ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި ލަގޭޖު އުފުލާ ވެހިކަލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ލަގޭޖު އުފުލާ ވެހިކަލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ 45 އަހަރުގެ ދިވެހި ފިރެހެނެކެވެ.

ފުލުހުން ބުނީ އެއާޕޯޓު ލަގޭޖް އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް ލައިޓާއި ކެމެރާ ހަރުކޮށްފައިހުރި ސްޓްރަކްޗާގެ ބުޑުގަނޑުގައި ޖެހުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކްލިނިކަށް ހަވާލާދީ ފުލުހުން ބުނީ ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.

ފުލުހުން ބުނީ އިތުރަށް ބެލުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 9:28 ހާއިރު ކަމަށާއި ބެލި ބެލުމުން ބޭރުފުށުން އެއްވެސް އަނިޔާއެއް ފެނިފައިނުވާ ކަމަށެވެ.

އެމީހާ ސްޓްރަކްޗާގައި ޖެހިފައިވަނީ ސިއްހީ ހާލަތެއް މެދުވެރިވެގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.