ހަބަރު

ދެ އެކްސިޑެންޓެއް މިރޭ ހިނގައި ހަ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖު ހައިވޭ އާއި ހުޅުމާލޭގައި އެކްސިޑެންޓްތަކެއް ހިނގައި ހަ މީހަކަށް އެކިވަރުގެ އަނިޔާތަކެއް ވެެއްޖެ އެވެ.

މިރޭ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލޭ ބްރިޖް ހައިވޭ މަތިންނެވެ. އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެ ވަނީ ހުޅުމާލޭ ހޮސްޕިޓަަލަށް ގެންގޮސްފަ އެވެ. އެކްސިޑެންޓް ހިނގީ 18:55 ހާއިރު އެވެ. އެކްސިޑެންޓާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް ފުރަތަމަ ގެންގޮސްފައިވަނީ ދެ މީހެކެވެ. އެއީ 20 އަހަރުގެ ދެ ފިރިހެނުންނެވެ. އޭގެ ފަހުން 25 އަހަރުގެ ފިރިހެނަކާއި އިތުރު 20 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ އެކްސިޑެންޓްގައި ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔަ ދެ ފިރިހެނުންނަށް ލިބިފައިވަނީ ކުދި ކުދި އަނިޔާތަކެކެވެ. އެހެން ނަމަވެސް 25 އަހަރުގެ މީހާގެ ނޭފަތުން ލޭ އަންނާތީ އޭނާއަށް ވަނީ އެމަޖެންސީގައި ފަރުވާ ދޭން ފަށާފައެވެ.

މީގެ އިތުރުން، މިރޭ 20:20 ހާއިރު، ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް ހިނގައިގެން ވަނީ ދެ އަންހެނަކާއި ފިރިހެނަކު ވެސް ހުޅުމާލޭ ހޮސްޕިޓަަލަށް ގެންގޮސްފަ އެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ 25 އަހަރުގެ އަންހެނަކާއި، 22 އަހަރުގެ އަންހެނަކު ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އަނިޔާވި 20 އަހަރުގެ ފިރިހެން މީހާ އާއި 25 އަހަރުގެ އަންހެން މީހާގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ. ބާވީސް އަަހަރުގެ އަންހެން މީހާއަށް ލިބިފައިވަނީ ކުދި އަނިޔާތަކެކެވެ. އެ އެންމެނަށްވެސް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.