ހަބަރު

ޖޭއެސްސީއިން ރިޒާ ވަކިކުރުމާއި އަބުރުގެ ގާނޫނު އުވާލުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެންބަރު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލަ އާއި އަބުރުގެ ގާނޫނު އުވާލުމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކޮށްފި އެވެ.

ގާނޫނުން ރިޒާގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަށް އަދާ ކުރަމުން ނުދާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ. އެމައްސަލާގައި ރިޒާ އަށް ޖަވާބުދާރީވާން 15 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެ ދުވަހަށް ވަނީ އިތުރު ތިން ބިލެއްގެ އިބްތިދާއީ ބަހުސްތައް ފެށުމަށް ތައާވަލް ކޮށްފަ އެވެ. އެގޮތުން ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި އަބުުރުގެ ގާނޫނު އުވާލުމުގެ މައްސަލައާ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލްގެ މައްސަލަ އާއި ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އަންނަ ހޯމަ ދުވަހު ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައިވާއިރު، އެޖަލްސާ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އައްޔަން ކުރެއްވި ފަހުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.

އަބުރުގެ ގާނޫނު އުވާލަން ހުށަހަޅާފައިވާއިރު، އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވައުދެކެވެ. އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.