތިވެރި އެންމެހައި އަބްޠާލުންގެ ފުރާނަފުޅަށް ރަޙުމަތުގެ ވާރޭ ވެއްސަވައި މިދެންނެވި އެންމެހައި އަބްޠާލުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ !

އެ މަތިވެރި އަބްޠާލުން، މިޤައުމުގައި ފުރިހަމަކުރެއްވި، މަތިވެރި މަޤާމަށް، ތިޔައެންމެ ބޭފުޅުންގެ ހެޔޮފުޅު ކަމާއި، މި ނިންމެވުމުގެ މަތިން، ތިތިއްބެވީ އަޅުގަނޑު، އިސްކުރައްވައިގެންނެވެ. އަޅުގަނޑު، މިމަތިވެރި މަގާމާއީ ހަވާލުވަނީ ، އެއްވެސް ޖެހިލުމެއް ނެތި، ވަރަށް މަތިވެރި އުންމީދެއްގައެވެ. އެހެނީ، ﷲ ގެ ޙަޟުރަތަށް އަޅުގަނޑު ފުރިހަމަޔަށް ވަކީލު ކުރަމެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސަށް ، އަޅުގަނޑު އިތުބާރު ކުރަމެވެ. އަދި އެފަދައިން، މަސްއޫލިއްޔަތު އުފުއްލޭފަދަ ފުރިހަމަ ތަޖުރިބާއާއި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ލޯތްބާއި އިތުބާރު، އަބަދުގެ އަބަދަށް، އަޅުގަނޑަށް ލިބިގެންވާތީއެވެ. އަޅުގަނޑަށް ހެޔޮ ވިސްނުން ދެއްވައި ،މަގުދެއްކެވުންއެދި، ﷲ ގެ ޙަޟުރަތަށް ދުޢާ ދަންނަވަމެވެ. ޙުއްބުލްވަތަންގެ ރޫޙުން، ފަހި ކުރިމަގެއް ލިބިގަތުމަށް ހިތްވަރު ލިބިގަންނަމެވެ. އަދި މި ޤައުމުގެ އެންމެހައި ދަރިން، އަޅުގަނޑުގެ އަޚުންނާއި އުޚުތުންގެ ފަރާތްޕުޅުން ،އިޚުލާޞްތެރިކަމާއެކު، އަޅުގަނޑަށް، ފުރިހަމަ އެއްބާރުލެއްވުން ދެއްވުން އެދި އިލްތިމާސް ކުރަމެވެ.

އަޅުގަނޑުމެންގެ މަސްއޫލިއްޔަތާއި ވާޖިބުގެ މަތިން ހަނދާން ނައްތާ ނުލަމާތޯއެވެ؟ ޤައުމެއް ކުރިއަރައިދިއުން އޮތީ، އެޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯއެވެ! އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ. އަދި ރައްޔިތުންގެ ފަރާތްޕުޅުން، އެވެރިކަމަކަށް ލިބޭ އެއްބާރު ލެއްވުމާއި، އެއްބައެއްވަންތަ ކަމުގެ މައްޗަށެވެ. ޝައްކެއްނެތްގޮތުގައި، ރަނގަޅު ވެރިކަމަކީ، ޢަދުލު އިންސާފުގެ މަގުގައި، ރަނގަޅުގޮތުގައި ހިންގޭ ވެރިކަމެކެވެ.

ރައްޔިތުންގެ މިނިވަންކަމާއި، އެމިނިވަންކަން ދެމެހެއްޓުމުގެ ޢަޒުމާއި އުންމީދު ކުރިޔަށްނެރެ، އެމަތިވެރި މަގުސަދު ހާޞިލު ކުރުމަށް އަތުކުރި އޮޅާލައި، ފަސްނުޖެހި ކުރިޔަށް ދަމާތޯއެވެ؟ ބޭނުންވާފަދަ، ރައްކާތެރި މިނިވަންކަމެކެވެ. ބަލިތަކުން ދުރުހެލިވެގެންވާ ދުޅަހެޔޮކަންމަތީ ތިބެވޭފަދަ މިނިވަންކަމެކެވެ. އަދި އެންމެހައި ބަލާ އަފާތާއި، ނުރައްކަލުން ސަލާމަތްވެ، ރައްކާތެރިކަން ލިބިފައިވާފަދަ މިނިވަންކަމެކެވެ.

އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންނަށްވެ ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ، ކިޔަމަންތެރި ރައްޔިތެއް ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ފެނިގެންނުދާނެކަމުގައި ދަންނަވާލުމަށް އަޅުގަނޑު ފަހެއް ނުޖެހެމެވެ. މިފަދަ މުޖުތަމަޢަކަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބިގެންދިޔަކަން އެއީ އުފާކުރުން ޙައްޤު ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވާގިފުޅާއި، މިންވަރުފުޅާއެކު އަޅުގަނޑަށް ޤާބިލުކަން ލިބިގެންވީ އެންމެ މަތީ ތަރަޖަޔަކަށް، ވީ އެންމެ ރަނގަޅަކަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުންމަތީ ދެމިހުރުމަށް، މާތް ﷲ ގަންދީ ހުވާ ކުރަމެވެ. އަޅުގަނޑުގެ ޝަޚުޞިށް ނިސްބަތް ކުރައްވައި ތިޔަ އެންމެ ބޭފުޅުންގެ ފަރާތްޕުޅުން، ވިދާޅުވި ހެޔޮ ބަސްފުޅަށާއި، ފާޅުކުރެއްވި ޝުއޫރުތަކަށް، އަދި ވިދާޅުވި، ތަހުނިޔާއާއި، މަރުޙަބާއަށް، އަދިވެސް އެއްފަހަރު، އިޚުލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަމެވެ.

