ހަބަރު

ކާނަލް ނާޒިމް މާދަމާ ރޭ ރާއްޖެ ވަޑައިގަންނަވަނީ

ބޭސްފަރުވާއަށް މެލޭޝިއާގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މާދަމާ ރޭ އެނބުރި ރާއްޖެއަށް ވަޑައިގަންނަވަން ނިންމައިފި އެވެ. އެނބުރި ވަޑައިގަންނަވާއިރު ނާޒިމްގެ ޖަލު ހުކުމް ތަންފީޒުކުރުން ސުޕްރީމް ކޯޓުން ވަނީ ފަސްކޮށްފަ އެވެ.

ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމީ ރިވިއުކުރުމުގެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމްގެ މައްޗަށް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރުމަށެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިރޭ ވިދާޅުވީ، ތިން އަހަރާއި 270 ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު މިނިވަނެއްގެ ގޮތުގައި މާދަމާ ރޭ ނާޒިމް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަށްޓަކައި އޭނާގެ އާއިލާއަށާއި ރައްޓެހިންނަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ވިދާޅުވީ، ޑިކްޓޭޓާ ވެރިއަކަށް ރައްޔިތުން ނޫނެކޭ ބުނެ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

ކާނަލް ނާޒިމް މެލޭޝިއާއަށް ބޭސްފަރުވާއަށް ވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބަށްފަހު މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. މެލޭޝިއާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ. އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާ ވެސް ނާޒިމް މެލޭޝިއާގައި ވަނީ ބައްދަލު ކުރައްވާފަ އެވެ.