ހަބަރު

ހައުސިން މިނިސްޓްރީ އޮތީ މެނޭޖް ނުކުރެވޭ ވަރުގެ ތަނަކަށް ހަދާފައި: އަސްލަމް

ހައުސިން މިނިސްޓްރީ މިހާރު އޮތީ މެނޭޖް ނުކުރެވޭ ވަރުގެ ތަނަކަށް ހަދާފައިކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދަޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގައި އެކުލަވާލާފައިވާ ޓްރާސްސިޝަަން ކޮމިޓީތަކުން ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ހައުސިން މިނިސްޓްރީއާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ސިވިލް ސާވިސްއިން އެޕްރޫވްކޮށްފައިވާ އޮނިގަނޑާ ގާތް ކުރާ އަދަދަކަށްވެސް ހައުސިންގެ ޑިޕާޓްމަންޓްތަކަށް މުވައްޒަފުން ނުނަގާ ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ޕްރޮޖެކްޓްތަކެއް ކުރިޔަށް ނުގެންދެވި މަޑުޖެހިފައި ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން އެމްއާރުޑީސީ ފަދަ ބޮޑެތި ކުންފުނިތަށް ހައުސިންގެ ދަށަށް ގެނެސް މާސިންގާ އިންސްޓިޓިއުޝަންއަކަށް އެތަން ހަދާފައިވާކަމަށާއި، ހައުސިން މިނިސްޓްރީ ވަނީ މެނޭޖް ނުކުރެވޭވަރުގެ ތަނަކަށް ހަދާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އޭގެ ނަތީއްޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ ކަންނޭގެ. މާލޭގައި ހިންގާ ބައެއް ޕްރޮޖެކްޓަތަކާއި ހުރިހާ ކަމަކަށް ބަލާ އިރު، ކަމެއްކޮށްފަ ދެން އެކަން ދެވަނަ ފަހަރަށް ކުރަން ޖެހުމާއި، މިހުރިޙާ ކަމެއްގެ ފެށުން މިއަންނަނީ މެނޭޖް ނުކުރެވޭވަރުގެ ކަންތައްތަކެއް އެއްތަނަކަށް ގެނެސްލާފަ، އޮގަނައިޒޭޝަނަލީތަން ވީކުވީމަ" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓްރީގައި މިވަގުތުވެސް ސިޔާސީ މަގާމުތަކުގައި 42 މީހަކު އެބަތިބި ކަމަށާއި، އެއީ ވަރަށް ގިނަ އަދަދެއްގެ ބައެއް ކަން އަސްލަމް ވަނީ ފާހަގަކުރައްވާފަ އެވެ. މިގެ އިތުރުން، ފްލެޓް ދިނުމުގައި ސިވިލްސާވަންޓުންގެ ދައުރު ނިމުމަށްފަހު ފޯމްތަށް ދަނީ ހައުސިންގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކޮމިޓީއަކަށް ކަމަށާއި، އެ ކޮމިޓީން ނިންމާ ގޮތެއް ސިވިލްސާވަންޓުންނަކަށް ނޭގެ ކަމަށެވެ. އެހެން ކަމުން އެކަމުގައި ޓްރާންސްޕޭރެންޓް ޕްރޮސެސްއެއް ނެތްކަން ފާހަގަ ކުރެވުނު ކަމަށެވެ.