ޑރ. މުހައްމަދު މުއިއްޒު

މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ރައީސް އެދިވަޑައިގެންފި

މަގުމައްޗަކީ އެންމެނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިކަމަށް އެދިވަޑައިގަތީ "މާކަނާ ޝޯ" އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯ އިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އެނިމޭޓެޑް ވީޑިއޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ފަރުވާ ކުޑަވެގެން ހެދޭ ގޯހެއް ރަނގަޅުކުރުމަށް ދެވަނަ ފުރުސަތެއް ނުލިބިދާނެ ކަމަށެވެ.

"ދިރިއުޅުމަކީ އަގުހުރި އެއްޗެއް، ރައްކާތެރިކަމާއެކު ދުއްވާ!،" ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ވަނީ ގިނަވެފަ އެވެ. އެގޮތުން ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ދެ އެކްސިޑެންޓެއްގައި ވަނީ ދެ މީހަކު މަރުވެފަ އެވެ.

މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.