ދިވެހި ޤައުމަށް، ކޮންމެވެސް ޚިދުމަތެއް އަދާކޮށްދިނުމުގެ ފަޚުރު، އަޅުގަނޑަށް ލިބިފައިވާ ކަމުގައި، އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މިގޮތުން، އަޅުގަނޑަށް ހޯދިފައިވާ ކާމިޔާބީގެ ސިއްރުތައް އަޅުގަނޑުގެ ހިތުން ފުހެއެއް ނުލެވޭނެއެވެ. ކާމިޔާބީގެ ހަރުފަތްތަކުން ބަޔަކަށް އަޅުގަނޑަށް ވާޞިލުވެވިފައިވަނީ ، ތިޔައެންމެ ބޭފުޅުންގެ ލޯތްބާއި ،މުޅި އާބާދީ އެކުގައި އަޅުގަނޑުގެ ފަރާތަށް ލެނބިވަޑައިގެން، ބޯލެންބެވުމާ، އަދި އަޅުގަނޑަށް އަބަދުވެސް ދެއްވަމުންގެންދަވާ، ދެގޮތެއްނުވާ، އެހީތެރިކަމާއި އެއްބާރުލެއްވުމުގެ ސަބަބުންނެވެ. ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ، ހިތުގެ އިޚުލާޞްތެރިކަމާއެކު، ޝުކުރުދެއްނެވުމަށް މިފުރުޞަތުގެ ބޭނުން ކުރަމެވެ.

މަނިއްޕުޅުގެ ޚިޠާބުގައި، ނައިބު ރައީސް ، މރ. އިބްރާހީމް މުޙަންމަދުދީދީއަށް ދެއްވި ޝަރަފާއި އިއްޒަތަށް އަދި ވިދާޅުވީ ހެޔޮ ބަސްފުޅު، ޝުކުރުވެރިކަމާއެކު، ފާހަގަ ކުރަމެވެ. ޝައްކެއްނެތްގޮތުގައި، ދިވެހި ތާރީޚުގައި، އެންމެ ހަލަބޮލިކޮށް، އަޅުގަނޑުމެންގެ ސިޔާސީ މައިދާން އޮތް މިޙާލަތުގައި ، ރާއްޖޭގެ ފުރަތަމަ ނައިބު ރައީސްގެ ޙައިސިއްޔަތުން ، އެމަނިއްޕުޅުގެ ޚިދުމަތް އަޅުގަނޑުމެންނަށް ލިބިގެންދާކަމީ، ޝުކުރުކުރުން ޙައްޤު، މަތިވެރި ނަސީބެކެވެ. އެމަނިއްޕުޅަށްވުރެ މި މަޤާމަށް ވަކިން ޤާބިލު، އިޚުލާޞްތެރި ތެދުވެރި ޚިދުމަތްތެރިޔަކު މިފަސްގަނޑުން، ފެނުމަކީ ނާދިރުކަމެކެވެ. މރ. އިބްރާހީމް މުޙަންމަދުދީދީއަށްވުރެ ވަކިން ތެދުވެރި، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތަށް އިސްކަން ދެއްވާ، އިޚުލާޞްތެރިޔަކު، މިފަސްގަނޑަށް އުފަންވެފައިނުވާނެކަމުގައި ދަންނަވާލުމަކީ، ދޮގަކަށް ނުވާނެއެވެ.

ނިންމާލުމުގެ ކުރިންވެސް، ތިޔައެންމެ ބޭފުޅުންގެ ހަމްދަރުދީއާއި، އެއްބާރުލެއްވުމަށް އެދި، އަދިވެސް އެއްފަހަރު، އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަމިއްލަ ނަފުސަށާއި ، ﷲ އަށް ވަކީލުކޮށްގެންތިބެ، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނުގެ ، ޤައުމީ ޚިދުމަތުގައި ކުރިޔަށް ދަމާތޯއެވެ؟ އަޅުގަނޑުމެންގެ އަމިއްލަ ނަފުސާމެދު ވިސްނާ ބީދައިން ، އެހެން މީހުންނާމެދުވެސް ވިސްނަމާތޯއެވެ؟ އަޅުގަނޑުމެންގެ ޤައުމީ ޚިދުމަތާއި އަޅުގަނޑުމެންނާ ދެމެދަށް، އަމިއްލަ އެދުމާއި، އެއްވެސްކަހަލަ ނޭއްގާނީ އަދި ނޭދެވޭ އަސަރުތަކެއް ވަނަ ނުދެމާތޯއެވެ؟

ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ، އަދި ތިޔައެންމެ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މައްޗަކަށް , ޤައުމުގެ އެންމެހާ ކަންތައްތައް, އާ އުސްމިންތަކަކަށް، ވާސިލްކޮށްދިނުމުގެ މަތިވެރި ޢަޒުމާއި ހިތްވަރުގައި އަޅުގަނޑު ކުރިޔަށް ދާނަމެވެ. ދިވެހިރައްޔިތުންނަށްޓަކައި، ޤުރުބާންވެ، ނެތިދިއުމަށްވުރެ ވަކިންބޮޑު މަޤްޞަދެއް، އަޅުގަނޑުގެ ނެތެވެ. ކުރިޔަށް ދިވެހި ޤައުމު.