ވިޔަފާރި

ސްޓާވޫޑް ބްރޭންޑުގެ ރިސޯޓެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވަނީ

Jun 17, 2015

ދ. ވޮށްމުލީގައި ތަރައްގީކުރާ ސްޓާވުޑް ބްރޭންޑުގެ ލަގްޒަރީ ރިސޯޓު އަންނަ އަހަރު ރާއްޖޭގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން ދ. ވޮށްމުލީގައި ތަރައްގީ ކުރާ ސްޓާވުޑް ބްރޭންޑުގެ ފުރަތަމަ ރިސޯޓަކީ 77 ވިލާގެ ރިސޯޓެވެ. މި ރިސޯޓު ތަރައްގީ ކުރަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ އަޕަސްވާމީ ގްރޫޕުންނެވެ.

ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން ގެންދާ ވޮށްމުއްޔަކީ 20 އޭކަރުގެ ބޮޑު ރިސޯޓެކެވެ. މި ރިސޯޓުގައި ސްޕާ އާއި ޕްރައިވެޓް ޓްރީޓްމަންޓް ރޫމްތަކުގެ އިތުރުން ފަސް ރެސްޓޯރެންޓާއި ބާއެއް ވެސް ހުރެ އެވެ.

މިއީ ރާއްޖޭގައި ހުޅުވާނެ އެންމެ ލަގްޒަރީ އެއް ރިސޯޓަށް ވާނެ އެވެ. މި ކުންފުނިން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ލަގްޒަރީ ރިސޯޓްތައް އޮޕަރޭޓް ކުރަމުންނެވެ. ސްޓާވުޑްގެ ބްރޭން ކަމަށްވާ، ޑަބްލިއު އާއި ޝެރަޓަންގެ ރިސޯޓްތައް މިހާރު ވެސް ރާއްޖޭގައި ހންގަ އެވެ.

ނަމަވެސް މި ރިސޯޓް ވެގެން ދާނީ އެ ރިސޯޓްތަކަށް ވުރެ މާ ފެންވަރު މަތީ އަދި ސީދާ ދުނިޔޭގެ އެންމެ މުއްސަދި ޓްއަރިސްޓުންނަށް ހާއްސަކޮށްގެން ހިންގާ ރިސޯޓްތަކަކަށެވެ.